ބިން ދޫކުރަން ހުޅުމާލެ ފަޅު މި ހަފުތާގައި ހިއްކަން ފަށަނީ

ހުޅުމާލެއިން ގޯތި ދިނުމަށް ހިއްކަނީ މިހާރު ސަފާރީތައް އަޅާފައިވާ ސަރަހައްދު -- ފޮޓޯ/ އައިލްސް

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކަށް ބޭނުންވާ ބިން ހިއްކުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅު މި ހަފުތާގައި ހިއްކަން ފަށާނެކަން އާބަންކޯއިން މިއަދު ބުނެފިއެވެ.

އާބަންކޯއިން މިއަދު އާންމުކުރި އިއުލާނެއްގައި ވަނީ، ހުޅުމާލޭގައި ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގާފައެވެ. އެގޮތުން ނަގާ އުޅަނދުތައް އެ ސަރަހައްދުގެ ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އާބަންކޯއިން ވަނީ އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން މިދިޔަ މަހުގެ 17ގައި ވެސް އަންގާފައެވެ.

ހިއްކާ ސަރަހައްދުން ބޮޑު ބައެއް މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ހާއްސަ ކުރާނެއެވެ.

އެ ސަރަހައްދަކީ މިދިޔަ ސަރުކާރުގައި އެ ސަރަހައްދު ހިއްކި އިރު، މެރީނާއެއް ތަރައްގީ ކުރުމަށް ޕްލޭން ކޮށްފައި އޮތް ސަރަހައްދެކެވެ.

ހުޅުމާލޭން ގޯތި ދިނުމަށް ބޭނުންވާ ބިން ހިއްކަން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ)އާ އެވެ.

ހުޅުމާލެއިން ގޯތި ދިނުމަށް ހިއްކަނީ މިހާރު ސަފާރީތައް އަޅާފައިވާ ސަރަހައްދެވެ. ދެން ސަފާރީތައް އަޅަން ނިންމާފައި ވަނީ ތިލަފުށި ކައިރީ އޮންނަ ދިޔަނެރު ފަޅުގައެވެ. އެ ފަޅުގައި ސަފާރީ އަޅާ ތަނެއް ތަރައްގީ ކުރަން ބިން ހިއްކުމަށް ވެސް ވަނީ ސީއެމްސީއާ ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ތިނަކަށް 62.6 ހެކްޓަރު ހިއްކާނެއެވެ. އަދި, ދިޔަނެރު ފަޅުން 24.6 ހެކްޓަރު ހިއްކުމަަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭގެ އިތުރުން ގިރާވަރުފަޅާއި ގުޅިފަޅުން ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހުޅުމާލޭން 1،351 ގޯތި، ގުޅިފަޅުން 2،218 ގޯތި އަދި ގިރާވަރުފަޅުން 5،432 ގޯތި ދޫކުރާނެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޭ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށް މިހާރު ވަނީ ގުރުއަތުލައި، ގޯތި ކަނޑަން ފަށާފައެވެ. ހައުސިން މިނިސްޓްރީން ބުނީ ބިން ހިއްކުން ނިންމައި ނޮވެމްބަރު 11 ގެ ކުރިން ގޯތި ކަނޑައި ރަޖިސްޓްރީ ހަވާލު ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް