މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިން

ވީއައިއޭ، ފަތުރުވެރިން، ޓޫރިސްޓުން

ކޮވިޑަށް ފަހު މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކުރީ ޗައިނާއިން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ޗައިނާ މާކެޓުގެ %1،553.4 ކުރިއެރުމެއް ޖުލައި މަހު ޙާސިލްކޮށްފައިވެއެވެ.

ޗައިނާ އަކީ 2019 ވަނަ އަހަރާއި ހަމައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި މާކެޓެވެ.

ކޮވިޑްގެ ކުރިން، 2019 ވަނަ އަހަރު ޗައިނާއިން 284،029 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ އެ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 16.7 ޕަސެންޓު ހިއްސާއެވެ.

ކޮވިޑް ދުވަސްވަރު 2020 ވަނަ އަހަރުގެ މާޗު މަހު ޗައިނާގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ޗައިނާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އަދި، ތިން އަހަރަށް ފަހު މި އަހަރު އަލުން ބޯޑަރު ހުޅުވާލުމާ ހަމައަށް ވެސް ޗައިނާ ފަތުރުވެރިންގެ އަދަދު ދިޔައީ ދަށަށެވެ.

އޮގަސްޓް 11، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޗައިނާއިން ޖުމްލަ 92،391 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުން އަދަދަކީ 151،587އެވެ. އެގޮތުން ޗައިނާއިން އައި ޓޫރިސްޓުން އަދަދަކީ 28،939 އެވެ.

ޗައިނާއަކީ މި ވަގުތު ރާއްޖޭގަ ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޗައިނާއިން ދަތުރު ފަތުރަށް ހުޅުވާލި ފަހުން މިދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ޗައިނާ ފަތުރުވެރިންގެ އަދަދު ދަނީ ވަރަށް ހަލުވިކަމާ އެކު ކުރިއަރަމުން އަންނަކަމަށެވެ. އަދި، ޕްރީ ޕެންޑެމިކް ލެވެލަށް އަވަސް ފުރުސަތެއްގެ ތެރޭގައި ހާސިލް ކުރާނެ ކަމުގެ އުންމީދު އާވެފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް