ޓޫރިޒަމް މިނިސްޓަރު، ޑރ. މައުސޫމް އެމްޑީޕީއަށް ސޮއިކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެމްޑީޕީއަށް ސޮއިކުރެއްވުން --- ފޮޓޯ/ އެމްޑީޕީ

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިރޭ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

އޭނާގެ މެންބާޝިޕް ފޯމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އެ މަގާމުގައި ކުރިން ހުންނެވި، އަލީ ވަހީދު މަގާމުން ވަކި ކުރެއްވުމާ ގުޅިގެންނެވެ.

ރައީސް ޞާލިހާއެކު، ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީއަށް ދިން ދައުވަތު ގަބޫލު ނުކުރުމާއެކު، ކެބިނެޓުގެ ތެރެއިން ޑރ. މައުސޫމާއި، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވަނީ ރައީސަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އޭރު އޭނާ ވިދާޅުވީ ރައީސަށް ތާއީދުކުރަނީ އެއްވެސް ޝަރުތެއްނެތި، ގައުމަށް ފައިދާ ހުރި ގޮތަކީ އެއީ ކަމަށް ވާތީ ކަމަށެވެ.

ނަމަވެސް، މައުސޫމް ވަނީ ޕާޓީން ވަކިވެ ވަޑައިނުގަނެ، ދުވަސް ކޮޅަކު މަޑުކުރައްވާފައެވެ. އޭނާ ޖޭޕީން ވަކިވެ ވަޑައިގަތީ، މިމަހުގެ ހަތްވަނަ ދުވަހުއެވެ.

އޭނާ މިނިސްޓަރުކަމަށް އައްޔަނުކުރުމުގެ ކުރިން ހުންނެވީ ރާއްޖޭގެ ފަރާތުން ސިންގަޕޫރަށް ކަނޑައަޅާފައި ހުރި ސަފީރުގެ މަގާމުގައެވެ. މީގެ ކުރިން، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހުކޮޅު ވެސް އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވިއެވެ.

މީގެ އިތުރުން، ޑީއާރުޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަަރުކަން ކުރެއްވިއެވެ. ޑީއާރުޕީ ދޫކުރައްވާ ޖޭޕީއަށް ސޮއިކުރެއްވީ 2014ވަނަ އަހަރުއެވެ.

އޭގެ ކުރިން އޭނާވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމްގެ ވިލާ ކުންފުނީގެ ރިސޯޓުތައް ހިންގުމުގައި އިސް މަގާމުތަކެއް ފުރުއްވާފައެވެ.

މައުސޫމް މިއަދު އެމްޑީޕީއަށް ސޮއިކުރެއްވުމާއެކު، ކެބިނެޓުގައި މިހާރު ތިއްބެވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދެ މިނިސްޓަރުންނެވެ. އެއީ، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާއާއި، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ. ނަހުލާ އަންނަނީ ފިރިކަލުން، ގާސިމްގެ ރިޔާސީ ކެންޕޭނުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ. ޑރ. ހުސައިން އެކަމުގައި ރަސްމީ ސްޓޭންޑެއް ނުނަންގަވައެވެ.

comment ކޮމެންޓް