ތެހެރާން (5 ސެޕްޓެމްބަރު 2023): އީރާނާއި ސައޫދީ އާއި ތުރުކީން އިގްތިސާދީ ސަރަހައްދެއް ގާއިމްކުރަން މަސައްކަތް ކުރާކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައި ވަނިކޮށް އީރާނާއި ސައޫދީ އާ ދެމެދު އިގްތިސާދީ ގުޅުންތައް ބަދަހިކުރަން މަސައްކަތް ކުރާކަމަށް އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވެއްޖެއެވެ.
އީރާނުން ސައޫދީއަށް ކަނޑައެޅި ސަފީރު އަލީ ރިޟާ އިނާޔަތީ ސައޫދީއަށް ފުރާވަޑައިގަންނަވާތީ އޭނާއަށް ލަފައާއި މަޝްވަރާ ދެއްވަމުން ރައީސީ ވިދާޅުވީ ސަރަހައްދުގައި ހަމަޖެހުން ގާއިމް ކުރުމަށާއި ހުޅަނގުގެ ބާރުތައް ސަރަހައްދުގައި ހަންފެތުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓުވުމަށް ޓަކައި އީރާނާއި ސައޫދީން އިގްތިސާދީ ގުޅުންތައް ބަދަހިކުރުން މުހިއްމު ކަމުގައެވެ.
އީރާނުން ސައޫދީއަށް ސަފީރަކު ކަނޑައަޅާފައި މިވަނީ ދެގައުމުގެ ގުޅުންތައް ކެނޑިފައިވާތާ ހަތް އަހަރަށްފަހު ޗައިނާ އިސްކޮށް އޮވެގެން މިއަހަރުގެ ކުރީކޮޅު އެ ދެ ގައުމުން އަލުން ގުޅުންތައް އުފެއްދުމާ ގުޅިގެންނެވެ. ގުޅުންތައް އުފެއްދިފަހުން އީރާނާއި ސައޫދީންވެސް ވަނީ ކޮންމެ ގައުމަކުންވެސް އަނެއްގައުމުގައި އަލުން އެންބަސީ ހުޅުވާފައެވެ. އަދި އެދެގައުމުންކުރެ ކޮންމެ ގައުމެއްގެ ޚާރިޖީ ވަޒީރުވެސް ވަނީ އަނެއް ގައުމަށް ޒިޔާރަތް ކުރައްވާފައެވެ.

ސައޫދީ ސަރުކާރުންވަނީ ސައޫދީ ކުންފުނިތަކުން އީރާނުގައި އިންވެސްޓް ކުރާނެކަން ދާދިފަހުން ހާމަކޮށްފައެވެ. އީރާނުން ސައޫދީ އަށް ކަނޑައެޅި ސަފީރު އަލީ ރިޟާ އިނާޔަތީ މިއަދު ސައޫދީ އަށް ފުރާވަޑައިގަންނަވާނެއެވެ.
އަނެއްކޮޅުން އީރާނުގެ ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހްޔާން ވަނީ އީރާނާއި ތުރުކީއާއި ސައޫދީ ގުޅިގެން އިގްތިސާދީ ސަރަހައްދެއް ގާއިމް ކުރަން މަސައްކަތްކުރާކަމަށް ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވީ ތުރުކީގެ ޚާރިޖީ ވަޒީރު ހާކަން ފިދާން އީރާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އޭނާ އާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ގަލްފާއި މެދުއިރުމަތީގައިވާ އެންމެ ބާރާއި ނުފޫޒުގަދަ ތިން ގައުމަކީ އީރާނާއި ތުރުކީ އަދި ސައޫދީ އަރަބިއާ އެވެ. ކުރިން މިސްރަކީވެސް މެދުއިރުމަތީގައި ވަރަށް ނުފޫޒުގަދަ ގައުމެކެވެ. ނަމަވެސް 1970 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން މިސްރުގެ ލީޑިން ދައުރު މެދުއިރުމަތީގައިވަނީ ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފައެވެ. މިކަމުގެ ސަބަބުތަކުގެ ތެރޭގައި މިސްރު އިގްތިސާދީ ހާލަތު ދަށްވުމާއި އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށުގައި މިސްރު ފިތިފައި އޮތުން ހިމެނެއެވެ.
ނަމަވެސް މިފަހަކަށް އައިސް މިސްރު ވަނީ ސައޫދީ އެކޭ އެއްގޮތަށް އެމެރިކާއާ ކުޑަކޮށް ފެއަށް ޖެހެން ފަށާފައެވެ. އަދި މިސްރާއި ސައޫދީއަށް މިހާރުވަނީ އެމެރިކާއާ ވާދަކުރާ ޗައިނާއާއި ރަޝިއާ ލީޑުކުރާ "ބްރިކްސް" ޖަމާއަތުގެ މެންބަރުކަންވެސް ލިބިފައެވެ. އީރާނަކީވެސް އަލަށް "ބްރިކްސް"ގެ މެންބަރުކަން ލިބުނު ގައުމެކެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު އީރާނަށް ކުރެއްވި ދަތުރުފުޅުގައި އެ ދެ ގައުމުގެ ކަމާބެހޭ މަސްއޫލުވެރިން ވަނީ އިގްތިސާދާއި ވިޔަފާރިއާއި ސިނާއަތާބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ. އީރާނާއި ތުރުކީއަކީ މިހާރުވެސް އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބޮޑު ދެގައުމެވެ.
ތުރުކީން ގިނަ އަދަދަކަށް އީރާނުން ތެލާއި ގޭސް ގަންނައިރު ތުރުކީގެ ޓެކްސްޓައިލް އާއި އެނޫންވެސް ސިނާއީ އުފެއްދުންތައް އީރާނުން އިންޕޯޓް ކުރެއެވެ. ދެގައުމުގެ މެދުގައި ފަތުރުވެރިކަމުގެ މުއާމަލާތްތައްވެސް ވަރަށް ފުޅާކޮށް ކުރިޔަށް ދެއެވެ.