އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުމާއެކު ދިއްދޫން ބޮޑު ތަރުހީބެއް

ހއ. ދިއްދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުން-- ފޮޓޯ/ އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ އާންމު ބަހުގެ ޚިދުމަތް ހއ. ދިއްދޫގައި އިއްޔެ ފަށައިފިއެވެ.

އެގޮތުން މި ޚިދުމަތް ދިނުމުގައި ދިއްދޫގައި ދެ ބަސް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނީ މި ބަސްތަކުގައި 22 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓު ހަރުކޮށްފައި ހުރިއިރު، 10 މީހުންނަށް ބަހުގައި ކޮޅަށް ތިބެވޭނެ ގޮތަށް އަތުން ހިފަހައްޓާނެ ހޭންޑަލް ހުންނާނެ ކަމަށެވެ. ވީމާ، ޖުމްލަ 32 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ މި ބަސްތަކުގައި ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ހއ. ދިއްދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުން-- ފޮޓޯ/ އެމްޓީސީސީ

މިކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން ދިއްދޫ ކައުންސިލް ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، ބަހުގެ ޚިދުމަތް ފެށުމާއެކު ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

އޭނާ ވިދާޅުވީ، ރަށުގެ ދެކުނު ކޮޅުގައި ސްކޫލް ހުރިއިރު، ރަށުގެ އުތުރުކޮޅުން ހިއްކާފައިވާ ސަރަޙައްދުގައި ދިރިއުޅޭ ސްކޫލް ދަރިވަރުންނަށް ގަދަ ހޫނުގައި ދަތުރުކުރަން ނުވަތަ ހިނގާފައި ސްކޫލަށް ދިޔުމަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް ބަހުގެ ޚިދުމަތާއެކު ދިއްދޫގެ ފްލެޓް ސަރަޙައްދުގައި ދިރިއުޅޭ ސްކޫލް ކުދިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވާނެ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

"އިއްޔެ ބަހުގެ ޚިދުމަތް އަލަށް ފެށި އިރުވެސް ގިނަ ސްކޫލް ކުދިންތަކެއް ބަހުގައި ދަތުރުކުރުމަށް ކިއޫ ހަދާފައި އޮތް." އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ދިއްދޫގައި އިއްޔެ މި ޚިދުމަތް ފެށިއިރު، އެއް ހަފުތާ ވަންދެން ބަހުގެ ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް މުޅިން ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނީ، ހިލޭ ފޯރުކޯށްދެވޭ މުއްދަތު ނިމުމުން އާރްޓީއެލް ވެބްސައިޓް އާއި އެޕްލިކޭޝަން މެދުވެރިކޮށް ކިއުއާރް ޓިކެޓް ނެގޭނެ ކަމަށެވެ.

ހއ. ދިއްދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުން-- ފޮޓޯ/ އެމްޓީސީސީ

ހިލޭ ދަތުރުކުރާ މުއްދަތު ނިމުނު ނަމަވެސް އުމުރުން ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ސްކޫލް ކުދިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ.

ދަތުރުކުރާ ރޫޓަށް ބަލާއިރު ފްލެޓް ސަރަޙައްދުން މި ދަތުރުތައް ފަށައި އެ ސަރަޙައްދުގެ ނުވަ ބަސް ޕޮއިންޓަކަށް ބަސް މަޑުކުރާނެއެވެ. އަދި އެއަށްފަހު ސްކޫލާ ހަމައަށް ދިޔުމާ ދެމެދު އިތުރު ހަތަރު ޕޮއިންޓަކަށް މަޑުކުރާނެއެވެ.

comment ކޮމެންޓް