އުތުރުގެ ރަށްތަކުގައި އާދަޔާ ޚިލާފަށް މަސް މަރުވަނީ

މަރުވެފައި ވާ ގިނަ އަދަދެއްގެ ރޮނޑުތަކެއް ކޮތަޅަކަށް އަޅާފަ --

ރާއްޖޭގެ އުތުރުގެ ރަށްތަކުގައި އާދަޔާ ޚިލާފަށް ގިނައިން މަސް މަރުވާން ފަށައިފިއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެފަދަ މައްސަލައެއް އެ އެޖެންސީގެ ސަމާލުކަމަށް އައިސްފައި ވާކަމަށެވެ. ނަމަވެސް، އެކަމާ ގުޅިގެން އަދި އެއްވެސް ކަހަލަ ފިޔަވަޅެއް ނާޅާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިމާވެށީގެ ދާއިރާއިން ތައުލީމު ހާސިލް ކުރައްވާފައިވާ ޑރ. އިބްރާހީމް މުހައްމަދު ވެސް ވަނީ މިކަމާ ގުޅިގެން ޓްވިޓާގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި ހާދިސާ ހިނގާކަމަށް ބޮޑަށް ފާހަގަ ކުރެވެނީ ށ، ނ އަދި ރ. އަތޮޅުގައި ކަމަށެވެ.

ޑރ. އިބްރާހީމް ވިދާޅުވީ، އޭނާއަށް މައުލޫމާތު ލިބިފައި ވާގޮތުގައި އެންމެ ގިނައިން މަރުވާކަމަށް ފާހަގަ ކުރެވެނީ ރޮނޑު ކަމަށެވެ. މަރުވެފައި ވާ ގިނަ އަދަދެއްގެ ރޮނޑުތަކެއް ކޮތަޅަކަށް އަޅާފައި ވާ ފޮޓޯއެއް ވެސް އޭނާ ވަނީ ޓްވިޓާގައި ހިއްސާކޮށްފައެވެ.

މިއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން 2007ވަނަ އަހަރު ވެސް މިފަދަ ބޮޑު ހާދިސާއެއް ރާއްޖޭގައި ހިނގިކަން ޑރ. އިބްރާހީމް ވަނީ ފާހަގަ ކުރައްވާފައެވެ.

"ކުރިން ވެސް ހަމަވީ މިހެން ވީ. މ. ދ. އަތޮޅު ހިސާބުން ފެނިފަ ދެން މާލެ އިންނާ ހުރިހާތަކަމުން މަރުވެފަ ހުރި މަސް ފެންނަން ފެށީ،" މިފަހަރު ވެސް އެފަދަ ބޮޑު ހާދިސާއެއް ހިނގުން އެކަށީގެން ވާކަމަށް ޑރ. އިބްރާހީމް ވިދާޅުވިއެވެ.

އެފަހަރު ގިނަ އަދަދެއްގެ މަސްތަކެއް މަރުވުމާ ގުޅިގެން ރިސާޗެއް ވެސް ހެދިކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ދިގު މުއްދަތުގެ ދިރާސާތައް ނުކުރެވޭ ކަމުގެ ކަންބޮޑުވުން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ދިގު މުއްދަތުގެ ދިރާސާތައް ނުކުރެވުމުގެ ސަބަބުން މިފަދަ މައްސަލަތައް ދިމާވާން މެދުވެރިވާ ސަބަބު ނޭންގޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަސް މަރުވުމަށް މެދުވެރިވާ ގިނަ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ނައީމް ފާހަގަ ކުރެއްވި ގޮތުގައި އެ ސަރަހައްދުގައި ކުރެވޭ މަސައްކަތެއްގެ ސަބަބުން ވެސް ގިނަ އަދަދެއްގެ މަސް މަރުވުމަށް މަގުފަހިވެއެވެ.

"ބައެއް ފަހަރު ބިން ހިއްކުމުގެ މަސައްކަތަށް ތަންތަން ބައްދާލާ ކަންތައްތައް ކުރީމަ އެތަނުން މަސް މަރުވުން ދިމާވޭ. ދެން ހޫނު ގަދަވުމާ އަދި ބައެއް ކަހަލަ ޕްލޭންކްޓަން ކަހަލަ އެއްޗިހި ހުންނަ ވަރަށް ވުރެ އިތުރު ވީމަ ވެސް މަސް މަރުވުމުގެ ކަންތަކާ ކުރިމަތިވޭ،" ނައީމް ވިދާޅުވިއެވެ.

ނަމަވެސް، ބޮޑަށް ބެލެވެނީ މިއީ ގުދުރަތީ ކަމެއް ކަމަށް ނައީމް ވިދާޅުވިއެވެ.

މިފަދަ ހާދިސާތަކުގައި އެންމެ ގިނައިން މަރުވާކަމަށް ފާހަގަ ވަނީ ރޮނޑެވެ. ސަބަބުތަކުގެ ތެރޭގައި، ރޮނޑުގެ އާބާދީ ބައެއް ފަހަރަށް ގިނަވެ އެ މަސްތައް އޮކްސިޖަން ނުވަތަ ކާނާއަށް ޖެހުން ހިމެނެއެވެ.

މަސް މަރުވުމުގެ ހާދިސާތައް ރާއްޖޭގެ އިތުރުން އަވައްޓެރި އިންޑިއާ އާއި ސްރީ ލަންކާގައި ވެސް ދޭތެރެދޭތެރެ އިން ކުރިމަތި ވެއެވެ. ގިނަ ފަހަރަށް މިފަދަ ކަންކަން ކުރިމަތި ވަނީ ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވާ މައްސަލައެއްގެ ސަބަބުންނެވެ.

comment ކޮމެންޓް