މަކުނުދޫ ފަޅުގައި އިތުރު ރިސޯޓުތައް ތަރައްގީކޮށް، ރޭސިން ޓްރެކެއް

ރައީސް މަކުނުދޫގައިި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ކުރިއަށް އޮތް ދައުރުގައި ހދ. މަކުނުދޫ ފަޅުގައި ޓޫރިޒަމަށް އިތުރު ރިސޯޓް ތަރައްގީ ކުރުމަށް ހުޅުވައިލުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވައުދުވެވަޑައިގެންފިިއެވެ.

އެ މަނިކުފާނު ވިދާޅުވީ މަކުނުދޫއަކީ ޓޫރިޒަމަށް ވެސް އެންމެ ފަހި އެއް ރަށް ކަމަށެވެ. ސަބަަބަކީ މި ރަށުގެ ފަރާއި، ވެއްޓަކީ އެހާމެ ރީތި ތަނަކަށްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު އެ ވަނީ އެއް ރިސޯޓު ހަަދަން ފަށައިފައި. އިރާދަކުރެއްވިއްޔާ މަކުނުދޫ ފަޅުގައި އިތުރު ރިސޯޓު ހަދަން އަޅުގަނޑުމެން ހުޅުވައިލާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މަކުނުދޫ އެއާޕޯޓުގެ މަސައްކަތާ މެދު މީގެ ކުރިން ގިނަ ފަހަރުތަކެއްގައި ވިސްނެވި ކަމަށެވެ. މިއަދު އެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ފެށި ކުރިއަށް ދުވަަސްތަކުގައި ނިންމައިލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެއާޕޯޓާ އެކު ހިއްކާ ތިން ވަރަކަށް ރަށުން ވެސް ފަތުރުވެރިކަމަށް ތަރައްގީވާނެ ކަމަށެވެ.

ރައީސް މަކުނުދޫގައިި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

މީގެ އިތުރުން ރާއްޖޭގައި ދެން އަންނަ ދައުރުގައި ތަރައްގީ ކުރާ ތިން ރޭސިން ޓްރެކްގެ ތެރެއިން އެއް ޓްރެކް ތަރައްގީ ކުރާނީ މި ރަށުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މަކުނުދޫގެ އެކަހެރިކަން ފިލުވައިލުމަށް އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އާރްޓީއެލް ފެރީން ގުޅައިލެވިފައިވާ ކަމަށެވެ. އެއީ މީގެ ކުރިން ކުރި ބޮޑު ހޭދަ ސަލާމަތްވި ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އާރްޓީއެލްގެ ޚިދުމަތް މި ސަރަހައްދަށް ހުޅުވައިލުމުން ކުރިން ތިޔަ ބޭފުޅުން ޖީބުން ކުރަމުން ދިޔަ ޚަރަދު 87 ޕަސެންޓް ސަލާމަތްކުރެވިއްޖެ،" ރައީސް ވިދާޅުވިއެވެ.

އިގްތިޞާދީ ބޮޑު ބަދަލުގައި މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅައިލެވުމާ އެކު ފަތުރުވެރިކަމުން އެތައް ގުނައެއް ކުރިއަރައި އިގްތިޞާދު ކުރިއަށް ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދެވަަނަ ދައުރެއްގައި މަކުނުދޫގައި ހިންގަވާނެ މަޝްރޫއުތައް:

  • ބިން ހިއްކައި އެ ބިމުގައި ހައުސިން ޔުނިޓް އެޅުން
  • ބޮޑެތި މަގުތައް ތާރުއަޅައި ޒަމާނީކުރުން
  • ޒުވާނުންނަށް ރޭސިން ޓްރެކަކާއި ބޮޑު ފުޓުބޯޅަ ދަނޑެއް އަޅައިދިނުން
  • ބަނދަރު ފުންކުރުން
  • އައިސް ޕްލާންޓެއް އެޅުން
  • މެރިކަލްޗާއަށް ޚާއްސަ ސަރަހައްދެއް ގާއިމްކުރުން

ރަައީސް ވިދާޅުވީ މަކުނުދޫ ރައްޔިތުންގެ ނިންމުމެއްގެ ގޮތުގައި ވެސް ވާނެ ކަމަށް ޔަގީން ކުރައްވަނީ ކުރީގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ތެރެއަށް ނުގޮސް ރާއްޖޭގެ ތަރައްގީއާއި މި ރަށުގެ ތަރައްގީއަށް މި ސަރުކާރުން ފަށައިފައިވާ މަސައްކަތްތަކާ އެކު ކުރިއަށް ދިއުން ކަމަށެވެ.

"އަޅުގަނޑު އެދެނީ ތިޔަ ބޭފުޅުން ވިސްނުންތެރިކަމާ އެކީގައި ކުރިއަށް އޮތް އިންތިޚާބުގެ ވޯޓު ދެއްވުމުގައި މަސައްކަތްކުރުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ފިނޭގައި ދެވަނަ ދައުރެއްގައި ހިންގާނެ މަޝްރޫތައް

ހައުސިން ޔުނިޓް އަޅައިދިނުން

ޒުވާނުންނަށް ކުޅިވަރ ވަސީލަތް ގާއިމްކޮށްދިނުން

ބޮޑެތި މަގުތައް ތާރު އަޅައި ޒަމާނީކުރުން

މޫދަށް އެރޭ ސަރަހައްދެއް ގާއިމްކުރުން

ހިރިމަރަދޫގައި ދެވަނަ ދައުރެއްގައި ހިންގާނެ މަޝްރޫތައް

ބަނދަރު ބޮޑުކޮށް މަރާމާތުކުރުން

މޫދަށް އެރޭ ސަރަހައްދެއް ގާއިމްކޮށްދިނުން

ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީކުރުން

ޒުވާނުންނަށް ކުޅިވަރު ވަސީލަތާއި ޚިދުމަތް ގާއިމްކޮށްދިނުން

comment ކޮމެންޓް