އެމްއެންޔޫއިން 'ފަހި ކުތުބުޚާނާ' ބާއްވަނީ

2022 ވަނަ އަހަރުގެ އެމްއެންޔޫ "ފަހި ކުތުބުޚާނާ" ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން އަންނަ މަހުގެ 26 ވަނަ ދުވަހު 'ފަހި ކުތުބުޙާނާ' ގެ ނަމުގައި އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

މި އިވެންޓަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެކި އަތޮޅު ތަކުގައި ހުރި އެކި ކަހަލަ މައުލޫމާތުތަކާއި ރަށް ތަކާ ބެހޭގޮތުން ނޭންގޭ އެކި ކަހަލަ މައުލޫމާތުތަކާއި، އެކި ރަށްތަކާ ބެހޭގޮތުން ނޭންގޭ ބައިވަރު މައުލޫމާތުތަކެއް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ހިންގޭ ހަރަކާތެކެވެ.

އަދި މިއީ ދިވެހި ރާއްޖޭގެ އެންސައިކްލޮޕީޑިއާއެއް ރިއަލްޓައިމްގައި ތަޖުރިބާ ކޮށްލާ، ރާއްޖޭގެ އަތޮޅުތަކާ ގުޅުވާލާ، އެ ރަށްރަށަށް ޒިޔާރާތް ކޮށްލެވޭ ފަދަ އިހުސާސެއް މި ހަރަކާތުގައި ބައިވެރިވާ ބައިވެރިންނަށް ލިބޭނޭ ގޮތަށް ފަރުމާ ކުރެވިފައިވާ ހަރަކާތެކެވެ. މި ހަރަކާތުގެ އަލީގައި ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު އެއްތަނަކުން ހޯދޭނެއެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްތަކާ ބެހޭގޮތުން ނޭންގޭ ބައިވަރު އެކި ކަހަލަ މައުލޫމާތު ތަކެއް މީހުންނަށް ފޯރުކޮށްދިނުމާއި، ރާއްޖެ ތަމްސީލްކުރާ އެކި ކަހަލަ ރޮނގުތަކުގައި މަސައްކަތް ކޮށްދެއްވާފައިވާ ބޭބޭފުޅުންގެ ހަނދާންއާކޮށްލުން އަދި މި ޖީލުގެ ދަރިންނަށް
އެބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ދައްކާލުމަށް ފުރުސަތެއް ދިނުން ކަމަށް އެމްއެންޔޫއިން ބުނެއެވެ. އެގޮތުން މި އިވެންޓްގައި އަދަބީ ބޭބޭފުޅުންގެ މަސައްކަތަކާއި، ދަނޑުވެރިންނާއި، މަސްވެރިންނާއި، ލިޔެލާ ނުވަތަ އަތްތެރި މަސައްކަތްތައް އަދި މި ނޫނަސް ބައިވަރު ދާއިރާތައް ހިމެނެއެވެ.

މީގެ އިތުރުން މި ހަރަކާތުގައި ކުޑަ ކުދިންނަށް ޙާއްސަ ކޮށްގެން ގިނަ ކުޅިވަރުތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.

މި ހަރަކާތް އޮންނާނީ އަންނަ މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4 އިން ރޭގަނޑު 10 އަކާ ހަމައަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގައެވެ.

ވީހާވެސް ގިނަ ބޭފުޅުން ޚާއްސަކޮށް ސްކޫލުތަކުގެ ދަރިވަރުން މި އިވެންޓުގައި ބައިވެރިވުމަށް ގައުމީ ޔުނިވާސިޓީން އެދިލައްވައެވެ.

comment ކޮމެންޓް