ކުނި އުކާލުމަށް ވެމްކޯއިން މާލޭގައި ނަގާ އަގުތައް ވަރަށް ބޮޑުކަމަށާއި އެއީ ރައްޔިތުންނަށް ބޮޑުތަކުލީފެއްކަމަށް ސިފަކުރައްވާ އޭނާގެ ވެރިކަމެއްގައި އެ އަގުތައް ކުޑަކޮށްދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު މާފަންނުގައި ހުރި ޕީޕީއެމްގެ ޖަގަހައެއް ހުޅުއްވައިދެއްވުމަށްފަހު އޭނާ ވިދާޅުވީ ކުނި ނަގާ އަގުތައް ބޮޑުކޮށްގެން ރައްޔިތުންނަށް ނުތަކާވަރުގެ ބުރައެއް ޖައްސައިފައިވާ ކަމަށެވެ.
އޭގެ ސަބަބުން، އާންމު ރައްޔިތުންގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވެސް ބަނގުރޫޓޫވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާގެ ވެރިކަމެއްގައި އަތްފޯރާފަށަށް އެ އަގުތައް ތިރިކޮށްދޭނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
"އޭރުން އާންމު ރައްޔިތުންނަށް އަތްފޯރާފަށުގެ އަގުތަކަކަށް ވެގެންދާނެ. މި ވެމްކޯއިން އަގު ބޮޑުކޮށްގެން އުޅެނީ ކުންފުންޏަށް ފައިދާ ނުވެގެންނެއް ނޫން. ކުންފުނި ހިންގަން ނޭނގިގެން މިއުޅެނީ،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުންފުނި ހިންގަން އެނގޭ ވެރިން ލައިގެން ރަނގަޅަށް ސްޓްރަކްޗާކޮށްގެން ހިންގާނަމަ ވެމްކޯއަކީ ފައިދާވާ ތަނަކަށް ހެދޭނެ ކަމަށެވެ.
އޭނާގެ ވެރިކަމެއްގައި އަގުތައް ހެޔޮކުރުމުގެ އިތުރަށް ކުންފުނި ހިންގުން ވެސް ވަރުގަދަކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީހުން ދިރިއުޅޭ ގޭބިސީތައް ފިޔަވާ އެހެން ތަންތަނުން ކުނި އުކާލުމަށް ވެމްކޯއިން ނަގާ ފީއަށް ބަދަލު ގެނައީ މިދިޔަ ޖުލައި މަހުން ފެށިގެންނެވެ. އެ އަގުތައް އުޅެނީ 250ރ. އާއި 950ރ. އާ ދެމެދުގައެވެ. އެ ކަމާ ގުޅިގެން ބައެއް ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.