ފުލަމް އަތުން އާސެނަލަށް ޕޮއިންޓެއް، ޔުނައިޓެޑަށް ހަނި މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ފަހުވަގުތު އާސެނަލް ކޮޅަށް ގޯލު ޖެހުމަށްފަހު ފުލަމްގެ ފަލްހީނިއާ އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އަތުން އާސެނަލް އެއްވަރުވި އިރު، ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ޔުނައިޓެޑް ސަލާމަތްވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުލަމުން ވަނީ އާސެނަލަށް ގިނަ އުނދަގޫތަކެއް ކުރިމަތިކުރުވައިފައެވެ. އެ މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މިދިޔަ ސީޒަނުގައި ކުރިމަތިވި ހިތްދަތިކަން ހަނދާން ނައްތާލައި، ލީގު ހޯދުމަށް އަމާޒު ހިފާފައިވާ އާސެނަލް ކޮޅަށް ފުލަމުން ވަނީ މިނެޓެއް ނުވަނީސް ގޯލެއް ޖަހައިފައެވެ. ފުލަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަންދްރޭސް ޕެރޭރާއެވެ.

އާސެނަލުން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، ދެ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އާސެނަލަށް ބުކަޔޯ ސަކާ ނަތީޖާ ހަމަހަމަކޮށްދިން އިރު، އޭގެ ދެ މިނެޓުފަހުން އާސެނަލަށް ލީޑު ހޯދައިދިނީ އެޑީ އެންކޭޓިއޭއެވެ. އާސެނަލުން ލީޑުގައި އޮވެ ނިންމާލަން ދަނިކޮށް، މެޗުގެ 87 ވަނަ މިނެޓުގައި ފުލަމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖޮއާއޯ ޕަލްހީނިއާއެވެ.

އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުން މޮޅުވީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ހަތަރު މިނެޓުގެ ތެރޭގައި ނޮޓިންހަމުން ދެ ގޯލުގެ ލީޑެއް ހޯދިއެވެ. އެ ޓީމަށް އެ ގޯލުތައް ކާމިޔާބުކޮށްދިނީ ޓައިވޯ އަވަނިޔީ އާއި ވިލީ ބޮލީއެވެ.

ނޮޓިންހަމުން ދެ ގޯލުގެ ލީޑެއް ހޯދުމާއެކު ޔުނައިޓެޑުގެ ކުޅުން ރަނގަޅުކޮށް، ހަމަލާތައް އުފައްދަން ފެށިއެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ކްރިސްޓިއަން އެރިކްސަން ޖެހި ގޯލުން ފަރަގު ކުޑަވެގެންދިޔައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ނޮޓިންހަމް ކުރީގައި އޮވެގެންނެވެ.

ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 52 ވަނަ މިނެޓުގައި ކަސެމީރޯ ޖެހި ގޯލުންނެވެ. އަދި ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒެވެ. އޭނާ އެ ގޯލު ޖެހީ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުންނެވެ.

comment ކޮމެންޓް