"އާދެ ތިޔަ ބޭފުޅުން ތި ކުރައްވާ މަސައްކަތަށް ހަމަ އައްސަރި ބަހާއި ސާބަސް،"
މިއީ ހދ. އަތޮޅަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި އެންމެ ފުރަތަމަ ރަށެއްގެ ގޮތުގައި ވަޑައިގަތް ނޮޅިވަރަންފަރުގައި އެ މަނިކުފާނުގެ ވާހަކަފުޅު ފެއްޓެވުމުގެ ކުރިން ވިދާޅުވި ޖުމުލައެވެ.
ވެހެމުން އައި ބޯ ވާރޭގައި ކުޑަ ނަގައިގެން، ވިއްސާރަ ކޯޓުގައި މި ރަށުގެ އެމްޑީޕީ ސަޕޯޓަރުން ނުކުމެ ތިބީ އެ ސަޕޯޓަރުންގެ ކެންޑިޑޭޓު ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ބޭނުންވާލެއް ބޮޑުކަމުންނެވެ.
"މި ވެހޭ ބޯ ވާރެއާއި މި ޖެހޭ ގަދަ ވައިގައި ތި ބޭފުޅުން ނުކުމެވަޑައިގެން ތި ތިއްބެވީ ހަމަ ގައިމު ވެސް އޭގެ ފަހަތުގައި ތި ބޭފުޅުން ހާސިލްކުރަން ބޭނުންވާ ކަންތައްތަކެއް އޭގައި އޮތީމާ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މި މަންޒަރުން ދޭހަވެވަޑައިގަތީ ކުރީ ދައުރުގައި ތަހައްމަލުކުރަން ޖެހުނު އަނިޔާވެރިކަން އަލުން އިއާދަވާން ރައްޔިތުން ބޭނުންނުވާ ކަމަަށެވެ.
ރައީސް ވިދާޅުވީ އަދިވެސް އެ ދައުރުގެ އަނިޔާތަކުގެ މަތިން ރައްޔިތުން ހަނދާން ނުނެތޭ ކަމަށެވެ.
މީގެ އިތުރުން ރާއްޖެ ތަރައްގީކުރުމަށް މި ރަށުގެ ރައްޔިތުން ވެސް ތައްޔާރަށް ތިބިކަން ރައްޔިތުންގެ ފުރިހަމަ ތާއީދުން ހާމަވާކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ ރައްޔިތުން ވެސް އެ މަނިކުފާނުގެ މި ވާހަކަފުޅަށް އެއްބަސްވެއެވެ.
"މި ރަށަށް ކުރިއެރުމެއް އަންނަ ނަމަ ދެން ވެސް އަންނާނީ ރައީސާ އެކު ކުރިއަށް ގޮސްގެން. މި ވާރޭ ނުވެހި އޮތްނަމަ މިއަށްވުރެ މާ ފޯރިގަދަކޮށް މި ރަށުގައި ކަންކަން ކުރާނަން،" ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ރައީސް ވިދާޅުވީ ކޮންމެ ރަށަކުން ވެސް ފެންނަނީ ހެޔޮ ބަދަލު ކަމަށެވެ. އެއްބުރުން އިންތިޚާބު ކާމިޔާބުވާ މަންޒަރުކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ދެވަނަ ދައުރުގައި ނޮޅިވަރަންފަރުގައި ހިންގާނެ މަޝްރޫތައް:
- ނޮޅިވަރަންފަރު އާ ސްކޫލުގައި މަލްޓި ޕާޕަސް ހޯލު އެޅުން
- މަގުތައް ހެދުމުގެ މަސައްކަތް ފެށުން
- ސިއްހީ މަރުކަޒުގެ ވަސީލަތްތައް ތަރައްގީކޮށް ޚިދުމަތް ފުޅާކުރުން
- ޒުވާނުންގެ މަރުކަޒެއް އެޅުން
- ޓާފް ދަނޑެއް ތަރައްގީކުރުން
- ނެރުގެ ފައިކަށި ބަދަލުކުރުން
- ގިރާ ސަރަހައްދު ހިމާޔަތްކުރުން