ގެމަނަފުށިން ދެ މިނެޓުން ދެވޭ މާރެހާގައި ރިސޯޓެއް ތަރައްގީ ކުރާނަން: މުއިއްޒު

ޑރ. މުއިއްޒު ގެމަނަފުށީގައި ވާހަކަ ދައްކަވަނީ --

ގއ. ގެމަނަފުށިން ފުރައިގެން ދެ މިނެޓުން ދެވޭ ހިސާބުގައި އޮންނަ މާރެހާގައި ޓޫރިޒަމް ގާއިމުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހުވަދު އަތޮޅަށް މުއިއްޒު ކުރައްވާ ދަތުރުގައި މިއަދު ގެމަނަފުއްޓަށް ވަޑައިގެންނެވުމުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މި ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ރަށް ކައިރީގައި އޮންނަ މާރެހާއަކީ އަދި ރިސޯޓެއް ތަރައްގީ ނުކުރެވި އޮތް ތަނެއް ކަމަށާއި އެ ކަން ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

"އެ ކަމުގައި ތިޔަ ބޭފުޅުންނަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދީ އެ ތަނަށް އިންވެސްޓަރަކު ހޯދުމަށް ޓަކައި ކޮޅު ގުޅުވައިލަދިނުމަކީ އަޅުގަނޑުމެން ކުރާނެކަމެއް،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ރަށަށް މީގެ އަހަރުތަކެއް ކުރިން، 2012ވަަނަ އަހަރު އޭނާގެ ހައުސިން މިނިސްޓަރުކަމުގެ ކުރީކޮޅު ވަޑައިގެންނެވުނު ކަމަށެވެ. އަދި އޭރު މި ރަށަށް ވަަޑައިގެންނެވީ ބަނދަރު ތަރައްގީކޮށްދިނުމަށް އެދި މި ރަށުގެ ޓީމަކުން އޭނާއާ ބައްދަލުކުރުމުން ކަމަށް ވެސް ވިދާޅުވިއެވެ.

ގއ. ގެމަނަފުށިން މުއިއްޒަށް މަރުހަބާ ކިޔަނީ --

އޭރު މި ރަށުގައި އޮތީ "ފުނޑި ހަލާކުވެފައި" އޮތް ބަނދަރެއް ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި އޭރަށް ބޭނުންވާ ފެންވަރަށް ބަނދަރު ތަަރައްގީކުރެވުނު ކަމަށް ވިދާޅުވިއެވެ.

"ކަމެއް ކުރާނަމޭ އަޅުގަނޑު ދަންނަވައިފިއްޔާ ބަލާނަން ވީ ވަރަކުން އެ ކަން ކޮށްދެވޭތޯ. އަމަލާ ބަހާ ދިމާވޭތޯ،" މުއިއްޒު ވިދާޅުވިއެވެ.

އެހެން ނަމަވެސް، އިތުރު ކުރިއެރުންތައް މި ރަށު ބަނދަރަށް ބޭނުންވާނެ ކަމަށާއި އަނެއްކާ ވެސް އިތުރަށް ތަރައްގީ ގެނެސްދީ ބޮޑުކޮށްދޭނެކަމަށް އޭނާ ވައުދުވެވަަޑައިގެންނެވިއެވެ.

"މިފަދަ ރަށެއްގައި އުމްރާނީ ތަރައްގީގެ ގޮތުންކުރަން ޖެހޭ ހުރިހާ މަސައްކަތެއް އޮންނަން ޖެހޭނީ ފުރިހަމަވެފައި. ހާއްސަ ކަމެއްގެ ގޮތުގައި މަގުހެދުމުގެ މަޝްރޫއެއް ކުރިއަށް ގެންދެވެން ޖެހޭނެ،" މުއިއްޒު ވިދާޅުވިއެވެ.

މި ރަށުގެ ބިން އިތުރުކުރުމަކީ މުހިންމުކަމެއް ކަމަށާއި ހާއްސަކޮށް އެއީ ޒުވާނުންގެ ތަރައްގީއަށާއި ކުރިއެރުމަށް މުހިންމުކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. ބިން ހިއްކުމުގެ މަޝްރޫ ކުރިއަށް ގެންގޮސް، ހައުސިންގެ މަޝްރޫތައް ވެސް މި ރަށުގައި ހިންގައިދެއްވާނެ ކަމަށް އޭނާ ވައުދުވެވަޑައިގެންނެވިއެވެެ.

"އިރާދަކުރެއްވިއްޔާ ގެދޮރުވެރިކަމުގެ ޔަގީންކަން ގެެމަނަފުށީ ރައްޔިތުންނަށް ހާސިލުކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ރަށުގައި ބޭންކްގެ ބްރާންޗެއް ގާއިމުކޮށްދެއްވުމަށާއި ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް ގާއިމުކޮށްދެއްވުމަށާއި ސިއްހީ މަރުކަޒު ތަރައްގީކޮށްދެއްވުމަށް ވެސް އޭނާ ވައުދުވެވަޑައިގެންނެވިއެވެ.

"މި ރަށަކީ ވަރަށް އެކުވެރި، ވަރަށް ވަރުގަދަ ރޫހެއް އޮތް ރަށެއް. އަޅުގަނޑު އެދެނީ ކުރިއަށް އޮތް 12 ދުވަހު ގެމަނަފުށީގެ ރައްޔިތުން އަދި މި ދާއިރާގެ ރައްޔިތުން ވެސް ވަރަށް ވަރުގަދަ މަަސައްކަތްތަކެއް ކުރައްވަން،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ދުވަސްތަކުގައި މަަސައްކަތްކޮށް އެއްބުރުން އިންތިހާބު ކާމިޔާބުކުރުމުގައި އެހީތެރިކަމަށް އެދޭ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ ދައުރަށް ހޮވިވަޑައިގެންފިނަމަ ގެމަނަފުއްޓަށް ކޮށްދެއްވާނެ ކަންކަމުގެ ތެރޭގައި ރަށުގެ ބިން ހިއްކައި، އެ ރަށާ ކައިރި އޮތް އަރޭގައްތާގައި ރިސޯޓެއް ތަރައްގީކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް