މުއިއްޒުގެ ވައުދު: އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް މަތިވެރި ފަޅުގައި އަޅާނަން

މުއިއްޒަށް މަތިވެރިން މަރުހަބާ ކިޔަނީ --

އއ. މަތިވެރި ފަޅުގައި މި އަތޮޅުގެ ފުރަތަމަ އެއާޕޯޓް އަޅަން ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފިއެވެ.

ތާއީދު ހޯއްދެވުމަށް އަތޮޅުތެރެއަށް ކުރައްވާ ދަތުރުގައި މިއަދު މަތިވެރިއަށް ވަޑައިގެން އޭނާ ވިދާޅުވީ މި ސަރަހައްދުގެ އިގްތިސޯދު ކުރިއަރުވައި ވަޒީފާގެ ފުރުސަތުތައް ގިނަކުރަން ޖެހޭ ކަމަށެވެ. އަދި މި އަތޮޅަކީ ޓޫރިޒަމަށް އެންމެ ގިނަ ފުރުސަތު އޮތް އަތޮޅުކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"މި ސަރަހައްދަށް އިތުރަށް ޓޫރިޒަމް ފުޅާވާންޖެހޭނެ. އެހެންވީމަ އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނީ މި ރަށާއި މި ސަރަހައްދު ހިމެނޭ ގޮތަށް ޓޫރިސްޓު ރިސޯޓްތަކާއި ޓޫރިޒަމްގެ އެކިއެކި ފުރުސަތުތައް ފަހިކޮށްދިނުން،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކަމަށް އެންމެ މުހިންމީ މި ސަރަހައްދުގައި އެއާޕޯޓެއް އޮތުން ކަމަށާއި އެ އެއާޕޯޓް މަތިވެރިފަޅުގައި އަޅުއްވައިދެއްވާނެ ކަަމަށެވެ. އަދި ވަރަށް އަވަހަށް ކުރިއަށް ގެންދާ މަޝްރޫއަކަށް ހައްދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މި ރަށުގެ ބިން ހުސްވެފައި އޮތީ. ބިން އިތުރުކުރަން ޖެހޭ. އެއާޕޯޓް ހަދާއިރު ރަށުގެ މުސްތަގުބަލަށް ބޭނުންވާ ގެދޮރުާއި އެކި މަސައްކަތްތައް ކުރާނެ ޖާގަ، އެއާޕޯޓާއެކީ ރަށަށް ބޭނުންވާ ބިން ވެސް އިތުރުވާ ގޮތަށް ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުން އަނެއްކާ ވެސް ބޭނުންވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތަރައްގީ އަނބުރާ ގެންނަން ކަމަށެވެ. އަދި އޭނާ ވެރިކަމަށް ކުރިމަތިލެއްވީ ސާފުހިތަކާއެކު ރައްޔިތުންނަށް ކަންކަން ކޮށްދެއްވަން ކަމަށް ވެސް ވިދާޅުވިއެވެ.

އއ. އަތޮޅަކީ ރާއްޖޭގައި މިހާރު އެއާޕޯޓެއް ނޯންނަ މަދު އަތޮޅުތަކުގެ ތެރެއިން އަތޮޅެކެވެ.

comment ކޮމެންޓް