ޔާމީންގެ ސިޔާސަތާ އެއްގޮތަށް ފައިނުގައި އެއާޕޯޓު އަޅަން މުއިއްޒު ވައުދުވެވަޑައިގެންފި

މިއަދު ރ. އިނގުރައިދޫގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެންގުޅުއްވި ސިޔާސަތާ އެއްގޮތަށް ރ. ފައިނުގައި އަޅަން ނިންމި އެއާޕޯޓް އަނބުރާ ގެނެސްދެއްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރ. އިނގުރައިދުއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ މި އަތޮޅުގައި ގިނަ އަދަދެއްގެ ރިސޯޓުތައް އެބަހުރި ކަމަަށާއި އޭނާގެ ވެރިކަމެއްގައި އިތުރު 10 ވަރަކަށް ރިސޯޓް މި ސަރަހައްދަށް ގެނެސްދެއްވާނެ ކަމަށެވެ.

އެ ރިސޯޓުތަކާ އެކު ރ. އަތޮޅުގެ ދެކުނުބިތަށް އެއާޕޯޓެއްގެ މުހިންމުކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

"ރައީސް ޔާމީން އެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން އެ މަނިކުފާނު ނިންމެވި ފައިނުގައި އެއާޕޯޓް އަޅަން. މަސައްކަތްތަކެއް ވެސް ފެށި. އެ އެއާޕޯޓަކީ ހަރަދުގެ ގޮތުން ބަލާއިރު ބިން ހިއްކުން ވަރަށް ކުޑަ އަދަދެއްގެ ޖާގައަކުން އިތުރުކޮށްގެން ކުރެވޭވަރުގެ މަޝްރޫއެއް،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ދެއްވި ޔަގީންކަމަކީ ފައިނުގެ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. އެއީ މުޅި ރ. އަތޮޅުގެ ދެކުނުބިތުގެ ރަށްތަކަށާއި ރިސޯޓްތަކަށް ފައިދާކުރާނެ ދެކޮޅުޖެހޭ އިންވެސްޓްމެންޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރ. އިނގުރައިދޫގައި -- ފޮޓޯ/ ޕީޕީއެމް

މުއިއްޒު ވިދާޅުވީ ތަރައްގީގެ ދެ ދައުރެއް ރައްޔިތުންނަށް ވަނީ ފެނިފައި ކަމަށެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމާއި މިހާރުގެ ވެރިކަން ކަމަށް ވިދާޅުވިއެވެ.

"ތަރައްގީއަކީ އިރާދަކުރެއްވިއްޔާ ރައްޔިތުން މިހާރު ވަނީ ތަޖުރިބާކުރެވިފައި ތަފާތު ދެ ދައުރެއް،" މުއިއްޒު ވިދާޅުވިއެވެ.

"ނިންމަން މި އޮތީ ވަރަށް ފަސޭހަ ނިންމުމެއް. ތަރައްގީ ޔަގީން ވިސްނުންތޯ ތަރައްގީ ނުވާނެ ވިސްނުންތޯ،"

މި ރަށުގެ މަގުތައް ހެދުމަށް އިއްޔެ ހަވާލުކުރިކަން ފާހަގަކުރައްވާ މުއިއްޒު ވަނީ އެ ކަމަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ އިހްލާސްތެރިކަން ހުންނަން ވާނެ ކަމަށާއި މަގުތައް ހަދަން ޖެހޭކަން އެނގެން ވާނީ ދައުރު ނިމެން ގާތްވުމުން ނޫން ކަމަށެވެެ.

މުއިއްޒު ވިދާޅުވީ އޭނާ ކޮންމެ ރަށަކަށް ވެސް ވަަޑައިގަންނަވަނީ ބޭނުންވާ ކަންތައްތައް ބައްލަވައިގެން ކަމަށެވެ.

އިނގުރައިދޫގެ ސިއްހީ މަރުކަޒު ތަރައްގީ ކޮށްދިނުމާއި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން މުއިއްޒު ދެެއްވިއެވެެ.

"ތަރައްގީގެ ކަންކަމުގައި ތަފާތުކުރުމެއް ނެތި އާބާދީއަށް ބެލުމެއް ނެތި އެއް ސަމާލުކަމެއް ދީގެން ކަންކަން ކޮށްދޭނެ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވިއެވެ.

މި ދާއިރާގެ ހުރިހާ ރަށަކަށް ނުދެވުނު ނަމަވެސް ޖުމުލަކޮށް ހުރިހާ ރަށެއްގައި ވެސް ބިންބޮޑުކޮށް ގެދޮރުވެރިކަމުގެ މަޝްރޫތައް ހިންގަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ

ރައީސް ޔާމީންގެ ދައުރުގެ ފަހުކޮޅު ފައިނުގައި އެއާޕޯޓެއް އަޅަން ނިންމެވިއެވެ. ނަަމަވެސް، "ސޭވް ފައިނު" އިހްތިޖާޖުތަކާ އެކު އެ ކަން ހުއްޓައިލަން ޖެހުނީއެވެ.

މުއިއްޒު މި ވައުުދުވެވަޑައިގެންފައިވާއިރު، ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅަން މި ސަރުކާރުން ނިންމި އެއާޕޯޓު އެ އަތޮޅު ބެރިޔަންފަރުގައި އަޅަން ނިންމާ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ޖޫންމަހު އިއުލާން ކުރައްވައިފައެވެ.

ފައިނުގައި އެއާޕޯޓެއް އަޅަން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވެސް ވަނީ ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް