ބައިނަލްއަގްވާމީ ފެންވަރުގެ ރިކްރިއޭޝަން ސެންޓަރަކާއެކު، އަގުބޮޑު ގިނަ މަޝްރޫތަކެއް ކުޅުދުއްފުއްޓަށް!

ރައީސް ޞާލިހު ކުޅުދުއްފުުށީ ސިޓީގައި އޮތް ޖަލްސާގަައި -- ފޮޓޯ/ އެމްޑީޕީ

ދެވަނަ ދައުރުގައި ކުޅުދުއްފުށީ ސިޓީގައި ބައިިނަލްއަގުވާމީ ފެންވަރުގެ ރިކްރިއޭޝަނަލް ސެންޓަރެއް އަޅައިދިނުމާއެކު އަގުބޮޑު ގިނަ މަޝްރޫތަކެއް މި ސިޓީގައި ހިންގުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންފިއެވެ.

މިރޭ ކުޅުދުއްފުށި ސިޓީގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސިޓީއަކީ އުތުރުގައި އޮތް އެންމެ މުހިންމު އެއް ރަށްކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުމެން އުފައްދާ ސަރުކާރެއްގައި ކުޅުދުއްފުށީ ސިޓީގެ ބައިވެރިވުން އޮންނާނެ،" ރައީސް ވިދާޅުވިއެވެ.

އެއާއެކު ދެވަނަ ދައުރުގައި އަގުބޮޑު ގިނަ މަޝްރޫއުތަކެއް ހިންގުމަށް އެ މަނިކުފާނު ވައުދުވެވަޑައިގަތެވެ. އެ ކަންކަމަކީ:

  • ހިއްކެން އޮތް ވަރެއް ބަލައި އެ ހިއްކައި ޝޯ ޕްރޮޓެކްޝަން ޖެހުން
  • ލޯކަލް ކޮމާޝަލް ހާބަރެެއް ތަރައްގީކުރުން. ރައީސް ވިދާޅުވީ މިއީ ރަށްރަށް މުދާ ހިފައިގެން ވިޔަފާރިކުރާ މީހުންނާއި މުދާ ވިއްކާ ފަރާތްތަކަށް ޚާއްސަކޮށްގެން އެތެރޭގެ ބޭނުންތަކަށް ތައްޔާރުކުރާ ހާބަރެއް ކަމަށެވެ.
  • ހުރިހާ މަގެއް ތާރު އަޅައި ޒަމާނީކޮށް ހެދުން
  • ކުނބުރުދޫ ސިނާއީ ރަށެއްގެ ގޮތުގައި ކަނޑައެޅުން. ރައީސް ވިދާޅުވީ އޭރުން އެ ރަށުގައި ބޯޓުފަަހަރު ބަނުމާއި، ގުދަންކުރުމާއި އެ ނޫން ސިނާއީ ބޭނުންތަކަށް އެ ރަށް ބޭނުންކުރެވޭނެކަމަށެވެ.
  • ޔޮޓް މެރީނާއާއި ކްރޫޒްލައިނާއަށް ޚިދުމަތްދެވޭހެން ސިޓީ ތަރައްގީކުރުން
  • އެއާޕޯޓް އުތުރަށް އެކްސެސް ރޯޑެއް ހެދުން
  • ކޮންވެންޝަން ސެންޓަރެއް އެޅުން
  • ޕިކްނިކް ރަށެއް ތަރައްގީކުރުން
  • ބޮޑުތިލަދުންމައްޗަށް ޚާއްސަ ފައިނޭންސް ލޯން ޕެކެއް ދޫކުރުން

އެ މަނިކުފާނު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު އިތުރަަށް ތަރައްގީވުމާއެކު އެންމެ ބޮޑު އަމާޒަކީ މި ސަރަހައްދު ފަތުރުވެރިކަމުން ކުރިއެރުވުންކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ސަރަހައްދުގައި ފުރަތަމަ ވެސް 5،000 އެނދު އެޅުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ކުޅުދުއްފުުށީ ސިޓީގައި އޮތް ޖަލްސާގަައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

މިއީ ފުދުންތެރި ތަނަވަސް ރައްޔިތެއް ދިރިއުޅުނު ސަރަހައްދެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ކަމަށް ލޮޅުން އެރީ ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ގަސްތުގައި ރާވައިގެން ސަރުކާރުތަކުން ކޮށްފައި ހުރި ކަންކަން. ބޭނުންވަނީ މުށު ތެރޭގައި ބައިތިއްބަން،" ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވަނީ މިއަދު ތަރައްގީއާއެކު ކުރިއަށް ދިއުމަށެވެ.

ދެން ވެސް ވާދަވެރިންނަށް ވެރިކަން ލިބިއްޖެނަމަ ގައުމުގެ ކަންކަން އަލުން ބައްޓަންވާނީ މަރުކަޒުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ބޮޑުތިލަދުންމަތީގެ އަނދިރި މާޒީ ދޫކޮށް މިހާރު ކުރެވެމުން އަންނަނީ އުފާވެރި ރާއްޖެއެއް ބިނާކުރުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑު ހިތުން މި ގެނެވެނީ ބޮޑު ހެޔޮ ބަދަލެއް،" ރައީސް ވިދާޅުވިއެވެ.

އަދި މި ސިޓީ ބަދަލުނުކޮށް ބޮޑުތިލަދުންމަތި ތަރައްގީނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވެގެން އަންނައިރު އެ ހެޔޮ ބަދަލު މުޅި މި ސަރަހައްދަށް ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

އޭރުން ކުޅުދުއްފުށި ސިޓީވާނީ އުތުރުގެ އެންމެ ބޮޑު ހަބަށް ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް