(ލ. ހިތަދޫއިން، ޢާލިމް އަބްދުއްލަތީފް)
ހައްދުންމައްޗަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ކުރައްވަމުން އަންނަ ދަތުރުގައި މިއަދު ލ. ހިތަދުއަށް ވަަޑައިގެންނެވީ ހޫނުގަދަ ވަގުތެއްގައެވެ. ސަޕޯޓަރުންނާ ސަލާންކުރެއްވުމަށްފަހު ޖަގަހައަށް ވަޑައިގެންނެވި މަގުމަތީގައި އެ ރަށު ޒުވާނުން ތިބީ ޝުއޫރުފާޅުކުރާ ބޯޑުތަކެއް ހިފައިގެންނެވެ.
"އެއާޕޯޓް އަޅާނޫ މެންދޫގައި،" އެ ތަނުން ޒުވާނަކު ހިފަހައްޓައިގެން ހުރި ގަނޑެއްގައި ލިޔެފައި އޮތެވެ.
އެ ތަނުގައި އެ އިހުތިޖާޖު ލީޑުކުރުމުގައި ހުންނެވި ހިތަދޫ ހެލްތު ސެންޓާރުގެ ކޮމިއުނިޓީ ހެލްތު އޮފިސަރު އަލީ އާސިފް ވިދާޅުވި ގޮތުގައި އެ ޒުވާނުންގެ ހަމައެކަނި ބޭނުމަކީ މެންދޫގައި އެއާޕޯޓެއް އެޅުމެވެ.
"މި ޒުވާނުންނަކީ އެންމެ ކަމަކަށް، ސީދާ އެންމެ ކަމަކަށް ތިބި ބައެއް. ލ. މެންދޫގައި އަޅުގަނޑުމެން ކައުންސިލުން އަޅަން މަސައްކަތްކުރަމުންދާ ސްވޮޓް އެނަލިސިސް ހެދިފައިވާ އެއާޕޯޓް ހެދުމުގެ އުންމީދުގައި ތިބި ޒުވާނުންތަކެއް،" އޭނާ ވިދާޅުވިއެވެ.
އާސިފް ވިދާޅުވި ގޮތުގައި މިއީ ހިތަދޫ، ކުނަހަންދޫ އަދި މާމެންދޫގެ ރައްޔިތުންނަށާއި މި ތަނުގެ ކައިރީގައި އޮތް ދެ ރިސޯޓަށް ނުހަނު ފައިދާ ކުރާނެ ކަމެކެވެ.
"މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް ވަނީ މެންދޫގައި އެއާޕޯޓު އަޅަން ވައުދުވެފައި. އެ ކަމާ ވަރަށް އުފަލުން އަޅުގަނޑުމެން މި ތިބީ،" އާސިފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތިން ރަށުގެ ރައްޔިތުން މި ތިބީ އެއާޕޯޓަށް ޓަކައި. އަޅުގަނޑުމެން ވޯޓުލާނީ ސީދާ އެއާޕޯޓަށް،"
އޭނާ ވިދާޅުވި ގޮތުގައި ޒުވާނުން ނުކުމެ އެ ތިބީ ރިސާޗްތަކާއި އެެނަލިސިސްތައް ހަދައިގެންކަމަށާއި އެ މީހުން ދައްކާ ވާހަކައިގައި އޮއްޓަރު ހުންނާނެ ކަމަށެވެެ.
މީގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވައުުދުވެވަޑައިގެންފައިވާ ހިތަދޫ- ކުނަހަންދޫ ކޯޒްވޭ ލަސްވުމަކީ ވެސް އެ ޒުވާނުންގެ ބޮޑު ކަންބޮޑުވުމެއްކަމަށް ވިދާޅުވިއެވެ.
"ކޯޒްވޭގެ އުންމީދުގައި އަޅުގަނޑުމެން މި ތިބެނީ. އެއީ ވެސް އަޅަން ވައުދުވެފައި އޮތް ތަނެއް. އަދި އެ މަަސައްކަތް ފެށިފައި ނެތީ. އެހެން ނަމަވެސް މިހާރު ފަށަން ކަންނޭނގެ އެ ތައްޔާރުވަނީ،"
މުއިއްޒު ވަނީ އެ ޒުވާނުންނާ ބައްދަލު ވެސް ކުރައްވައި އެ ޒުވާނުންގެ އަޑު އައްސަވައިފައެވެ. އަދި ޖަގަހައަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އެ ކަމަށް އަލިއަޅުއްވައިލެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އަތޮޅަށް ޓޫރިޒަމް ފުޅާކުރަން ވިސްނާއިރު ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށް އިތުރު އެއާޕޯޓެއް ވެސް މި އަތޮޅަށް ބޭނުންވާނެ ކަމަށެވެ. އެ އެއާޕޯޓް އެޅުމަށް ތިން ރަށަކުން މިހާރު ވެސް ޑިމާންޑް ކޮށްފައިވާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ހަގީގަތުގައި ވެސް ސައިންޓިފިކަލީ، ޓެކްނިކަލީ ބަލަން މިހެން އައިސްފައި ޕޯޑިއަމެއްގައި ހަަމަ އަރާ ވޯޓެއް ބޭނުންވެގެން އޭގެ ދަހިވެތިކަމުގައި ވައުދެެއްވާ މީހެއް ނޫން އަަޅުގަނޑަކީ،" މުއިއްޒު ވިދާޅުވިއެވެ
"ބަލަން ހިސާބު ޖަހަން. އަޅުގަނޑަށް ކޮންވިސްވާވަރު ވީމަ ނޫނީ ބޮޑު އިންވެސްޓްމަންޓެއް ކުރާކަށް ނުދަންނަވަން،"
މެންދޫގައި އެއާޕޯޓް އެޅުމަށް މި ރަށު ރައްޔިތުން ވަރަށް ރަނގަޅަށް ދިރާސާ ހައްދަވައިފައިވާ ކަމަށާއި އޭނާގެ ވެރިކަމެއްގައި ކަންކަން ނިންމާއިރު ރައްޔިތުން ބޭނުންވާ ގޮތް ބައްލަވާނެކަމަށް ވިދާޅުވިއެވެ. އަދި ބެއްލެވުމަށްފަހު އެއާޕޯޓް އަޅަން ނިންމާނީ ރައްޔިތުންނަށް އިގްތިސޯދީ ގޮތުންނާއި ދަތުރުފަތުރުގެ ގޮތުން ވެސް އެންމެ ފައިދާ ވާ ތަނެއްގައި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"ނަތީޖާ ނެރެދޭން އިރާދަކުރެއްވިއްޔާ ކުރިމަތިލައިގެން މި ހުރީ. ރައްޔިތުންނަށް ކަންކަމުގައި ހުސް ވައުދުވާނެ މީހެއް ނޫން މިއީ،" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ހިތަދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހައްދަވައިދެއްވާނެކަމަށް ވެސް ވައުދުވެވަޑައިގެންނެވިއެވެ. އަދި މި ރަށު ސިއްހީ މަރުކަޒު ވެސް ރަނގަޅު ފެންވަރަކަށް ހައްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެެ.