ޕެރިސް (29 އޮގަސްޓް 2023): ފަރަންސޭސިވިލާތުގެ ސްކޫލްތަކަށްދާ މުސްލިމް އަންހެން ކުދިންނަށް ދިގު ހެދުން ނުވަތަ އަބާޔާ ލައިގެން ދެން ސްކޫލްތަކަށް ނުދެވޭގޮތަށް ފަރަންސޭސި ސަރުކާރުން ނިންމުން ފަރަންސޭސި މުސްލިމުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާއިން ކުށްވެރިކޮށްފިއެވެ.
"ފްރެންޗް ކައުންސިލް އޮފް މުސްލިމް ފެއިތް" ޖަމްއިއްޔާގެ ރައީސް މުހައްމަދު މޫސަވީ ވިދާޅުވިގޮތުގައި ފަރަންސޭސި ސަރުކާރުން ގެންދަނީ އެގައުމުގެ މުސްލިމުންނަށް އެކިގޮތްގޮތުން އުނދަގޫކޮށް ދުއްތުރާކޮށް މުސްލިމް އަންހެނުންގެ ފަރުދީ ހައްގުތަކަށް އަރައިގަންނަމުންނެވެ. މިގޮތުން ދިގުހެދުމެއްކަމަށްވާ އަބާޔާ ލައިގެން ފަރަންސޭސި ސްކޫލްތަކަށް ދިޔުން މުސްލިމް އަންހެންކުދިންނަށް މަނާކުރުމަކީ މުސްލިމުންނަށް ޖެއްސުންކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިނިވަންކަމާއި އިންސާނީ ހައްގުތަކަށް ދައުވާކުރާ ފަރަންސޭސިވިލާތުން މިހާރު ފެންނަނީ އެގައުމުގެ މުސްލިމް ރައްޔިތުންގެ އިންސާނީ ހައްގުތަކަށާއި ފަރުދީ ހައްގުތަކަށް އަރައިގަންނަ މަންޒަރުކަމަށާއި މިކަމުގެ ސަބަބުން އިންސާނީ ހައްގުތަކާއި ފަރުދީ ހައްގުތަކުގެ ނަމުގައި ޕްރޮޕަގެންޑާތައް ކުރުމުގެ ހައްގު ފަރަންސޭސީންނަށް ގެއްލިފައިވާ ކަމުގައެވެ.
ފަރަންސޭސި ސަރުކާރުން އެގައުމުގެ މުސްލިމުންގެ ހައްގުތަކަށް އަރައިގަންނަނީ ލާދީނީ ނުވަތަ ސެކިއުލާ ފިކުރު މުސްލިމުންގެ ތެރޭގައި ފެތުރުމަށްޓަކައި ކަމަށާއި ފިއްތުންތައް ކުރިމަތިކޮށްގެން ވަކި ފިކުރެއް ފަތުރަން މަސައްކަތް ކުރުމަކީ އިންސާނީ ހައްގުތަކާ މުޅިން ޚިލާފުކަމެއްކަމަށް މޫސަވީ ވިދާޅުވިއެވެ.
ފަރަންސޭސި ސަރުކާރުން ކުރިންވަނީ އާދައިގެ ބުރުގާ އަޅައިގެން އެގައުމުގެ ސްކޫލްތަކަށް ދިޔުން މުސްލިމް އަންހެންކުދިންނަށް މަނާކޮށްފައެވެ. މިއީވެސް މުސްލިމުންގެ ހައްގަކަށް އަރައިގަތުމުގެ އަމަލެކެވެ. ބުރުގާ އަޅަންޖެހޭކަމަށް ގަބޫލުކުރާ މުސްލިމް އަންހެންކުދިން އެހައްގުން މަހުރޫމް ކުރެވިގެންނުވާނެކަމާއި މަހުރޫމް ކުރާނަމަ އެ އަރައިގަނެވެނީ އެކުދިންގެ އިންސާނީ އަދި ފަރުދީ ހައްގަކަށް ކަމަށް މޫސަވީ ވިދާޅުވިއެވެ.
ފަރަންސޭސިވިލާތުގެ ތައުލީމާބެހޭ ވަޒީރު ގެބްރިއެލް އަޓަލް ވަނީ މުސްލިމް އަންހެންކުދިންނަށް ދިގު ހެދުން ނުވަތަ އަބާޔާ ލައިގެން އެގައުމުގެ އެއްވެސް ސްކޫލަކަށް ނުދެވޭނެކަމަށާ މިކަން މަނާކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސެކިއުލާ ޖަމާއަތްތަކުންވެސް ވަނީ މިއީ ފަރުދީ މިނިވަންކަމަށް އަރައިގަތުންކަމަށް ބުނެ ފަރަންސޭސި ސަރުކާރުގެ މިނިންމުމަށް ފާޑުކިޔައި މިނިންމުން ބަދަލުކުރުމަށް ގޮވާލާފައެވެ.
ފަރަންސޭސިވިލާތަކީ އާންމު ތަންތަނުގައި މޫނުބުރުގާ އެޅުންވެސް މަނާކޮށްފައިވާ، ލާދީނީ ގޮތުން ވަރަށް ހަރުކަށި އަދި އިންސާނީ ހައްގުތަކާ ޚިލާފު ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. ސެކިއުލާ ފިކުރުގެ އެތައް ގައުމެއްގައި މުސްލިމް އަންހެނުންނަށް ބުރުގާ އެޅުމާއި މޫނު ބުރުގާ އެޅުމާއި ދިގު ހެދުންލުން މަނައެއް ނުކުރެއެވެ.
މިފަދަ ހެދުންތައް މަނާ ނުކުރާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ހުޅަނގުގެ އެތައް ގައުމެއް ހިމެނެއެވެ. މިގައުމުތައް ދެކޭގޮތުގައި، މޫނު ބުރުގާ އެޅުމާއި ބުރުގާ އެޅުމާއި އަބާޔާ ލުމަކީ ފަރުދީ މިނިވަންކަމެވެ. ފަރުދީ މިނިވަންކަމަށް އަރައިގަންނަ ގައުމަކަށް ފަރަންސޭސިވިލާތް މިހާރުވަނީ ވެފައެވެ.