ގައުމަށް ދިރުން ގެނެސްދިނީ މި ސަރުކާރުގައި ކަމަށާއި އެ ކަމަށްޓަކައި މި ސަރުކާރަށް ދެވަނަ ދައުރެއް ދިނުން މަޖުބޫރު ކަމަށް އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ކައުންސިލް މެންބަރު ހުސައިން ސާލިމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރަނިންމޭޓު މުހައްމަދު އަސްލަމާ އެކު، އދ. ހަންޏާމީދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ސާލިމް ވިދާޅުވީ، ކޮވިޑުގެ ދަތިކަމުގައި ތިން އަހަރު ހޭދަ ކޮށްފައި، ބާކީ އޮތް ދެ އަހަރު ދުވަހުން ވެސް މި ސަރުކާރުން ގައުމަށް ދިރުން ގެނެސްދީފައިވާ ކަމަށެވެ. އެހެންވެ، މި ދިރުންދެނިވި ސަރުކާރު ދެމެހެއްޓުމަކީ މިއަދު މަޖުބޫރު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ވޭތުވެދިޔަ 50 ވަރަކަށް އަހަރު ތެރޭގައި ބަދަލުވެގެން މި ދިޔަ ވެރިކަންތަކުގެ ތެރޭގައި، ރާއްޖެތެރޭގެ ރައްޔިތުންނަށް އެންމެ ފުދުންތެރިކަމާ އެކީގައި އެންމެ ބޮޑަށް އަޅާލެވުނު ވެރިކަމެއް ގޮތުގައި ފާހަގަކުރެވުނީ މި ނިމިދިޔަ އެމްޑީޕީގެ ޖަޒީރާ ވެރިކަން. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން،" ސާލިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޞާލިޙަކީ އަމަލީ ގޮތުންނާއި ނަމުން ވެސް ޞާލިޙް ބޭފުޅެއް ކަމަށެވެ. ދިވެހީން ބޭނުން ވަނީ އެފަދަ ވެރިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގައި މި ދިރުންދެނިވި ވެރިކަން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދެވޭނެ ގޮތަކަށް ސިސްޓަމް ބައްޓަން ކުރުން. މިއީ މިހާރު އަޅުގަނޑުމެންނަށް ކުރަން މަޖުބޫރުވެފައި އޮތް ކަމެއް. މިއީ ކުޑަކުޑަ ކަމެއް ނޫން. އަޅުގަނޑުމެންނަށް ހެދުން ބަދަލު ކުރާހެން ވެރިކަން ބަދަލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
ސާލިމް ވިދާޅުވީ، ދަތި އުނދަގޫ ތިން އަހަރަށް ފަހު، ފަހު ދެ އަހަރު ލިބުނު ކުރިއެރުމާ މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ. އަދި، އެ ދަތި ދުވަސްތަކުގައި ވެސް ރައްޔިތުންނަށް އެ ދަތިކަން އިހްސާސްވިޔަ ނުދީ ގައުމު ކުރިއަށް ގެންގޮސްދެވުނީ ރައީސް ޞާލިޙްގެ ހިކުމަތްތެރިކަމާއި ކެތްތެރިކަމާއި އޯގާތެރިކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސްގެ ހިކުމަތްތެރިކަން ދިވެހީން އަބަދު ވެސް ހަނދާން ބަހައްޓަން ޖެހޭނެ ކަމަށެވެ.
ސާލިމް ވަނީ ސަރުކާރު ބަލިކުރަން އިދިކޮޅު ފަރާތްތަކުން ފަތުރާ ދޮގު ތުހުމަތުތަކަށް ރައްދު ދިނުމަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުންނަށް އޮޅުވާލިޔަ ދީގެން ނުވާނެ ކަމަށެވެ.