ރާއްޖެއިން ފަގީރުކަން ނައްތައިލެވޭނެ ހަމައެކަނި ވެރިއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކަމަށް އެ މަނިކުފާނުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިރޭ މާލޭގައި އޮތް އެމްޑީޕީގެ ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ރާއްޖެއިން ފަގީރުކަން ނައްތައިލަން ބޭނުންވާ ކަމަށެވެ. އެ މަގުން ގައުމު ބައްޓަން ކުރެވޭނީ ރައީސަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން އެ މަނިކުފާނު ވިދާޅުވީ އިގްތިޞާދެއް ބިނާކުރަން ބޭނުންވަނީ ތިން ކަމެއް ކަމަށެވެ. އެއީ ބޮޑު ބިމަކާއި ބޮޑު އާބާދީއެއްގެ އިތުރުން އިންސާނުން ތަރައްގީކުރުމާ އެކު އިންސާނީ ވަސީލަތް ފުރިހަމަކުރުން ކަމަށެވެ.
އޭގެ ތެރެއިން ފުރަތަމަ ދެ ކަން ނެތް ނަމަވެސް މި ސަރުކާރުން ހިލޭ ޑިގްރީއާ އެކު އިންސާނީ ވަސީލަތް ތަރައްގީ ކުރަމުން އަންނަކަމަށް ސިޔާމް ވިދާޅުވިއެވެ.
މިއީ އިގްތިޞާދު ހެޔޮ ބަދަލަކުން ގުނަވާނެ ސަބަބު ކަމަށް ސިޔާމް ވިދާޅުވިއެވެ.
"ދުވަސް ކޮޅަކުން އަޅުގަނޑުމެންގެ ކުދި ޒުވާނުންނާއި ޅަ ކުދިން ބޮޑުވެގެން އަންނައިރު އެ ކުދިން ވެގެންދާނީ އިންޖިނިއަރުންނާއި ސައިންޓިސްޓުންނާއި، އެކި ބާވަތުގެ ޕްރޮފެޝަނަލް ފައިސާ ހޯދާ މެކުހަށް ޖެހޭނެ ބޭފުޅުން އެ އުފައްދަނީ. އެ ކުދިން އައިސް މި ގައުމު ހިންގާނެ. މި ގައުމަަށް އުފާ ފާގަތިކަން ގެނެސްދޭނެ،" ސިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އޯގާތެރިކަމާ އެކު ރައްޔިތުން އިގްތިޞާދީ ގޮތުން ބާރުވެރިކޮށްދޭނެ ވެރިއެއް ކަމަށެވެ. އެއީ ރައީސް ޞާލިހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެ ކަން ކުރެވޭނީ އަޅުގަނޑުމެންގެ މި މި ބިޔަ ބޮޑު ކޯލިޝަން، އަޅުގަނޑުމެންގެ ރައީސަށް،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް މިރޭގެ ވާހަކަފުޅުގައި ވެސްވަނީ ކޮވިޑުގެ ދަތި ހާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ގޮންޖެހުމުގެ ވާހަކަފުޅުތައް އައުކުރައްވައިފައެވެ.
"ވަރަށް ގިނަ ފައިސާ ނެންގެވި. ބޭރު ގައުމުތަކުން ލޯނު ނެންގެވި. އަޅުގަނޑު ކުރިން ދެންނެވި ގޮތަށް އެއީ އަރަންޏެކޭ،" އޭނާ ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮވިޑަށް ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވައި މިއަދު ރިސޯޓު ވިޔަފާރިއާއި ފަތުރުވެރިކަން އޮތީ އެންމެ ކުރީގައި އެއްވަނައިގައި ކަމަށެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް ރާއްޖެއިން އެ ބަލިމަޑުކަމުގައި އިގްތިޞާދު ހިންގި ގޮތް ހޯދަން އުޅުނު ކަމަށާއި މި ކަމުން ހާމަވަނީ ރައީސްގެ ހިކުމަތްތެރިކަން ކަމަށް ސިޔާމް ވިދާޅުވިއެވެ.