ގައުމު މި ވަނީ، ދުސްތޫރީ ހުސްކަމެއްގެ ތެރެއަށް ވެއްޓިފައި ކަމަށާއި ރައްޔިތުންގެ ވޯޓަކަށް ގޮސް އެއީ ރައްޔިތުންގެ ރުހުން އޮތް ކަންތައްތައްތޯ ކަނޑައެޅުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެދިވަޑައިގެންފި

15:15


ގައުމު މި ވަނީ، ދުސްތޫރީ ހުސްކަމެއްގެ ތެރެއަށް ވެއްޓިފައި ކަމަށާއި، ދިމާވެފައި މިވާ ކަންތަކުން އަރައިގަތުމަށް، އިންތިގާލީ މަރުހަލާގައި ނިންމަން ޖެހޭ ކަންކަން އަވަހަށް ނިންމައި ރައްޔިތުންގެ ވޯޓަކަށް ގޮސް އެއީ ރައްޔިތުންގެ ރުހުން އޮތް ކަންތައްތައްތޯ ކަނޑައެޅުމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ. ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ، އިންތިގާލީ މަރުހަލާ ރޭ ބާރަ ޖެހުމާ ހަމައަށް ނިމުނުއިރު ވެސް އެ މަރުހަލާގައި ކުރަންޖޭ ކަންތައްތައް ނުނިމި ހުރި މައްސަލައާ ބެހޭ ގޮތުން، މުހައްމަދު ނަޝީދު އޭނާގެ ބްލޮގްގައި ވިދާޅުވެފައި ވަނީ، ޤާނޫނު އަސާސީން ފޯރުކޮށްދޭންޖެހޭ ފުރިހަމަ ޤާނޫނީ ދައުލަތް، ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރަށް، ގާނޫނު އަސާސީ ބުނާ މަސްއޫލިއްޔަތުތައް، އަދާކޮށް ނުދެވުނު ކަމަށެވެ. އަދި މި ދަނޑިވަޅަކީ، އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ބަދުނާމު އެޅުވުމަށް ވަގުތު ބޭކާރުނުކޮށް، މަސްއޫލިއްޔަތު ފުރިހަމައަށް އުފުލުމުގެ ދަނޑިވަޅުކަމަށާއި، ޙައްލު ހޯދައި، މިކަމުން އަރައިގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އަދި އެންމެބޮޑު އިސްކަމެއް ދޭންވީ، އިތުރު ވަގުތު ގެއްލުވާނުލައި، ކަންކަން އަވަހަށް، ކުރުމަށް ކަމަށާއި، އެކަންކަންވެ ނިމުމުން ރައްޔިތުންގެ ވޯޓެއް ނަގައި، އެކަންކަންވެ ނިމުނު ގޮތަކީ، ރައްޔިތުންގެ ރުހުން އޮތްގޮތެއްކަމަށް ކަނޑައެޅޭތޯ ބެލުން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި، ރައްޔިތުންގެ ގާތަށް އެކަންކަން ގެންދިޔުމަށް ބޭނުންވާ ނިސްބަތަށް ޤާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، މިހާތަނަށް ކުރެވިފައިވާ ކަންކަމުގެ ތެރެއިން، މަގުން ނެއްޓިފައިވާ ކަންކަން ޤާނޫނުގެ މަގަށް އެޅުވޭތޯބެލުން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި އެނޫން ގޮތަކަށް ފަސްވެ، ނުކުރެވި މިދިޔަ ކަންކަމަށް ޖާގަހޯދުމަށް، ޤާނޫނުއަސާސީ އިޞްލާޙުކޮށް، އެކަން ކަމަށް ރައްޔިތުންގެ ވޯޓަކުން ކަށަވަރުކަން ނުހޯދައި، އެކަންކަން ސައްހަކުރެވިދާނެ ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.  އަދި އަންނަންއޮތް ލޯކަލް ކައުންސިލުގެ އިންތިޚާބާ އެކުއެކީގައި ވެސް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިދާނެ ކަމަށާއި، ލަހުން މިއުފެދޭ މުއައްސަސާތަކާގުޅޭ ތާރީޚުތައް ޤާނޫނުއަސާސީގައި އަލުން ހިމަނައި، އެ ތާރީޚުތަކަށް ރައްޔިތުންގެ ރުހުން ހޯދުމަށް މަސައްކަތް ކުރެވިދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.


ނަޝީދު އަދި ވިދާޅުވެފައި ވަނީ، ދައުލަތުގެ ހުރިހާ ބާރުތަކާއި، މުއައްސަސާތަކަކީވެސް، ޤާނޫނު އަސާސީން އުފައްދައިދިން ދަރިންކަމަށް. އަދި މައްސަލަޖެހެނީ، އެއިން ތަނެއް އުފެދެންވާގޮތަށް ނުއުފެދި، ލަސްވުމުންކަމަށާއި، ޤާނޫނުއަސާސީގައި ވަކި ގޮތަކަށް ވަކި މުއްދަތެއްގައި ވަކި ކަމެއް ހިނގަންވާނެކަމަށް ބުނުމުން، އެކަމެއް އެގޮތަށް ހިނގަންޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.


އެގޮތުން، ރައްޔިތުންގެ މަޖިލީހާއި، އިލެކްޝަން ކޮމިޝަން ކޮމިޝަން އުފެދިފައިވަނީ ގާނޫނުއަސާސީގައިބުނާ މުއްދަތަށްވުރެލަހުން ކަމަށާއި، އަދި ގާނޫނުއަސާސީގައި ބުނެފައިވާ މުއްދަތަށް ނުނިމިހުރި އެތައް މުއައްސަސާތަކެއް އެތައްމަސައްކަތްތަކެއް ނުނިމުި ހުރުމުން އެ މުއައްސަސާތަކާއި، އެ ކަންތައްތައްކަކީ ރަނގަޅު ކަންތައްތައް ކަމަށް ބުނާނީ ކާކުތޯވެސް ނަޝީދު ސުވާލު ކުރައްވާފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު