އުމަރުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަނީ

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ހަރަކާތުން ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އިއްޔެ ފޭސްބުކްގައި އުމަރު ހިއްސާ ކުރެއްވި ޕޯސްޓެއްގައި، އުމަރަށް އިންޒާރު ދިން މީހާ ވަނީ ރިޔާސީ އިންތިހާބުގައި ވޯޓް ހޯދަން ކިތައް ކިލޯގެ މަސްތުވާތަކެތި ބެހިންތޯ ސުވާލުކޮށްފައެވެ. އަދި، ދައުލަތަށް އެންމެ ގިނަ ފައިސާ ވަންނަނީ ވެސް މަސްތުވާތަކެތިން ކަމަށް ބުނެފައެވެ.

އެ މީހާ ވަނީ އުމަރު ގަޔަށް ވަޅި ޖަހައި މަރާލާނެ ކަމުގެ އިންޒާރު ދީފައެވެ.

އެމްއެންޑީއެފުން "ސަން" އަށް ބުނީ އުމަރަށް މަރުގެ އިންޒާރު ލިބެމުންދާކަން ރަސްމީކޮށް ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް، އޭނާއަށް ލިބިފައިވާ އެ ބާވަތުގެ ބައެއް މެސެޖްތައް، އޭނާގެ ސެކިއުރިޓީގައި ހަރަކާތްތެރިވާ ސިފައިންނާއި ޙިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ ކުރިން ވެސް މާލޭގައި އޭނާގެ ކެމްޕެއިން ރޯޑް ރެލީގައި އޭނާއާ ދިމާލަށް ދަގަނޑު އެއްޗެއް އެއްލާ އޭނާގެ މޫނުމަތީގައި ޖަހާފައިވެއެވެ.

އެ ފަހަރު ވެސް އުމަރު ވިދާޅުވީ، އޭނާއާ ދިމާލަށް ދަގަނޑުގަނޑެއް އެއްލި މީހާއަކީ މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ. އަދި، އެ ވަގުތު އޭނާ އެ ތަނުން ފިލާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އެ ހާދިސާގައި އޭނާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އުމަރަކީ، އޭނާ ވެރިކަމަށް އަތުވެއްޖެނަމަ އެންމެ ފުރަތަމަ ވެސް ކުރާނެ ކަމަކީ ޑުރަގުން މި މުޖުތަމައު ސަލާމަތް ކުރުން ކަމަށް ބުނެ އެންމެ ވަރުގަދައަށް ވަކާލާތުކުރާ އެއް ކެންޑިޑޭޓެވެ.

comment ކޮމެންޓް