އެންމެފަހުން ގޮތްދޫކޮށް ނައިޖަރުން ފައިބަން ފަރަންސޭސިވިލާތުން މަސައްކަތް ފަށައިފި

ފަރަންސޭސި ރައީސް މެކްރޯން

ނިޔާމޭ (7 ސެޕްޓެމްބަރު 2023) : ނައިޖަރުގައި ތިބޭ ފަރަންސޭސި ސިފައިން ބޭލުމަށް ގޮވާލައި އެގައުމުން އަސްކަރީ ސަރުކާރާއި ރައްޔިތުން ގުޅިގެން ފަރަންސޭސިވިލާތަށް ކުރިމަތިކުރަމުން ގެންދާ ފިއްތުންތަކަށް ދީލާލަން ފަރަންސޭސި ސަރުކާރަށް އެންމެ ފަހުން މަޖުބޫރު ވެއްޖެއެވެ.

ފަރަންސޭސި ދިފާއީ ވުޒާރާއިން ބުނީ ނައިޖަރުގައި ތިބޭ ފަރަންސޭސި ސިފައިން ބޭލުމާބެހޭގޮތުން އެ ގައުމުގެ އަސްކަރީ ސަރުކާރާ ވާހަކަދައްކަން ފަށާފައިވާ ކަމަށާއި ފުރަތަމަ ބޭލުމަށް ހަމަޖެހިފައިވަނީ ނައިޖަރުގައިވާ ފަރަންސޭސި ބަރުހަތިޔާރުތައް ކަމުގައެވެ.

ނަމަވެސް ނައިޖަރުގައި ތިބި ފަރަންސޭސި ސިފައިން ބޭލުމުގެ އޮޕަރޭޝަނަށް ފަރަންސޭސި ދިފާއީ ވުޒާރާއިން ދީފައިވާ ނަމަކީ ރީޑިޕްލޮއިމެންޓް ނުވަތަ ސިފައިން އެއްތަނުން އަނެއްތަނަށް ބަދަލުކުރުމުގެ ނަމެވެ. މާނައަކީ ނައިޖަރުގައި ތިބި ފަރަންސޭސި ސިފައިން އެގައުމުގެ މިހާރުގެ ހާލަތަށް ބަލާފައި އެހެންގޮތަކަށް ރުކުރުވާލުމެވެ.

ސިފައިން ބާލަންޖެހޭ ވާހަކަ ބުނުމަކީ ދެރަވުމާއި ބަލިކަށިކަމުގެ އަމަލަކަށްވާތީ ފަރަންސޭސިވިލާތް ފަދަ ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުން ސިފައިން ބޭލުމުގެ އޮޕަރޭޝަންތަކަށް އަބަދުވެސް ދޭ ނަމަކީ "ރީ ޑިޕްލޮއިމެންޓް އޮފް އާމީ" ގެ ނަމެވެ.

މުރާސިލުން ބުނާގޮތުގައި ނައިޖަރުގެ ސަރުކާރާއި ރައްޔިތުންގެ ނުރުހުމުގައި އެ ގައުމުގައި ސިފައިން ދެން ނުބޭތިއްބޭނެކަމާއި ބާރުގެ ބޭނުންކޮށްގެން ވެސް ކާމިޔާބަކާ ހަމައަށް ނުދެވޭނެކަން ފަރަންސޭސި ސަރުކާރަށް މިހާރު ވަނީ ވިސްނެންފަށާފައެވެ. ނައިޖަރުގެ ދެ ސަރަހައްދެއްގައި އަސްކަރީ ދެބޭސް ގާއިމްކޮށްގެން އެ ގައުމުގައި ފަރަންސޭސިވިލާތުގެ ދޮޅު ހާހާއި ދެހާހާ ދެމެދުގެ އަދަދެއްގެ ސިފައިން އެބަތިއްބެވެ.

އެ މީހުން ބޭލުމަށް ނައިޖަރުގެ އިންގިލާބީ ސަރުކާރުން ފަރަންސޭސިވިލާތަށް ގޮވާލިނަމަވެސް ފަރަންސޭސި ސަރުކާރުން ގެންދިޔައީ އެކަމަށް އިޖާބަދިނުމަށް ފަސްޖެހެމުންނެވެ. ނަމަވެސް ފަރަންސޭސި ސިފައިން ނައިޖަރުގައި ތިބޭ ތިބުމާދެކޮޅަށް އެންމެފަހުން ނައިޖަރުގެ އާންމު ރައްޔިތުން ތެދުވެ ފަރަންސޭސި ސިފައިން ތިބޭ އަސްކަރީ ދެ ބޭސް ހިސާރު ކުރުމުން ފަރަންސޭސި ސަރުކާރުން ވަނީ ސިފައިން ބާލަން ތައްޔާރަށް އޮތްކަން ނައިޖަރުގެ އަސްކަރީ ސަރުކާރަށް އަންގާފައެވެ. އެއީ ނައިޖަރުގެ ސަރުކާރުގެ އެއްބާރުލުންނެތި ފަރަންސޭސި ސިފައިންނަށް ބޭނުންވާ ފެނާއި ކާބޯތަކެތިވެސް ނުލިބޭނެކަން އެނގޭތީއެވެ.

