ޑިގްރީ ހާސިލްކުރާ ޓީޗަރުން ދެ އަހަރު މަޑުކުރުމަކާ ނުލާ ލެވެލް ހަތަކަށް ބަދަލުކުރަނީ

އެޑިއުކޭޝަން މިނިސްޓަރު ސްކޫލެއްގެ ޓީޗަރުންނާ، ދަރިވަރުންނާއި އެކު-- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ބެޗްލާސް ޑިގްރީ ހާސިލްކުރާ ޓީޗަރުން، ޑިގްރީ ނެގުމަށްފަހު އިތުރު ދެ އަހަރު މަޑުކުރުމަކާ ނުލާ ލެވެލް ހަތަކަށް ބަދަލުކުރަން ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި ބަދަލު ގެނައުމަށް ނިންމާފައި ވަނީ ކިޔަވައިދޭ މުދައްރިސުންނަކީ ތައުލީމީ ގޮތުން ފެންވަރު ރަނގަޅު ބަޔަކަށް ހެދުމަށްޓަކައި ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަކީ އެންމެ ދަށްވެގެން ޑިގްރީ ލެވެލްއަށް ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތަކަކަށް ހެދުމުގެ މަގްސަދުގައި ކަމަށެވެ.

މި މަގްސަދު ހާސިލްކުރުމުގެ ގޮތުން ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސާވިސް ރޭންކް ފަހެއް (ޑިޕްލޮމާ ލެވެލް)ގެ ޓީޗަރުންގެ މަގާމްތައް ސްކޫލް ސްޓާފް ރިކުއާމަންޓްގައި ހިމަނައި، އެފަދަ ޓީޗަރުން ޑިގްރީ ހާސިލްކުރުމުން ޕަބްލިކް ސާވިސް ރޭންކް ހަތެއްގެ (ބެޗްލާސް ޑިގްރީ ލެވެލް)ގެ މަގާމަށް ހަމަޖެއްސުމުގެ ގޮތުން އޮނިގަނޑަށް ވަނީ ބަދަލު ގެނެސްފައެވެ.

އެ ކޮމިޝަނުން މިއަދު ވަނީ އެ މިންގަނޑާ އެއްގޮތަށް ސްކޫލްތަކުގެ ސްޓާފް ރިކުއާމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ފާސްކުރުމަށް ކޮމިޝަނަށް ހުށަހެޅުއްވުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައެވެ.

މިކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަލީ ވިދާޅުވީ، މިހާރުގެ އޮނިގަނޑު އެކުލަވާލާފައިވާ ގޮތުން ނަމަ ޑިގްރީ ލެވެލް ހާސިލްކުރާ ޓީޗަރަކު ލެވެލް ހަތެއްގެ ރޭންކް ހާސިލްކުރުމަށް އިތުރު ދެ އަަހަރު މަޑުކުރަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް މި ބަދަލާއެކު ދެ އަހަރު މަޑުކުރުމެއް ނެތި އެ ޓީޗަރަކަށް މަގާމުގެ ޕްރޮމޯޝަން ލިބިގެންދާނެ ކަން ފާހަގަކުރެއްވިއެވެ.

"މިހާރުވެސް ޑިޕްލޮމާ ލެވެލްގެ ޓީޗަރުންގެ ތެރެއިން 1،680 އެއްހާ ޓީޗަރުން ޑިގްރީ ލެވެލްއަށް ކިޔަވަމުން އެބަ ދޭ. އެހެންވީމަ މިއީ ޓީޗަރުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރެއް،" އަޙްމަދު އަލީ ވިދާޅުވިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނި ގޮތުގައި މި ރިކުއާމަންޓް ފާސްވުމުން އެ މިންގަނޑުގެ ތެރެއިން އުފައްދަންޖެހޭ މަގާމުތައް އުފެއްދުމަށް ކޮމިޝަނަށް ހުށަހަޅައި މަގާމްތައް އުފައްދައި، މި މަސްތެރޭގައި އަމަލުކުރަން ފަށާނެ ކަމަށެވެ. އެގޮތުން ސްކޫލްތަކާ ގުޅިގެން މިނިސްޓްރީން ޓީޗަރުންގެ މަގާމްތައް ބަދަލުކުރުން ކުރިއަށް ގެންދާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް