އެކަށީގެންވާ ތަރައްގީއަށް އޮތް ހުރަހަކީ ސިޔާސީ ނުފޫޒު: ފާރިސް

ފާރިސް މައުމޫން / ސަން ފައިލް ފޮޓޯ

ރާއްޖެ ތަރައްގީ ކުރުމަށް އެކި ފުރުސަތުތަކެއް ހުޅުވިފައި ވީ ނަމަވެސް، އެކަށީގެންވާ ގޮތެއްގައި އެކަން ހާސިލް ނުވެ އޮތީ ގައުމާ ގުޅޭ ބޮޑެތި ނިންމުންތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނާތީ ކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އޯޝަން ޓީވީގެ "ޓޭބަލް ޓޯކް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފާރިސް ރޭ ވިދާޅުވީ، ދިވެހި ދައުލަތަކީ ވަސީލަތްތައް ގިނަ، މަސައްކަތްތެރި ރައްޔިތުންތަކެއް ތިބި ގައުމެއް ކަމަށާއި، ބޭރުގެ ފައިސާ ވަންނާނެ އެތައް ދޮރުތަކެއް ވެސް ހުޅުވިފައިވާ ގައުމެއް ކަމަށެވެ.

އެހެންނަމަވެސް މުއްސަނދި ކަމުގެ ފައިދާ ހުރިހާ ރައްޔިތުންނަށް މިއަދު ލިބިގެން ނުދާ ކަމަށާއި، އެއީ ހުރިހާ ނިންމުމެއްގެ ތެރެއަށް ވެސް ސިޔާސީ ނުފޫޒު ވަންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ މައިގަނޑު ސަބަބަކީ ހުރިހާ ނިންމުމަކަށް ސިޔާސީ ނުފޫޒު ވަންނާތީ. ސިޔާސީ ގޮތުން ވިސްނާފަ ނޫނީ ގައުމުގެ ތެރައްގީ އާ ބެހޭ ގޮތުން، ރައްޔިތުންނާ ބެހޭ ގޮތުން ނުނިންމާތީ." ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ފާރިސްގެ ފަރާތުން ރައްޔިތުންނަށް ހުށަހަޅާ މައިގަނޑު ފަލްސަފާ އަކީ އެކަންކަމުގެ ތެރެއިން ސިޔާސީ ނުފޫޒު އެއްކިބާ ކޮށް، ރަނގަޅު ދިރާސާތަކެއް ކޮށް، ރައްޔިތުންނާ ގާތުން ފަންނީ ސިޔާސަތުތަކެއް އެކުލަވާލުން ކަމަށެވެ.

މީގެއިތުރުން، ފާރިސް ވިދާޅުވީ އާންމުގޮތެއްގައި ސަރުކާރުތަކުން އިގްތިސާދީ ކަންކަމުގައި ބަރޯސާ ވަނީ އެންމެ ބޮޑެތި ވިޔަފާރި ތަކަށާއި، އެންމެ މުއްސަނދި މީހުންނަށް ކަމަށެވެ.

އަދި އަބަދުވެސް ފެންނަމުން ދަނީ އާންމު ރައްޔިތުންނަށް ވުރެ އެފަދަ މީހުންގެ މަސްލަހަތު އިސްކުރާ މަންޒަރު ކަން ފާހަގަ ކުރައްވައި ފާރިސް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ގައުމަށް ލިބޭ މުއްސަނދިކަން ހަމަހަމައަށް ރައްޔިތުންގެ މެދުގައި ބަހާލާނެ ކަމަށެވެ.

ފާރިސް ވަނީ އޭނާގެ ވެރިކަމެއްގައި އެންމެ ހާލުގައި ތިބި ރައްޔިތުންވެސް ބާކީ ކޮށް ނުލައި ހުރިހާ ރައްޔިތުންނަށް އެކަށީގެންވާ މިންވަރުން ހަަމަހަމައަށް ޚިދުމަތް ފޯރުކޮށްދިނުމަށް ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް