ކޯރަމް ހަމަނުވާތީ މަޖިލިސް އޮންނާނީ އިންތިޚާބަށް ފަހު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކޯރަމް ހަމަނުވާތީ، ރައްޔިތުންގެ މަޖިލީހުގެ މި ހަފުތާގެ ޖަލްސާތައް ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ފަހު ބާއްވާގޮތަށް ފަސްކޮށްފިއެވެ.

މިދިޔަ ހަފުތާގެ ހޯމަ އަދި އަންގާރަ ދުވަހަށް ތިންވަނަ ދައުރުގެ ތިންވަނަ ޖަލްސާ އެޖެންޑާ ކުރުމުން ވެސް، މަޖިލީހުގެ ކޯރަމް ހަމަނުވުމާ ގުޅިގެން ވަނީ ބޭއްވޭ ގޮތް ނުވެ މަޖިލިސް ނިންމާލާފައެވެ.

މަޖިލީހުގެ ގާނޫނު ބުނާގޮތުން ނަމަ މަޖިލިސް ކުރިއަށް ގެންދިއުމަށްޓަކައި 22 މެންބަރުން ހަމަވާން ޖެހޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޕޯކްސްޕާސަން ހަސަން ޒިޔާއު 'ސަން' އަށް ވިދާޅުވީ، އިންތިޚާބާ ގުޅިގެން ގިނަ މަޖިލިސް މެންބަރުން ކެމްޕެއިން ހަރަކާތްތަކާއި ދަތުރުތަކުގައި މާލޭގައި ނޫޅުއްވާތީ މަޖިލީހުގެ ޖަލްސާތައް އިންތިޚާބަށް ފަހު ފަސްކޮށްފައިވާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ގިނަ މެންބަރުންތަކެއް އަންނަނީ ކެމްޕެއިން ދަތުރުތަކުގައި އަތޮޅުތެރެއަށް ދަތުރުކުރަމުންނެވެ. އަދި، ބައެއް މެންބަރުން އިންތިޚާބުގައި ވާދަކުރައްވާއިރު، ރަނިންމޭޓުންގެ ގޮތުގައި ވެސް މަޖިލިސް މެންބަރުން ތިއްބަވައެވެ.

އެގޮތުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވެސް އިންތިޚާބުގައި ވާދަކުރައްވައެވެ. އަދި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމެވެ. އިދިކޮޅު ޕީއެންސީގެ ރަނިންމޭޓަކަށް ވެސް ހަމަޖައްސާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

އެހެންކަމުން މި ދައުރު ފެށުނީންސުރެ މިހާތަނަށް އެއްވެސް ޖަލްސާއެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އެންމެ ފުރަތަމަ ޖަލްސާ ވެސް ދަ ޑިމޮކްރެޓްސްގެ މެންބަރުން އެ ޕާޓީއަށް ސޮއިކުރި ކަމުގެ ސިޓީ މަޖިލީހަށް ނުލިބޭތީ ކޮމިޓީތައް ކަނޑައެޅުން ކުރިއަށް ނުގެން ދެވޭނެ ކަމަށެވެ. އެ ކަމާ ގުޅިގެން، މަޖިލިސް ހޫނުވެ، ތިން މެންބަރެއްގެ ނަން އިއްވައި، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޖަލްސާ ނިންމާލައްވާފައެވެ.

ދެވަނަ ޖަލްސާގައި ވެސް ވަނީ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ދަފުތަރަށް އައި ބަދަލާއި ގުޅޭ މައްސަލަ އެޖެންޑާ ކުރެވިފައެވެ. އެހެންނަމަވެސް އެޖެންޑާއާ އެއްގޮތަށް މަޖިލިސް ކުރިއަށް ގެންދިޔުމަށް ވަނީ ހުރަސްތަކެއް ދިމާވެފައެވެ.

comment ކޮމެންޓް