ކޮންޓްރެކްޓް އާކުރުމަށް އެމްބާޕޭ އަނެއްކާވެސް ދެކޮޅު ހަދައިފި

ޕީއެސްޖީގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ -- ފޮޓޯ/ ގެޓީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއެކު ފްރާންސް ތަރި ކިލިއަން އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް ހުށަހެޅުން އޭނާ އަނެއްކާވެސް އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕީއެސްޖީން އަލުން އެ މަސައްކަތް ފަށައި، ކޮންޓްރެކްޓު އާކުރަން ހުށަހެޅުމުން އެމްބާޕޭ ވަނީ ދެކޮޅު ހަދައިފައެވެ. އެމްބާޕޭ އެކަމަށް ދެކޮޅު ހަދާފައިވަނީ އެ ކޮންޓްރެކްޓުގެ ދަށުން އެހެން ކްލަބަކާ ގުޅުމަށް ދަތިތަކެއް ހުންނާނެތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނަށްފަހު އެމްބާޕޭ އާއި ޕީއެސްޖީއާ ދެމެދު އެންމެ ބޮޑު މައްސަލައެއް ޖެހިފައިވަނީ ވެސް ކޮންޓްރެކްޓު އާކުރުމަށް އޭނާ ދެކޮޅު ހަދަމުން ދިއުމުންނެވެ. ޕީއެސްޖީން އެތައް ފަހަރަކު އެކަމަށް މަސައްކަތްކުރި ނަމަވެސް، ކާމިޔާބުވެފައެއް ނުވެއެވެ. އެމްބާޕޭ ބޭނުންވަނީ މިސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއް ދަށުން ރެއާލް މެޑްރިޑާ ގުޅުމަށެވެ.

ރެއާލުން ވަނީ އެމްބާޕޭ ހޯދުމަށް މިދިޔަ ސީޒަނުގެ ތެރޭގައި ވެސް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ޕީއެސްޖީން އެމްބާޕޭ ދޫކޮށްލާފައި ނުވުމުން، މިހާރު އެ ކްލަބު އޮތީ ޕީއެސްޖީއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ނިމުމާއެކު އަންނަ ސީޒަނުގައި ގެންދިއުމަށެވެ. ޕީއެސްޖީއަށް އަގެއް ހުށަހަޅައިގެން މިސީޒަނުގައި އެމްބާޕޭ ގެންދިއުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް މީގެ ކުރިން ރެއާލްގެ ވެރިން ވެސް ވަނީ ބުނެފައެވެ.

ޕީއެސްޖީން އެމްބާޕޭ ވިއްކުމަށް މަސައްކަތްކުރަމުންދަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާ ގޮސްފި ނަމަ، އެ ކްލަބަށް ބޮޑު ގެއްލުމެއް ވާނެތީއެވެ. ޕީއެސްޖީން ވަނީ 2018 ވަނަ އަހަރު މޮނާކޯއިން އޭނާ ހޯދުމަށް 180 މިލިއަން ޔޫރޯ ހަރަދުކޮށްފައެވެ.

comment ކޮމެންޓް