ރައީސް ވިދާޅުވީ އެ މަނިކުފާނަށް 130،000 ވޯޓު ޔަގީންކަމަށް

ރައީސް ރ. އަނގޮޅިތީމުގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ޓަކައި 130،000 ވޯޓު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރ. އަނގޮޅިތީމުގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާތަނަށް އިންތިޚާބެއްގައި ވާދަކުރާ އެންމެ ބޮޑު ކޯލިޝަނަކީ އެމްޑީޕީ، އެމްޑީއޭ އަދި އަދަލާތުގެ ކޯލިޝަން ކަމަށެވެ.

"މިއަދު އަޅުގަނޑުމެން އިންތިޚާބަށް ކުރިމަތިލައިފައި ތިބި އިރުގައި އަޅުގަނޑަށް ފުރިހަަމަ ޔަގީންކަން އެބައޮތް އިންތިޚާބު އެއްބުރުން ނެގޭނެކަމުގެ. ވޯޓުލައި މީހުންގެ 90 ޕަސެންޓް މީހުން ވޯޓުލާނެ ކަމަށް ބެލިޔަޔަސް ވެސް އަޅުގަނޑުމެން މިއަދު ވެސް މި ތިބީ އިރާދަކުރެއްވިއްޔާ 130،000 ވޯޓު ކަށަވަރު ކޮށްގެން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިއީ ވާދަވެރިންނަށް އަރައި ހަމަކުރެވޭނެ އަދަދެއް ނޫންކަމަށެވެ.

މީގެ އިތުުރުން ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީކުރެވޭނީ އެކިއެކި ފިކުރާއި ޚިޔާލުތައް އެކުވެގެންކަމަށެވެ.

"އެމްޑީއޭއާއި އަދާލަތު ޕާޓީގެ ޚިޔާލާއި ވިސްނުން އަޅުގަނޑުމެންގެ ތެރެއަށް އައުމުން އަޅުގަނޑު ހިތުން މުޅި ރާއްޖޭގެ ވިސްނުން އަޅުގަނޑުމެންނާއެކު މި އޮތީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ވަޑައިގެންނެވުނު ކޮންމެ ރަށަކުން ވެސް ފެނިވަޑައިގަންނަވަނީ ސިޔާސީ ހަލަބޮލިކަމުން ދުރުވެ، ތަރައްގީއާއެކު ކުރިއަށްދާން ބޭނުންވާކަން ކަމަށެވެ.

ދެވަނަ ދައުރެއްގައި އަނގޮޅިތީމުގައި ހިންގާނެ މަޝްރޫއުތައް:

  • ބަނދަރުގެ މައްސަލަ ހައްލުކުރުން
  • މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުން
  • ބޮޑު ތިން މަގެއްގައި ތާރު އަޅައި ރިންގް ރޯޑް ހެދުން
  • ކައުންސިލަށް އައު އޮފީސް އިމާރާތެއް އެޅުން
  • ހޭންޑް ބޯޅަ ކޯޓެއް އެޅުން

މީގެ އިތުރުން ރައީސްވަނީ މި ރ. ރަސްގެތީމަށް މުހިންމު ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެ ކަންކަމަކީ:

  • ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީކުރުން
  • ސިއްހީ މަރުކަޒުގެ ޚިދުމަތް ރަނގަޅުކޮށް އެކްސްޓެންޝަން އިމާރާތެއް އެޅުން
  • މަލްޓިޕާޕަސް ހޯލް އެޅުން
  • ނެރު ފައިކަށި ދިގުކޮށް ބަނދަރު ބޭރުގައި ދޯނި އެޅޭގޮތް ހެދުން
  • ކަލްޗަރަލް ސެންޓަރެއް ގާއިމްކުރުން
  • މޫދަށް އެރޭ ސަރަހައްދެއް ގާއިމްކުރުން
  • އޭޓީއެމް ގާއިމްކުރުން
  • ކުޑަކުދިންގެ ޕާކެއް ހެދުން
comment ކޮމެންޓް