އެމްޕީއެލުން ހުޅުމާލޭ ބަނދަރުގައި މުވައްޒަފުންނަށް ވެއިޓިން އޭރިއާއެއް ހުޅުވައިފި

ޕޯޓް ވޯކަރުންގެ ވެއިޓިން އޭރިއާ ހުޅުވުމުގެ ރަސްމިއްޔާތު --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ހުޅުމާލެ ޓާމިނަލްގައި މަސައްކަތްކުރާ އެމްޕީއެލްގެ މަސައްކަތްތެރިންނަށް ހާއްސަ ވެއިޓިން އޭރިއާއެއް ހުޅުވައިފިއެވެ.

އެތަން ހުޅުވުމަށް ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ހާއްސަ ރަސްމިއްޔާތެއް މިރޭ ވަނީ ބާއްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު، ޝާހިދު އަލީ ވިދާޅުވީ މުވައްޒަފުން މަޑުކޮށްލަން ހެދި ވެއިޓިން އޭރިއާ އަކީ، ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ހުޅުވި ތަނެއްކަމަށެވެ.

އޭނާ ވިދާޅުވީ، މިއަދު ހުޅުވި ވެއިޓިން އޭރިއާ ގެ ސަބަބުން މުވައްޒަފުންނަށް އެތައް ގުނައެއް ފަސޭހަވެ، މަސައްކަތުގައި ކުރިއެރުން ލިބޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަމުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ. މަސައްކަތުގައި އުޅުއްވައިފައި ލިބޭ ހުސް ވަގުތު ކޮޅުގައި އޭސީ ކޮށްފައި ހުންނަ ތަނެއްގައި މަޑުކޮށްލެވުނީމަ، ދެން އަނެއްކާވެސް މަސައްކަތަށް ދާން ވަރަށް ބޮޑު ފަސޭހައަކަށް ވާނެ." ޝާހިދު ވިދާޅުވިއެވެ.

އެ ތަނަކީ އެކަހެރިކޮށް އޮތް ސަރަހައްދަކަށް ވެފައި، އެތާ މަސައްކަތް ކުރާއިރު، މަޑުކޮށްލާނެ ޖާގައެއް ނެތުމުން ދުރަށް ދާންޖެހޭތީ، އެތަނުގައި ވެއިޓިން އޭރިއާ އެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ޕޯޓް ވޯކަރުންގެ ވެއިޓިން އޭރިއާ ހުޅުވުމުގެ ރަސްމިއްޔާތު--

މިއީ ބަނދަރުގެ ޑިޒައިންގެ ތެރެއިން، ކުރީންސުރެ ކުރަމުން ދިޔަ މަސައްކަތެއް ކަމަށާއި، އެތަން ނިންމާ، ހުޅުވުން ލަސްވީ ކޮވިޑުގެ ހާލަތާއެކު މަސައްކަތް މަޑުޖެހުމުންކަމަށް ޝާހިދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އެމްޑީ ވިދާޅުވީ އެތަނުގެ މަތީ ބުރީގައި މުވައްޒަފުންނަށް ހާއްސަ ކެފޭއެއް ހިންގާ ގޮތަށް ތަރައްގީ ކުރުމަށް ބިޑަށް ހުޅުވާލާނެ ކަމަށެވެ.

މިދިޔަ ފަސް އަހަރު، ހުޅުމާލޭ ޓާމިނަލް އަށް ވަނީ ވަރަށް ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ. އެގޮތުން ކުރިން ދެބައިކުޅަ އެއްބައި ބޭނުންނުކުރެވި އޮތް ހުޅުމާލެ ޕޯޓު، ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި އެއްކޮށްވަނީ ބޭނުން ކުރަންފަށާފައެވެ.

އަދި ކުރީގެ ލޯކަލް ޕޯޓުވެސް އެއްކޮށް ބޭނުން ކޮށް، މިހާރު އޮތީ އިންޓަނޭޝަނަލް ކުރުމުގެ މަރުހަލާގައެވެ.

comment ކޮމެންޓް