ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ވެމްކޯ ކުނި އުފުލާ ޓްރަކެއްގެ ދަށުވެ ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ، ކުރީގެ އެއް ނަމްބަރު ކުނި ކޮށި ކައިިރިން ސައިކަލެއް ކަހާލައިގެން ވެއްޓި ވެހިކަލެއްގައި ޖެހި އެކްސިޑެންޓުވެފައި ވާކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށާއި ސައިކަލުގެ ފަހަތުގައި އިން މީހާއަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. އެއީ 18 އަހަރުގެ ދެ ފިރިހެނުންނެވެ.
ފޮޓޯ ތަކުން ފެންނަ ގޮތުގައި އެ ސައިކަލު ވަނީ ވެމްކޯގެ ކުނި ޓްރަކްގެ ދަށުވެފައެވެ. އަދި ސައިކަލަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.
އެ ދެމިހުނަށް ވެސް އައިޖީއެމްއެޗް ހޮސްޕިޓަލުން ވަނީ ފަރުވާ ދީފައެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ.