އެމްޓީސީސީން މ. އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތް ފަށައިފި

މ. އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތް މިއަދު ފެށުން--

މ. އަތޮޅުގައި ދެމުން އައި ފެރީގެ ޚިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ސްޕީޑް ފެރީގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

އެ ގޮތުން މިއަދުން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށް ސްޕީޑް ފެރީގެ ދަތުރުތަށް ކަސްޓަމަރުންނަށް ހިލޭ ކުރެވޭނެއެވެ.

މި ހިލޭ ދަތުރުތަށް ކުރުމުގެ މައިގަނޑު މަގުސަދަކީ ސްޕީޑް ފެރީ ބޭނުން ކުރާ ކަސްޓަމަރުން އެ ޚިދުމަތަށް އަހުލުވެރި ކޮށް އެ ޚިދުމަތް ރަނގަޅަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ކަސްޓަަމަރުންނަށް ދިނުމުގެ އިތުރުން ކަސްޓަމަރުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ.

ހިލޭ ދަތުރުކުރެވޭ އެއް ހަފްތާގެ މުއްދަތުގައި ސްޕީޑް ފެރީން ދަތުރަން ބޭނުންވާނަމަ ޖާގަ ހޯދަން އެމްޓީސީސީގެ ނަންބަރަށް ގުޅާމުން ޖާގަ ލިބޭނެއެވެ.

މ. އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތް މިއަދު ފެށުން--

އެހެންނަމަވެސް ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކު، އެކަމަށް ޚާއްސަ ކުރެވިފައިވާ ވެބްސައިޓް، މެދުވެރިކޮށް ސްޕީޑް ފެރީ ތަކުން ޓިކެޓް ނެގޭނެއެވެ.

ސްޕީޑް ފެރީގެ ގޮތުގައި ބޭނުންކުރާ ލޯންޗު ތަކަކީ އެއްފަހަރާ 45 ފަސިންޖަރުންނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އުޅަނދު ތަކެކެވެ.

މި ޚިދުމަތް ހަފުތާއަކު ތިން ދުވަހު މ. އަތޮޅުގެ ހުރިހާ ރަށްތަކަށް ލިބޭނެއެވެ. މި ފެރީ ތަކުގެ ޝެޑިއުލް އެމްޓީސީސީ ވެބްސައިޓުން ލިބޭނެއެވެ.

މިއަދު މ. އަތޮޅުގެ ސްޕީޑް ފެރީގެ ނިޒާމު ގާއިމުކޮށްފައިވާއިރު، އެމްޓީސީސީން ވަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރު ކޮށްދީ އެއްރަށުން އަނެއްރަށަށް ދަތުރުކުރުން ރައްޔިތުންނަށް އެތައްގުނައެއް ފަސޭހަކޮށްދީފައެވެ.

comment ކޮމެންޓް