އަލިފާނުގެ ހާދިސާ: ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

ވެގަ ޕޮއިންޓު ފިހާރައިގައި ރޯވެ ލިބުނު ގެއްލުންތައް --- ފޮޓޯ/ އެމްއެންޑީއެފް

ރަތްވިލާ ގޯޅީގައި ހުންނަ ވެގަ ޕޮއިންޓުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ އިއްޔެ އަލިފާނުގެ ހާދިސާ ހިނގި މި އިމާރާތް ތަޅާ ސާފު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާތީ, އެ އިމާރާތާ އިން ވެގެން ހުރި އިމާރާތުގައި ދިރިއުޅޭ މީހުންނަށް މި ވަގުތު އެ އިމާރާތުގައި ދިރިއުޅެން ރައްކާތެރި ނޫން ކަމަށް އެ އޮތޯރިޓީއަށް ފާހަގަ ކުރެވުމުގެ ސަބަބުން މިހާރު އެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފައިވާ ކަމަށެވެ.

އިއްޔެ ހިނގި އަލިފާނުގެ މި ހާދިސާގެ ސަބަބުން ވަގުތި ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ އެ އިމާރާތާ ޖެހިގެން ހުރި އިމާރާތުގައި ދިރިއުޅޭ ހަތަރު މީހަކަށެވެ.

އެންޑީއެމްއޭގެ އޮފިޝަލަކު މިއަދު 'ސަން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިން ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ދެ ފިރިހެނުންނާއި ދެ އަންހެނުން ކަމަށެވެ. އެ ހަތަރު މީހުންނަކީ ވެސް އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ އިމާރާތާ އިން ވެގެން ހުރި އިމާރާތުގެ ތަފާތު ދެ ފްލޯއެއްގައި ދިރިއުޅޭ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް އޭނާ ވިދާޅުވީ އެ މީހުން އެހެން ތަނަކަށް ވަގުތީ ގޮތުން ބަދަލު ކުރީ އެ އިމާރާތް ތަޅާ ސާފު ކުރަމުން އަންނާތީ މިހާރު ވެސް ވިޝުއަލައިޒްޑް ބައެއް ގެއްލުންތަށް އެ މީހުން ދިރިއުޅޭ އިމާރާތަށް ލިބިފައި ހުރުމުގެ ސަބަބުން އެ މީހުންގެ ރައްކާތެރި ކަމަށް ކަމަށެވެ.

އިއްޔެ ރޭ ފަތިހު 4:30 ކަންހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި މުޅި އެ ދެ ފްލޯއާއި އެ ތަނުގައި ހުރި ހުރިހާ މުދަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ. އަދި ފިހާރަ ކުރިމަތީ ޕާކް ކޮށްފައި ހުރި 15 ސައިކަލް ވެސް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

comment ކޮމެންޓް