އިންޑިއާގެ ހަނދަށް ފޮނުވި ޗަންދްރަޔާން-3ގައި ހިމެނޭ، ހަނދުގައި ތަހުލީލުތައް ހަދާ އުޅަނދު ކަމަށްވާ ޕްރަގްޔާން ރޯވާ އޭގެ ފުރަތަމަ މިޝަން ނިންމާލުމުން "ސްލީޕް މޯޑަށް" ލައިފިއެވެ.
އިންޑިއާގެ ޖައްވީ އިދާރާއިން ބުނީ ހަނދުގެ ދެކުނު ތަނޑިއަށް ދަތުރުކުރި އެ ފުރަތަމަ އުޅަނދު ނިއްވާލާފައިވަނީ ވޭތުވެދިޔަ ދެ ހަފުތާގައި ތަހުލީލުތައް ފުރިހަމަކުރުމުން ކަމަށެވެ.
އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ)އިން ހޮނިހިރު ދުވަހުގެ ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޗަންދްރަޔާން-3 ޖައްވީ އުޅަނދުގެ ޕްރަގްޔާން ރޯވާ "ސްލީޕް މޯޑަށް ސެޓް" ކޮށްފައިވާ ކަމަށާއި އޭގެ ބެޓެރީ ޗާޖުކޮށް ރިސީވާ ޖަހާފައިވާ ކަމަށެވެ.
އިސްރޯއިން ބުނި ގޮތުގައި ޕްރަގްޔާން ވަނީ 100 މީޓަރަށް ވުރެ ދިގު ރާސްތާއަކަށް ދަތުރުކޮށް، ހަނދުގައި ސަލްފާ އާއި އަޔަން އާއި އޮކްސިޖަން އާއި އެހެނިހެން ބައެއް މާއްދާތައް ހުރިކަން ކަށަވަރުކޮށްދީފައެވެ.
އިސްރޯއިން ބުނީ ޕްރަގްޔާން ރޯވާ ސްލީޕް މޯޑަށް ލީ ނަމަވެސް އަދިވެސް މުސްތަގުބަލުގައި އެ އުޅަނދުގެ އެހީގައި ތަހުލީލުތައް ހެދުމުގެ އުއްމީދު އޮތް ކަމަށެވެ. އެ އުޅަނދުގެ "އިންޑިއާގެ ފަރާތުން ހަނދުގައި ހުންނަ ސަފީރު"ގެ ގޮތުގައި އަބަދުވެސް ހަނދުގައި ބަހައްޓާނެ ކަމަށް އިންޑިއާއިން ބުންޏެވެ.
އިންޑިއާއަކީ އެމެރިކާ އާއި ޗައިނާ އާއި ކުރީގެ ސޯވިއެޓް ޔޫނިއަންއަށް ފަހު ހަނދުގައި އުޅަނދެއް ޖެއްސި ފުރަތަމަ ގައުމެވެ.
އިންޑިއާއިން މިބޮޑު ކާމިޔާބީ ހާޞިލް ކޮށްފައި މިވަނީ ރަޝިއާގެ ލޫނާ-25 ޖައްވީ އުޅަނދުވެސް ހަނދަށް ޖައްސަން އުޅެނިކޮށް މިޝަން ނާކާމިޔާބުވި ފަހުންނެވެ.
އިންޑިއާއިން ހަނދުގައި ޖައްސަން 2019 ވަނަ އަހަރު ފޮނުވި އުޅަނދު ވެއްޓި ހަލާކުވި ފަހުން، މިދިޔަ ޖުލައި މަހު ލޯންޗު ކުރި އުޅަނދު މިދިޔަ މަހު ހަނދުގައި ޖެއްސުންވީ އިންޑިއާގެ ގިނަ ބަޔަކު ވަރަށް އުފާކުރުވި ކަމަކަށެވެ.
އެއީ އިންޑިއާއިން ހޯދި އެންމެ ބޮޑު ސައިންޓިފިކް ކާމިޔާބީކަމަށް ބުނެ މީޑިއާތަކުން ވަނީ ތައުރީފުކޮށްފައެވެ.
ހަނދަށް ފޮނުވި އުޅަނދަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު އިންޑިއާއިން ވަނީ އިރާ ގުޅުން ހުރި ދިރާސާތައް ކުރުމަށް އުޅަނދެއް ލޯންޗުކޮށްފައެވެ.