ޢިރާޤަށް ވެގެން ދިޔަގޮތް ސޫރިޔާ އަށް ވާކަށް ރައްޔިތުން ނޭދޭ

ދިމިޝްޤު (މޭ 10): ސޫރިޔާގައި ޙަރަކާތްތެރިވާ އދ.ގެ ސުލްޙައިގެ އޮބްޒާވަރުންގެ ޓީމެއް ދަތުރުކުރަމުން ދިޔަ މަގެއްގައި ބޮމެއް ގޮއްވާލުމުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އެކަން ކުށްވެރިކުރައްވައިފި އެވެ.

ބާންކީ މޫން ވިދާޅުވީ މިފަދަ ހާދިސާތައް ތަކުރާރުވާ ނަމަ ސޫރިޔާގައި އދ. ން އަދާކުރާ ސުލްޙައިގެ މަސައްކަތްތައް ނިމުމަކަށް ގެނައުމުގެ ބިރާ ކުރިމަތިލާންޖެހިދާނެ ކަމުގައެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކާއި ސަރުކާރު ސިފައިންނާދެމެދު ހަނގުރާމަ ހިނގަމުންދާ ސަރަޙައްދެއް ކަމަށްވާ ދިރްޢާގެ މަގެއްގައި މިބޮން ގޮއްވާލީ އދ.ގެ ސުލްޙައިގެ އޮބްޒާވަރުންގެ ވެހިކަލެއް އެމަގުން ދަތުރުކުރަމުން ދަނިކޮށެވެ.

އދ.ގެ ވެހިކަލްގައި އދ.ގެ އޮބަޒާވަރުންގެ ޓީމުގެ ވެރިޔާ ޖެނެރަލް ރޮބަޓް މޯޑު ވެސް އިންނެވި ނަމަވެސް މިހާދިސާގައި އޭނާއަށް ވެސް އަދި އދ.ގެ އޮބްޒާވަރުންގެ އެކަކަށް ވެސް ގެއްލުމެއް ލިބިފައެއްނުވެ އެވެ. ނަމަވެސް މިމަގުން ދަތުރުކުރި ސޫރިޔާ ސިފައިންގެ ވެހިކަލަކަށް ގެއްލުންވެ އެވެހިކަލްގައި އިންނެވި ސޫރިޔާ ސިފައިން އޮފްސަރަކު މިހާދިސާގައި ޒަޚަމްވެފައިވެ އެވެ.

މިބޮން ގޮއްވާލުމުގެ ފަހަތުގައި ވަނީ ސޫރިޔާ ސަރުކާރަށް ތާއީދުކުރާ ފަރާތްތައް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު ސަރުކާރުން ވަނީ މިކަމުގެ ޒިންމާ އިދިކޮޅު ހަނގުރާމަވެރިންގެ ބޮލުގައި އަޅުވާފަ އެވެ.

ސޫރިޔާގައި ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އދ.ން ފާސްކުރި ޤަރާރު ތަންފީޒުކުރުމަށް ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިން އެކަމަށް އެތައްފަހަރަކު އެއްބަސްވިނަމަވެސް ޙަމަލާތަކަށް އަދިވެސް ހުއްޓުމެއް ނާދެ އެވެ. "ސީރިޔަން ފްރީ އާމީ"ގެ ނަމުން ނަންދީފައިވާ އިދިކޮޅު ހަނގުރާމަވެރިންނާއި ސޫރިޔާގެ ސިފައިންނާ ދެެދު ބަދަލުކުރެވެމުންދާ ޙަަމަލާތަކުގައި އިއްޔެެ ވެސް އާންމުންގެ 10 މީހަކު މަރުވެފައިވެ އެވެ.

އދ. ގައި ހުންނަވާ އެމެރިކާގެ މަންދޫބު ސޫޒަން ރައިސް އިއްޔެ ވިދާޅުވީ ރައީސް ބައްޝަރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް ކުރެވޭ މަސައްކަތުގައި ސޫރިޔާގެ އދިކޮޅު ހަނގުރާމަވެރިންގެ ފަހަތުގައި އެމެރިކާވާކަމުގަ އެވެ. ބައްޝާރުގެ ޢާއިލީ ޚުދުމުޚްތާރު ވެރިކަން ވައްޓާލުމަށް ޓަކައި ސޫރިޔާގެ ބައެއް އާންމު ރައްޔިތުން އުތުރިއަރަމުންދާތާ އަހަރަކަށް ވުރެ ގިނަދުވަސްވެފައިވީ ނަމަވެސް ސޫރިޔާގެ މައްސަލައިގެ ތެރެއަށް ހުޅަނގުގެ ބާރުތައް ވަނުމާއި ސުލްހަވެރި ޙަރަކާތްތައް ހަތިޔާރުގެ ޙަމަލާތަކަކަށް ބަދަލުވެގެން ދިޔުމުން ބައްޝާރުގެ ވެރިކަން ދެމެހެއްޓުމަށް މަގުފަހިވާގޮތަކަށް މަސްރަޙްވަނީ ބަދަލުވެފަ އެވެ.

ސޫރިޔާގެ ކަންތައްތައް މިހާރުގެ ޙާލަތުއޮތްގޮތުން ބައްޝާރުގެ ސަރުކާރު ވެއްޓިއްޖެ ނަމަ އެމެރިކާ ސިފައިން ބަޣްދާދަށް އަރައި ސައްދާމް ޙުސައިންގެ ސަރުކާރު ވައްޓާލުމުން ޢިރާޤަށް ވެގެންދިޔަ ދެރަގޮތްތައް ސޫރިޔާއަށް ވެސް ވެގެން ހިނގައިދާނެކަމަށް ރައްޔިތުންގެ ގިނަބަޔަކަށް ޤަބޫލުކުރެވޭތީ ސޫރިޔާގެ ގިނަބަޔަކު މިހާރު ތާއީދުކުރަނީ ސަރުކާރު ނުވެއްޓި ސުލްހަވެރިކަމާ އެކު މައްސަލަ ޙައްލުކުރުމަށް ކަމަށް މުހައްލިލުން ބުނެ އެވެ. (އަލްޖަޒީރާ+މީޑިޔާ ރިޕޯޓްތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު