ސަރުކާރުން ދިން ހުރިހާ އެސްއެމްއީ ލޯނުތައް މައާފުކޮށްދޭނަން: ގާސިމް

އއ. މަތިވެރީގައި އޮތް ކެންޕޭން ޖަލްސާގައި ގާސިމް އިބްރާހީމް ވާހަކަފުޅު ދައްކަވަނީ _ ފޮޓޯ: ޖޭޕީ

ރައީސްކަމަށް އިންތިޚާބުވެއްޖެ ނަމަ, ސަރުކާރުން ދިން ހުރިހާ އެސްއެމްއީ ލޯނުތަކެއް މައާފު ކޮށްދެއްވަން ޖުމްހޫރީ ޕާޓީގެ ރިޔާސީީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވައުދުވެވަޑައިގެންފިއެވެ.

އއ. މަތިވެރީގައި މިއަދު ބޭއްވި ކެމްޕޭނު ޖަލްސާގައި ގާސިމް ވިދާޅުވީ، ސަރުކާރުން ބޭނުންވާ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓައި އިންސާފެއް ނެތި ލޯނުތައް ދީފައިވާ ކަމަށާއި އެއީ ވޯޓު ހޯދަން ކުރި ކަމެއް ކަމަށެވެ.

"ލޯނުތައް ދެއްކުމުގެ ގާބިލްކަން ރައްޔިތުންގެ ކިބައިގައި މިއަދު ނެތް. މިކަމުގެ ބޭނުމަކީ ވޯޓު ހޯދުން. އަޅުގަނޑުގެ ސަރުކާރެއްގައި ސަރުކާރުތަކުން ދީފައި ހުރި ހުރިހާ އެސްއެމްއީ ލޯނެއް މައާފުކޮށްދޭނަން. ހެޔޮ ދެ ބިލިއަން ނުވަތަ ތިން ބިލިއަންގެ ލޯނެއް ނަގާފަ ހުއްޓަސް. ހަމަ އެދުވަހުން ފެށިގެން މައާފުކޮށްދޭނަން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޮންމެ ރަށެއްގެ ސުކޫލެއްގައިވެސް ސުމާޓް ބޯޑާއި 75 އިންޗީގެ ކުލަ ޓީވީއެއް ބޭނުންކޮށްގެން ކިޔަވައިދެވޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ކެމްޕޭނަށް ސަރުކާރު ކުންފުނުތަކުގެ މުވައްޒަފުން ބޭނުންކޮށްގެން ކެމްޕޭން ކުރާ ކަމަށް ގާސިމް ވަނީ ތުހުމަތުކުރައްވާފަ އެވެ.

"ދައުލަތުގެ މުވައްޒަފުން ލައްވައި މަސައްކަތް ކުރުވައިގެން ކެމްޕޭން ކުރުވައިގެން. ދައުލަތުގެ ކުންފުނިތަކުން ފައިސާ ބަހައިގެން އެގޮތް މިގޮތް ހަދައިގެން. ކްބަލް ޖަމިއްޔާތަކަށް ވެސް އެހެން ބަޔަކަށް ވެސް، މިކަން މިކުރަނީ ޕޮލިޓިކަލްގޮތުން އެމީހުން އެކްޓިވޭޓް ކުރުމަށް،" ގާސިމް ވިދާޅުވިއެވެ.

އެ ޖަލްސާގައި ގާސިމް ވަނީ އަލަށް އެމަނިކުފާނު ކޮށްދޭން ނިންމެވި ކަންތައްތައް އިއުލާންކުރައްވާފަވެއެވެ.

އެގޮތުން ކޮންމެ ރަށެއްގެ ބަނދަރުމަތީ މިސްކިތެއް އަޅައި ދިނުމާއި، ފާހަނާ ބަރިއެއް ލާދިނުމާއި، ހުރިހާ ކުލާސް ރޫމްތަކާއި މިސްކިތްތަކާއި އެއަރކޮންޑިޝަން ކޮށްދިނުމާއި، އަންހެނުންނާއި، ފިރިހެނުންނަށް ބޭނުންކުރެވޭ ގޮތަށް މިސްކިތްތައް ބިނާކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ހަމައެއާއެކު، އެ މަނިކުފާނުގެ އަމިއްލަ ޚަރަދުގައާއި، ވިލާ ކުންފުންޏާއި، ވިލާ ފައުންޑޭޝަނުން ދޭ ސްޓޫޑެންޓު ލޯނުގެ އެހީގައި، ތައުލީމު ހާސިލްކޮށް އަދި މިހާރުވެސް ލޯނުގެ ދަށުން ކިޔަވަމުންދާ ހުރިހާ ދަރިވަރުންގެ ސްޓޫޑެންޓް ލޯނުތައް މައާފްކޮށްދެއްވާފައިވާ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

މީގެކުރިން ގާސިމް ވަނީ އެމަނިކުފާނުގެ ލޯނު އެހީގެ ދަށުން މެޑިސިން، ނާސިން އަދި މެޑިކަލް ދާއިރާއިން ކިޔެވުމަށް ދޫކުރި ހުރިހާ ލޯނުތައް މައާފްކޮށްދެއްވައިފައެވެ. އެ ލޯނުތައް މައާފްކޮށްދެއްވިކަން އިއުލާންކޮށްފައި ވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

comment ކޮމެންޓް