މުއިއްޒުގެ ސަރުކާރެއްގައި އަތޮޅުތެރޭ ހައުސިން ޔުނިޓްތަކުގެ ކުއްޔަކީ 3500 ރުފިޔާ

ޑރ. މުއިއްޒަށް ނައިފަރުގެ ތަރައްގީގެ ތަސައްވުރު އަރުވަނީ --

އަތޮޅުތެރޭގައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި ކުޑަކޮށް، 3500 ރުފިޔާއަށް ބަދަލުކުރައްވާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ޅ. ނައިފަރުގައި އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު މިރޭ ވިދާޅުވީ މި ރަށުގައި އަޅައިފައި ހުރި ހައުސިން ޔުނިޓްތަކަކީ ވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދެ އަހަރު ބަޖެޓުގައި ހިމެނި މަޝްރޫއެއް ކަމަށެވެ.

އެހެން ނަމަވެސް، އޭރު އެ ކަން ނުވީ ކޮންޓްރެކްޓަރެއް ނުލިބުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިންގެ ގިނަ މަޝްރޫތަކެއް އަތޮޅުތެރޭގައި ހިންގަވައިފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ހައުސިން ޔުނިޓްތަކުގެ އަގު ހުންނާނީ އަތްފޯރާފަށުގައި ކަމަށް ވިދާޅުވިއެވެ.

"މި ސަރުކާރުން އައިސްގެން ނިމުނު މަޝްރޫތަކުގެ މަހުންމަހަށް ދައްކަން ޖެހޭ އަގު ވަރަށް ބޮޑު. ރައީސް ޔާމީންގެ ސަރުކާރުގައި ނިންމުނު ހައުސިން ޔުނިޓްތަކުގެ ކުލި ހުންނާނީ އެވަރެޖްކޮށް 3000، 3500 ރުފިޔާ،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ނިންމި ހައުސިން ޔުނިޓްތަކުގެ ކުލި ހުރީ 5000 ރުފިޔާއިން މަތީގައެެވެ. އެންމެ ފަހުން މި ސަރުކާރުން މި ރަށުގައި އެޅި ހައުސިން ޔުނިޓްތަކުގެ ކުއްޔަކީ ވެސް މަހަކު 5000 ރުފިޔާއެވެ. އެއީ 20 އަހަރަށް ބަހައިލައިގެން 1.2 މިލިއަން ރުފިޔާއެވެ.

ޑރ. މުއިއްޒު ނައިފަރުގައި ވާހަކަ ދައްކަވަނީ --

އޭނާ ވިދާޅުވި ގޮތުގައި މި ހިސާބުތައް ބަލައި ދިރާސާކޮށްލުމުން އެނގިވަޑައިގަތީ އޭގެ އަގު، އިންޓްރެސްޓް ކޯސްޓް އަދި ފައިނޭންސް ކޯސްޓު 20 އަހަރަށް ބަހައިލައިގެން ދައްކާއިރު 5000 ރުފިޔާއަކީ ފައިދާ ވެސް ވާ ގޮތަށް ކަނޑައަޅައިފައިވާ އަގެއް ކަމަށެވެ.

"އެ ޕްރޮފިޓުން ބައެއް އުނިކޮށްލުން ރައްޔިތުންގެ ހައްގުގައި ވަރަށް އެކަށީގެންވާ، އައުލާންކަން ބޮޑު ކަމެއް އެއީ،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފައިދާއިން ބައެއް އުނިކޮށް 3500 ރުފިޔާއަށް ކުލި ކުޑަކުރުމަކީ ވެސް ޚަރަދު ޗަލާ، ސަރުކާރަށް ފައިދާވާކަމެއް ކަމަށެވެ.

އޭރުން ބައެއް މީހުން ބުނެދާނެ ލިބެން އޮތް އެއްޗެއް ދޫކޮށްލަނީއޭ އިގްތިސޯދު އަނދަވަޅަކަށް ވެއްޓިފައި އޮއްވާ. އެހެންނެއް ނޫން،" މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު މިހެން ޕޯޑިއަމަކަށް އަރައި ހުރެ ނުދައްކަން ނޭނގޭ އެއްވެސް ކަމެއް. ޓެކްނިކަލް މައުލޫމާތުގެ ބެކްގްރައުންޑް ނޭނގިހުރެ އެއްވެސް އެއްޗެއް ނުދަންނަވާނަން،"

މީގެ އިތުރުން، ނައިފަރުގެ މިހާރު އޮތް ހިއްކި ބިމުގައި 85 ވަރަކަށް ގޯތި ދެވެން އެބައޮތްކަމަށާއި އެ ކަން ސަރުކާރުން ހުއްޓުވައިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެން ނަމަވެސް، އޭނަގެ ވެރިކަމެއްގައި ކައުންސިލްތައް ބާރުވެެރިކުރުވާނެކަމަށާއި އެ 85 ގޯތި ދެވޭނެ ގޮތް ހަދައިދެއްވާނެެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ތަނުގައި 400 އިތުރު ހައުސިން ޔުނިޓް އަޅާނެކަމަށާއި 45 ހެކްޓަރުގެ ބިންހިއްކުމުގެ މަޝްރޫއެއް ހިންގަވައިދެއްވާނެކަމަށް ވެސް ވައުދުވެވަޑައިގެންނެވިއެވެ.

ނައިފަރަށް މުއިއްޒުގެ އިތުރު ވައުދުތައް:

  • އިތުރު ބަނދަރެއް ހެދުން
  • އައިސްޕްލާންޓެއް ގާއިމުކުރުން
  • ފީފާ އެޕްރޫވްޑް ފުޓުބޯޅަ ސްޓޭޑިއަމެއް ހެދުން
  • ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް އެޅުން
  • އިސްލާމީ މަރުކަޒެއް އެޅުން
comment ކޮމެންޓް