މާފު ކުރައްވާ، އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރެވޭކަށް ނެތް: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހީމް --

ސިޔާސީ ޕާޓީތަކަށް ވެރިކަން ހޯދައިދޭން އުޅުއުޅެ ވަރުބަލި ވެއްޖެ ކަމަށާއި އެހެންވެ، މީގެ ފަހުން ވަކި މީހަކަށް ތާއީދު ކުރެވޭކަށް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެންޕޭނަށް ފުވައްމުލަކަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ޕާޓީތައް ހަމަ ރަނގަޅަށް ވެސް ފެއިލްވެއްޖެ ކަމަށާއި އެހެންކަމުން އެމީހުންނާއެކު އިތުރަށް ކެތެއް ނުކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަށް ދެފަހަރު ވެރިކަން ހޯދައިދެވިއްޖެ ކަމަށާއި ނަމަވެސް ދެ ރައީސުން ކަންތައް ކުރީ ގާނޫނު އަސާސީއާ މުޅިން ޚިލާފަށް ކަމަށެވެ. އަދި ޕީޕީއެމުން ވެސް ކަންކަން ކުރީ ހަމަ އެފަދަ ގޮތަކަށް ކަމަށް ވިދާޅުވިއެވެ.

އެގޮތުން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ގާނޫނު އަސާސީއާ ޚިލާފަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު ހައްޔަރުކުރުމާއި ރައްޔިތުންގެ މަޖިލީހުގައި ތަޅު އެޅުވިކަން ހަނދާން ކޮށްދެމުން ގާސިމް ވިދާޅުވީ ރައީސް ޞާލިޙުގެ ވެރިކަމުގައި ވެސް ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތީ ތަޅު އަޅުވާފައި ކަމަށެވެ.

"އެހެންވީމަ މާފު ކުރައްވާ. އަޅުގަނޑަކަށް ނެތް އެބޭފުޅުންނަށް ތާއީދު ކުރެވޭކަށް. އެ ޕާޓީތައް ހަމަ ރީތިކޮށް ފެއިލް ވެއްޖެ އިނގޭތޯ. އެމްޑީޕީއަށް ދެފަހަރު ވެރިކަން ހޯދައިދެވިއްޖެ. އެ ދެފަހަރުވެސް ގާނޫނު އަސާސީ ވަޔަލޭޓް ކުރީ. ދެ ރައީސުން ވެސް ގާނޫނު އަސާސީއާ ޚިލާފަށް ކަންތައް ކުރީ. އަދި ޕީޕީއެމުން ވެސް ހަމަ އެކަން ކުރީ،" ގާސިމް ވިދާޅުވިއެވެ.

ރައީސް ޞާލިޙް، ދާދިފަހުން ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ރަސްމީކޮށް ދެއްވާފައިވާތީ، އެކަމަށް ފާޑު ކިޔުއްވަމުން ގާސިމް ވިދާޅުވީ ސިޓީއެއްގެ ދަރަޖަ ދޭއިރު އެރަށަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކޮށްދޭން ޖެހޭ ކަމަށާއި ނަމަވެސް އެފަދަ ކުރިއެރުމެއް ނެތި، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ވޯޓް ހޯދަން އަޅުވާލާ އަނދުނެއް ކަމަށެވެ.

އޭނާ ވިދާޅުވީ ފުވައްމުލަކާއި އައްޑޫ ސިޓީއަކަށް ބަދަލުކޮށްގެން ވީ މޮޅެއް ނެތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ އެތަންތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާތައް އިތުރުވެގެން ނުދިއުމާއި އަމިއްލަ ޖީބަށް އެއްޗެއް ނުވަނުމާއި އަމިއްލައަށް ދިރިއުޅެވޭނެ މަގެއް ތަނަވަސްކޮށްދެވިފައި ނުވުމެވެ.

ގާސިމް ވިދާޅުވިގޮތުގައި އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ، ދައުރު ނިމުމުގެ ކުރިން ފުވައްމުލަކު ރައްޔިތުން ބޭނުންވާނޭ ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެއެވެ. އަދި އެ ސިޓީގެ ރައްޔިތުންގެ ޖީބުތަކަށް ޚިޔާލަށް ވެސް ނާންނަހާ ގިނަ އަދަދެއްގެ ފައިސާ ވައްދައި ދޭނެ ކަމަށެވެ.

comment ކޮމެންޓް