ޕީޕީއެމް، ޕީއެންސީގެ ކޯލިޝަނުގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރާކަން މިއަދު ހާމަ ކުރައްވައިފިއެވެ.
ދެހާސްވިހި ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ކޯލިޝަނުގެ އެޑްވައިޒަރަކަށް ހަމަޖެއްސި ޝަހީމް އެހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލް އަދި ފަހުން ހާމަ ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. ޝަހީމްގެ ސިޔާސީ މުސްތަގުބަލާ މެދު ނިންމަވާ ގޮތް މި މަހުގެ ހަވަނަ ދުވަހު އިއުލާނު ކުރައްވާނެ ކަމަށް ވެސް މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ. ނަމަވެސް އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެމަނިކުފާނު އެ ނިންމުން ހާމަކުރައްވާފައެއް ނުވެއެވެ.
އަދާލަތު ޕާޓީން ސިޔާސީ މަސައްކަތްތައް ފެއްޓެވި ޑރ. ޝަހީމް ޕީޕީއެމާ ގުޅިވަޑައިގަތީ 2018 ވަނަ އަހަރެވެ. އޭރު ޝަހީމް ވަނީ ޕީޕީއެމްގައި ޔާމީން ދެމިހުންނެވިހާ ހިނދަކު، އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވެސް ނުކުންނެވީ ޝަހީމެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑރ. ޝަހީމް ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރުކަން ކުރައްވާފައެވެ. އެއަށް ފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެމަނިކުފާ އައްޔަން ކުރެއްވީ އިސްލާމިކް މިނިސްޓަރުގެ މަގާމަށެވެ.
އަދި އިސްލާމިކް ޔުނިވާސިޓީ އުފެއްދުމުގެ ގިނަ މަސައްކަތްތަކެއް ކުރައްވާ އެ ޔުނިވާސިޓީގެ ޗާންސެލަރުކަން ވެސް އެމަނިކުފާނު ކުރެއްވިއެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ 2018ވަނަ އަހަރު ނޮވެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ.