ފައްޔާޒު ވިދާޅުވީ މުއިއްޒަކީ ހަރުކަށި ފިކުރާއި ގޭންގުތަކުގެ ކެންޑިޑޭޓު ކަމަށް

މާލޭ މެނިފެސްޓޯ ލޯންޗުކުރަން ބާއްވާ އެމްޑީޕީގެ ''އުފާވެރި މާލެ'' ޖަލްސާގައި މިނިސްޓަރު ފައްޔާޒް އިސްމާއީލް ވާހަކަ ދައްކަވަނީ/ ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ އެ ޕާޓިގެ ކެންޑިޑޭޓެއް ނޫންކަމަށާއި އެއީ ހަރުކަށި ފިކުރުގެ ގުޅިފައިވާ ޕާޓީތަކާއި ކްރިމިނަލް ނެޓްވޯކްތަކުގެ ކެންޑިޑޭޓެއްކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، މާލޭ މެނިފެސްޓޯ ލޯންޗުކުރަން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ''އުފާވެރި މާލެ'' ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، މިގައުމުގެ ޒުވާނުންނާއި އަންހެނުންނާއި އަންހެން ދަރީން ގެއަށް ވައްދާ، ފޮރުވާ މުޖުތަމައުއިން އެކަހެރި ކުރަން ބޭނުން ނުވާކަމަށެވެ.

"އަޅުގަނޑުމެންގެ ގާތް ސާކް ގައުމެއްކަމަށްވާ އަފްގާނިސްތާނުގައި އެ ހިނގަމުންދާ ކަންކަން އަޅުގަނޑުމެން މި ގައުމުގައި ހިނގާކަށް ބޭނުމެއް ނޫން،" ފައްޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމުގެ ޒުވާނުން، ޚާއްސަކޮށް އަންހެނުން މިކަމާ ވަރަށް ފުންކޮށް ވިސްނަން ޖެހޭކަމަށެވެ. އަދި މިފަދަ އޮޅުވާލުންތަކަށް ދިވެހި ރައްޔިތުން މިއަދު ޖާގަ ނުދޭނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވާދަކުރާ ކެންޑިޑޭޓަކީ ޕީއެންސީގެ ކެންޑިޑޭޓެއް ނޫން. އެއީ މިގައުމުގައި އުފެދިފައިވާ ހައްދު ފަހަނައަޅާފައިވާ ޕާޓީތަކުގައާއި އަދި ނުވިތާކަށް މިގައުމުގަ އޮތް ކްރިމިނަލް ނެޓްވޯކްތަކާ ގުޅިފައި އޮތް ކެންޑިޑޭޓެއް. މި ވާހަކަ ދައްކަން ޖެހޭ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އެ ވާހަކަ ދައްކަވާފައި ވަނީ ސަލަފު ޖަމިއްޔާއަށް އިޝާރާތް ކުރައްވައެވެ.

އެމްޑީޕީއިން ދަނީ ސަލަފަކީ ހައްދުފަހަނައަޅާފައިވާ ފިކުރު ގެންގުޅޭ ޖަމިއްޔާއެއްގެ ގޮތުގައި ސިފަކުރަމުންނެވެ. އަދި ސަލަފުގެ އިސް މެންބަރުންނާ މުއިއްޒާ ގާތް ގުޅުމެއް އޮތުމުން، އޭނާގެ ކެމްޕޭނާ ވެސް ސަލަފު ޖަމިއްޔާއާ ގުޅުން އޮތް ކަމަށް އެމްޑީޕީއިން ދަނީ ބުނަމުންނެވެ.

ނަމަވެސް ސަލަފުން އެ ތުހުމަތުތައް ދޮގުކުރެއެވެ.

ރޭގެ ޖަލްސާގައި ފައްޔާޒް އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުތަކާ އަޅާ ބަލާއިރު އެންމެ އަމާން ވެރިކަމެއް ކުރީ މި ސަރުކާރުން ކަމަށެވެ. އެގޮތުން މި ސަރުކާރުން ގާޒީން ހައްޔަރުކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ކުރީގަ އެއްވެސް ވެރިކަމެއް ނެތް ގާޒީއަކު ހައްޔަރު ނުކުރާ. 2008ގައި ވެސް ހައްޔަރު ކުރި، 2013ގައި ވެސް ހައްޔަރު ކުރި އަދި 2008ގެ ކުރިން ވެސް ހައްޔަރު ކުރި،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒް ވަނީ އެމްޑީޕީން ކުރި މަސައްކަތް ކުރިއަށް އޮތް ޖީލުތަކަށް ދިޔަ ނުދޭން އެމްޑީޕީގެ ތެރެއިން ބަޔަކު ނުކުމެ މަސައްކަތް ކުރާކަމަށް ތުހުމަތު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެމީހުން މަސައްކަތް ކުރަނީ އަމިއްލަ އެދުމަށްޓަކައި ކަމަށެވެ.

"ވެރިކަން ނުލިބުނީމަ ނޫނީ ވެރިކަމުގެ ބޭނުމުގައި ނޫނީ ސަރުކާރުގަ ބޭނުންވާ ވަރަށް ބައިވެރި ނުވީމަ އެއީ ދެންތިބި ރައްޔިތުންނަށް އޭގެ ހަސްކާ ދޭންޖެހޭ ކަމެއް ނޫން،" އެމްޑީޕީން ވަކިވެ ވަކި ޕާޓިއެއް އުފައްދައިގެން މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްއަށް ނިސްބަތް ކުރައްވާ ފައްޔާޒް ވިދާޅުވިއެވެ.

އޭނާ ވަނީ އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރުމަށް ޑިމޮކްރެޓްސްގެ އާންމު މެމްބަރުންނަށް ދައުވަތު ދެއްވާފައެވެ.

comment ކޮމެންޓް