ފަރަންސޭސި ސިފައިން ބޭލުމަށް ގޮވާލައި ނައިޖަރުގެ ރައްޔިތުން މުޒާހަރާ ކުރަނީ

ނައިޖަރުގެ ސިފައިން މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ވަނީ އެ ގައުމުގައި ރައީސް މުހައްމަދު ބާޒޫމްގެ ސަރުކާރު އަސްކަރީ ބަޣާވާތަކުން ވައްޓާލައި ބާޒޫމްއަކީ ފަރަންސޭސިވިލާތުގެ ގޮނޑިކޮއްކޮ އެއްކަމަށް ސިފަކޮށްފައެވެ. އަދި ނައިޖަރުގެ ސަރުކާރުތަކަށް ރިޝްވަތު ދީގެން ފާއިތުވި ފަސްދޮޅަހަކަށް އަހަރުތެރޭގައި އެ ގައުމުގެ ގުދުރަތީ ވަސީލަތްތައް ފަރަންސޭސިވިލާތުން ނުއަގުގައި ގަނެ ގައުމު ދަވާލުމުގެ އިސްތިއުމާރީ ސިޔާސަތެއް ގެންގުޅޭކަމުގެ ތުހުމަތުވެސް ނައިޖަރުގެ ވެރިކަން ވައްޓާލި އިންގިލާބީ ވެރިން ވަނީ ފަރަންސޭސިވިލާތުގެ މައްޗަށް ކޮށްފައެވެ.

ރައްދުގައި ފަރަންސޭސިވިލާތުން ވަނީ ނައިޖަރުގެ އިންގިލާބީ ސަރުކާރަކީ ޝަރުއީ ސަރުކާރެއް ނޫންކަމާއި އެއީ ބަޣާވާތުގެ ސަރުކާރެއް ކަމަށް ސިފަކޮށްފައެވެ. މިއާއެކު ނައިޖަރުގެ އަސްކަރީ ސަރުކާރުންވަނީ 48 ގަޑީއިރު ތެރޭގައި ގައުމު ދޫކޮށް ފުރާވަޑައިގަތުމަށް އެ ގައުމުގައި ހުންނަވާ ފަރަންސޭސި ސަފީރަށް މިދިޔަ ހަފްތާގައި އަންގާފައެވެ. ނަމަވެސް އޭނާ ވަނީ އެކަމަށް ގޮންޖައްސަވައި ފުރާވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ.

ނަތީޖާއަކަށްވީ ނައިޖަރުގެ އާންމުން ފަރަންސޭސި ސަފީރު ދިރިއުޅުއްވާ ގެކޮޅާއި އެންބަސީގެ އިމާރާތް ހުންނަ އެކުވެނި ވަށާލައި އެތަން ހިސާރުކުރުމެވެ. މިއާއެކު ނައިޖަރުގެ އަސްކަރީ ސަރުކާރުން ވަނީ ފަރަންސޭސި ސަފީރު ދިރިއުޅުއްވާ ގެކޮޅާއި އެންބަސީގެ އިމާރާތް ހުންނަ އެކުވެނިން ކަރަންޓާއި ފެންވެސް ކަނޑާލާފައެވެ.

ސިފައިން ބޭލުމާބެހޭގޮތުން ނައިޖަރުގެ އަސްކަރީ ސަރުކާރާއެކު ވާހަކަ ދެއްކިނަމަވެސް ސަފީރު އަނބުރާ ގެންދިޔުމާމެދު ފަރަންސޭސި ސަރުކާރުން ގެންގުޅޭ ހަރުކަށި ގޮތްތައް ދޫކޮށް ނައިޖަރުގެ މިނިވަންކަމާއި ސިޔާދަށް އިހުތިރާމް ކުރުމަށް ފަރަންސޭސިވިލާތުން އަދިވެސް ގެންދަނީ ފަސްޖެހެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް