ޔާމީން ހުންނެވީ މުއިއްޒުގެ ކެމްޕެއިންގައި ބައިވެރިވެލައްވާ ހިތުން: ސައީދު

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ --

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދު އޮތީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކަމަށާއި އޭނާގެ ކެމްޕޭންގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް ޔާމީން ބޭނުންފުޅުވާކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ސައީދު މި ގޮތަށް ވާހަކަ ދައްކަވާފައި މިވަނީ އެންމެ ފަހުން ހައި ކޯޓްގައި ބޭއްވި ޔާމީންގެ އަޑުއެހުމަށްފަހު އެމަނިކުފާން މުއިއްޒާމެދު ކޯފާވެގެން ސައީދާ ވާހަކަ ދައްކާފައިވާ ކަމަށް ބައެއް ނޫސްތަކުން އިއްޔެ ރިޕޯޓްކޮށްފައި ވަނިކޮށެވެ.

މިރޭ ލ. ފޮނަދޫގައި ބޭއްވި އިދިކޮޅު ކޯލިޝަންގެ ކެމްޕޭން ޖަލްސާގައި ސައީދު ވިދާޅުވީ، މި ވަގުތު ދިވެހި ރައްޔިތުން ކުރަންވީ އެންމެ ކަމެއް ކަމަށެވެ. އެއީ އެކީ އަތުގުޅައިލައިގެން މުއިއްޒު އެއްބުރުން ހޮވުންކަމަަށް ވިދާޅުވިއެވެ.

"ރައީސް ޔާމީން އެދިވަޑައިގަތީ ޑރ. މުއިއްޒުގެ ކެމްޕޭނުގައި އެމަނިކުފާނަށް ބައިވެރިވެވޭނެ ނަަމައޭ. އެހެން ނަމަވެސް މި ސަރުކާރުގެ އަނިޔާވެރި ވަކިތަކުގެ ތެރޭގައި ރައީސް ޔާމީން އެ ހުންނެވީ 1018 ދުވަސް ޖަލުގެ އަނިޔާގެ ތެރޭގައި،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުއިއްޒު ވެރިކަމަށް ގެންނަން ޔާމީން ބޭނުންފުޅުވާ ކަމަށާއި ވާދަވެރިން އުފައްދާ ފިތުނައިގައި ނުޖެހުމަށް އެދޭ ކަމަށެވެ. އަދި އެ ފިތުނަތައް އުފައްދަނީ އެ ކޯލިޝަނަކީ ފުރާފުރިހަމަވެފައިވާ ދެ ޕާޓީކަން އެނގުމުން ކަމަށް ސައީދު ވިދާޅުވިއެވެ.

ފޮނަދޫގައި ބޭއްވި ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ --

"މި ދެ ޕާޓީގެ ކާމިޔާބު ކެންޑިޑޭޓަކީ ޑރ. މުއިއްޒު. ރައީސް ޔާމީންގެ މެސެޖަކީ އެ މަނިކުފާނު ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިގެން އެދިވަޑައިގަންނަވަނީ އިންޑިއާއަށް އަޅުވެތިވެފައި އޮތް މި ސަރުކާރު ނިންމާށޭ،"ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ މި ހުންނެވީއޭ، ޑރ. މުއިއްޒޭ. ތިޔަ ބޭފުޅުން ނަންބަރު ހަތަރަކަށް ވޯޓުދެއްވާށޭ،"

ސައީދު ވިދާޅުވީ ސަރުކާރުގެ ފައިސާ ލިބިގެން ހިންގާ ނޫސްތަކުގައި ލިޔާ ކަންކަމަށް ޕީޕީއެމް، ޕީއެންސީއިން ޖަވާބުދާރީ ވާކަށް ނުޖެހޭނެ ކަމަށެވެ.

"މި ޕާޓީގައި ރެނދު އަޅުވައި، މި ޕާޓީ ފުނޑައިލާ މި ޕާޓީ ދުވަސް ދުއްވާލުމަށް ޓަކައި މިދިޔަ ފަސް އަހަރު ތެރޭ އިންޑިއާއާއި މި ސަރުކާރު ނުކުރާ އެއްވެސް ކަމެއް ނެތް،" ސައީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ހިކުމަތްތެރިކަމާއެކު ރައީސް ޔާމީންގެ ލަފާފުޅާއެކު ޕާޓީ ހިންގެވީ ގަދަކަނޑުތަކުގައި ކަަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ.

"ދިޔަވަތް ރަނގަޅު އޮޑި ރިޔަލަށް ކެރެންޏާ ވިޔަކަސް ރާޅުބޮޑު ދީލާނުލާނެކަން އަބްދުއްރަހީމް ދެއްކެވީ. ޖޫން ޖުލައި ވެސް އައިއްސި. ގަދަ ވެސް ވެއްޖެ. ހަފޮޅުން ވެސް އެން އެރި އެހެން ނަމަވެސް މި ހުންނެވި އަޅުގަނޑުމެންގެ ކެންޑިޑޭޓް ޑރ. މުއިއްޒު ހަމަ ސީދާ ރައީސް ޔާމީންގެ ލަފާފުޅާއެކު މި ރާއްޖޭގެ ވެރިކަން ކުރާނީ ރައްޔިތުންނާއެކު،" ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް