މުއިއްޒު ވިލުފުއްޓަށް ދެއްވީ އެއާޕޯޓް ހަގީގަތަކަށް ހަދައިދޭނެކަމުގެ ޔަގީންކަން!

ޑރ. މުއިއްޒު ވިލުުފުށީ ރައްޔިތުންނާ ސަލާން ކުރައްވަނީ --

ތ. ވިލުފުށީ އެއާޕޯޓްގެ މަސައްކަތް ނިންމައި އެ މަޝްރޫއު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ކެމްޕޭން ދަތުރުފުޅުގައި މިއަދު ތ. އަތޮޅުގެ ރަށްތަކަށް މުއިއްޒު އަންނަނީ ދަތުރުކުރައްވަމުންނެވެ.

ވިލުފުއްޓަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ހުރިހާ ރަށެއްގައި ވެސް އާއްމުކޮށް ހުރީ އެއް މައްސަލަތަކެއް ކަމަށެވެ. އޭގެ ތެރޭގައި، ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމުގެ މައްސަލަތަކާއި ތަރައްގީކުރަން ހުރި އެކި ކަހަލަ އިންފްރާސްޓްރަކްޗާ ދާއިރާގެ މަސައްކަތްތައް ހިމެނޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ހުރިހާ ކަމަކަށް ވެސް މި ސަރުކާރުން އިހުމާލުވެފައިވާ ކަމަށެވެ.

"އޭގެ ތެރެއިން ވެސް މި ރަށުގެ ތަރައްގީއަށްޓަކައި އިގްތިސޯދީ ގޮތުން ބަލާފައި ވެސް މި އޮތީ ދަތުރުފަތުރުގެ ގޮތުން ބަލާއިރުގައި އެއާޕޯޓްގެ މަޝްރޫއު. މި ސަރުކާރުން މިހާ ދުވަސްވެގެން ދިޔައިރުގައި ވެސް އަމަލީ ސިފައެއް ނުދެއްކުނު،" މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއީ ނަތީޖާ ނެރެދޭ މީހުން. އެހެންވީމަ އިހުލާސްތެރިކަމާ އެކު އަޅުގަނޑުމެންގެ ކިބައިން ފެންނާނީ އެ އެއާޕޯޓް ހަގީގަތަކަށް ހަދައިދޭތަން،"

މީގެ އިތުރުން، ސިއްހީ ނިޒާމު ވަރުގަދަކުރުމުގެ ތެރެއިން ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ވިލުފުށީގައި އަޅުއްވައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެެެވެ.

މި އަތޮޅު މަޑިފުށީގެ މަގުހެދުމުގެ މަޝްރޫއު ވެސް މިދިޔަ ފަސް އަހަރު ހުއްޓިފައިވާ ކަމަށާއި އެ ކަން ވެސް ނިންމަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެ ރަށުގެ މަސްވެރިންނަށް 10 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

ވިލުފުށީ އެއާޕޯޓަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް، އެ އެއާޕޯޓްގެ މަސައްކަތް ދިގުލައިގެން ގޮސް އެއާޕޯޓް އަޅަން 44.70 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

comment ކޮމެންޓް