ސައްހަ ނޫން ސަނަދުތައް ހޯދައި، އެތަކެތި ގެންގުޅުން ހުއްޓުވުމަށްޓަކައި، ސަނަދުގެ ފެންވަރު ކަށަވަރު ކުރުމަށް ކުރާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން މިއަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން މިއަދު ކުރިއަށް ގެންދިޔަ "ކޮންފަރެންސް އޮން ކޮލިފިކޭޝަން ރިކޮގްނިޝަން" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަތީ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް އެމްކިއުއޭއިން ކުރަމުންދަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ.
އަދި މިފަދަ ކޮންފަރެންސެއް ބޭއްވުމާއެކު، އެ އޮތޯރިޓީގެ ފެންވަރު ރަނގަޅުކޮށް، ކަންކަން އިތުރަށް ހަރުދަނާ ކުރަން މަގުފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއީ އެމްކިއުއޭގެ މެންޑޭޓުގައި ހިމެނޭ ކަންކަން ހާސިލްކުރުމުގެ ފެށުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ތައުލީމުދޭ ނިޒާމުތަކުގައި ހުރި ގޮންޖެހުން ތަކާއި، ތަފާތުތަކާ އެއްގޮތަށް ސަނަދުގެ ފެންވަރު ކަށަވަރު ކުރުމަކީވެސް އެންމެންނަށް ވެސް އެނގިފައި އޮންނަން ޖެހޭ ކަންކަމަށް ވާން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަދި ޚާއްސަކޮށް މި ޒަމާނުގައި މަތީ ތައުލީމަކީ ވެސް ވަރަށް ބޮޑަށް ވާދަވެރި ކަމަކަށް ވެފައިވާއިރު، މަތީ ތައުލީމު ދޭ މަރުކަޒުގެ މަސައްކަތްތަކަކީ ބައެއް ބޭފުޅުންގެ ނަޒަރުގައި ވިޔަފާރިއަކަށް ވެގެން ގޮސްފަ މިވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މި ކޮންފަރެންސްއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެމްކިއުއޭގެ ސީއީއޯ ޑރ. އަބްދުލްހަންނާން ވަހީދު ވިދާޅުވީ، ސަނަދުގެ ފެންވަރު ކަށަވަރުކޮށް، ސަނަދު ގަބޫލު ކުރުމުގެ ޚިދުމަތް ދިނުމަކީ ވަރަށް ގިނަ ބައެއްގެ އިހުސާސާ ގުޅިފައިވާ ކަމެއް ކަމަށެވެ.
މިއީ މިފަދަ ފުރަތަމަ ކޮންފަރެންސް ނަމަވެސް، މި ކޮންފަރެންސްގެ އަލީގައި، އެ އިދާރާގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް މިފަދަ އިތުރު ހަރަކާތްތައް އިންތިޒާމް ކުރާނެ ކަމަށްވެސް ޑރ. ހަންނާން ވިދާޅުވިއެވެ.
މި ކޮންފަރެންސަކީ ތައުލީމީ ފެންވަރު ކަނޑައެޅުމާއި، ކޯސްތައް ހިންގުމުގެ މިންގަނޑުތައް ވަޒަންކުރުމާއި، ދުނިޔޭގެ އެހެން ގައުމުތަކުން އަމަލު ކުރާ އުސޫލުތައް ބަލައި، ރާއްޖޭގައި މި ކަން ހަރުދަނާ ކުރެވެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެސްގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ރާއްޖޭގެ ތައުލީމީ އިދާރާތަކާއި، ކޮލެޖު ޔުނިވާސިޓީ އަދި ބައިނަލްއަގްވާމީ އިދާރާތަކުން ވަނީ ބައިވެރިވެފައެވެ.