ކުޑަކުޑަ އަނަމްއަށާއި، މާވަށު ދާއިރާގެ އެންމެންނަށް ރައީސްގެ ގިނަ ވައުދުތަކެއް!

ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކެންޕޭނުގެ ތެރެއިން މިއަދު މާވަށު ދާއިރާގެ ތިން ރަށަކަށް ވަޑައިގަތެވެ. އެންމެ ފުރަތަމަ ވަޑައިގަތީ، ދާއިރާގެ އެންމެ އާބާދީ ބޮޑު، ލ. މާވަށަށެވެ.

އެ ރަށަށް އަރައިގެން އައިރު އެންމެ ފުރަތަމަ ވެސް ފެނުނީ ރައީސަށް މަރުހަބާ ކިއުމަށް ޓަކައި ރަށުގައި ދަމަައިލައިފައި އޮތް ދިގު ސަފެކެވެ.

ރަށަށް ރައީސް ފައިބައިވަޑައިގަތުމާއެކު އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހުރި ތުއްތު އަނަމް ދިނީ ކުރެހުމެކެވެ. އެއާއެކު، ރައީސްގެ އަރިހުގައި ދެންނެވީ؛ "ކޮއްކޮ ބޭނުމީ ހިނގައިފައި ގޮސް އެއާޕްލޭނަށް އަރަން" ކަމަށެވެ.

މިއީ މި އަތޮޅަށް ދެން އަންނަން އޮތް އެއާޕޯޓާއެކު ރައްޔިތުން ކުރާ އުންމީދުގެ މިންވަރެކެވެ. އެންމެ ތުއްތު ކުއްޖާ ވެސް ބޭނުންވަނީ އެ ކަމެވެ.

ރައީސް ޞާލިހާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މާބައިދޫގައި -- ފޮޓޯ/ އެމްޑީޕީ

އެ ރަށުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އަތޮޅުގައި ތަރައްގީކުރާ ދެވަނަ އެއާޕޯޓުގެ މަސައްކަތް ދެވަނަ ދައުރުގައި ނިންމާނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ވާ ވައުދެއް. މިއީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފުއްދާނެ ވައުދެއް،" ރައީސް ވިދާޅުވިއެވެ.

މި ރަށުގެ ގިނަ ރައްޔިތުންތަކެއް ހެން ބުނަނީ މި އިންތިޚާބު ރައީސަށް ކާމިޔާބު ކޮށްދޭނީ އެއްބުރުން ކަމަށެވެ.

"ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އެއީ މި ރަށަށް ވެސް މި ސަރުކާރުގައި ކަންތައްތަކެއް ވެފައި ހުރުމުން. ބަލަ، އެއޮތީ ފެނަކަ މަސައްކަތް، ބަނދަރު ބޭރުތޮށީ މަސައްކަތް ވެސް ނިމިފައި،" މި ރަށުން ވާހަކަދެއްކި އާންމު ރައްޔިތަކު ބުންޏެވެ.

މި ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސްވަނީ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ވައުދުވެވަޑައިގެންފަައެވެ.

މާވަށަށް ކޮށްދެއްވާނެ ކަންކަމަކީ:

  • ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުން
  • އައު ވޮލީ ކޯޓެއް އެޅުން
  • ރޯހައުސް އެޅުން
  • އިތުރަށް ބިން ހިއްކުން
  • ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީކުރުން
  • ސިއްހީ މަރުކަޒުގެ ޚިދުމަތް އަޕްގްރޭޑްކުރުން

ރައީސް ލ. ކުނަހަންދުއަށް ވަޑަައިގަތުން -- ފޮޓޯ/ އެމްޑީޕީ

މި ރަށަށްފަހު ދެން ރައީސް ވަޑައިގެންނެވީ ލ. ކުނަހަންދޫއަށެވެ. އޭރު ވެހެމުންދިޔަ ތުނި ވާރޭގައި ވެސް ގިނަ ބަޔަކު މަރުހަބާ ދެންނެވުމަށް ނުކުމެ ތިއްބެވެ.

ކުނަހަންދުއަށް ކޮށްދެއްވާނެ ކަންކަން:

  • ސިއްހީ މަރުކަޒުގައި އެކްސްޓެންޝަން އިމާރާތަކާއި ލެބޯޓްރީއެއް ގާއިމްކުރުން
  • ބަނދަރު ތަރައްގީކުރުން
  • ޒުވާނުންނަށް ޓާފް ފުޓުބޯޅަ ދަނޑެއް ތަރައްގީކުރުން
  • ވޮލީ ކޯޓެއް ތަރައްގީކުރުން

"އަޅުގަނޑަށް އެބަ ފެނޭ މި ތަނުން ޒުވާނުން ފުދޭ ވަރަކަށް މި ރަށުން. އަޅުގަނޑު އެދެނީ ތިޔަ ބޭފުޅުން ޖޯޝާއި ފޯރިއާއެކުގައި ނިކުމެވަޑައިގެން މި ކަން މި ރަށުން ވެސް ނިންމައިލަން،" އެ ރަށުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެެވެ.

ރައީސް ލ. ކުނަހަންދުއަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

ދާއިރާގެ ފަހު ރަށްކަމަށްވާ ހިތަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނަށް ވެސް ރައީސްވަނީ ގިނަ މަޝްރޫތަކެއްގެ އުންމީދު ދެއްވައިފައެވެ. އެ މަސައްކަތްތަަކަކީ:

  • ބޮޑެތި މަގުތަކުގައި ތާރު އެޅުން
  • ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުން
  • ޒަމާނީ ވޮލީ ކޯޓެއް އެޅުން
  • ސިއްހީ މަރުކަޒު ތަރައްގީކުރުން

މިއަދުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ރައީސް ވަޑައިގަތީ ލ. މާމެންދުއަށެވެ. އެރަށުގައި ވެސް ހިންގާނެ މަޝްރޫތަކުގެ ދިގު ލިސްޓެއް ރައީސް ހާމަކުރެއްވިއެވެ. އެ މަޝްރޫތަކަކީ:

  • ބިން ހިއްކުން
  • ފްލެޓް ނުވަތަ ރޯހައުސް އެޅުން
  • މޫދަށް އެރޭ ސަރަހައްދެއް ހެދުން
  • ޒުވާނުންނަށް އިންޑޯ ބެޑްމިންޓަން ކޯޓެއް އެޅުން
  • އިޖްތިމާއީ މަރުކަޒެއް ތަރައްގީކުރުން
  • ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީކުރުން
  • ސިއްހީ މަރުކަޒު 24ގަޑިއިރަށް ބަދަލުކޮށް އަޕްގްރޭޑްކުރުން
comment ކޮމެންޓް