ރ. އަނގޮޅުތީމުން 11 އަހަރަށް ފަހު ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ މީހުންނަށް ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ރަށު ކައުންސިލުން ވަނީ ބަންޑާރަ ގޯތީގެ ގޮތުގައި ޖުމްލަ 32 ގޯއްޗެއް ދޫކުރުމަށް ނިންމާފައެވެ. މިއިން ކޮންމެ ގޯއްޗަކީ ވެސް 3،000 އަކަފޫޓުގެ ގޯއްޗެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން އަނގޮޅިތީމު ކައުންސިލްގެ ރައީސް ފައިސަލް ނަސީމް ވިދާޅުވީ، މިހާ ގިނަ ދުވަސް ވަންދެން ގޯތި ނުދެވި އޮތީ ލޭންޑް ޔޫސް ޕްލޭން އެކުލަވާ ނުލެވި އޮތުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް ލޭންޑް ޔޫސް ޕްލޭން ފާސް ވުމާއެކު ރަށުގެ ހުރިހާ މުއައްސަސާތަކާއި، ޖަމިއްޔާތައް ހިމެނޭހެން ކައުންސިލުން ކޮމިޓީއެއް އެކުލަވާލައި، ގޯތި ދިނުމުގައި ބަލާނެ އުސޫލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ގޯތި ދިނުމުގައި އިސްކަން ދޭނެ ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބި އާއިލާތަކަށް. ކައިވެނި ކޮށްގެން ގިނަ އަހަރުވެ، ކުއްޖަކު ލިބިފައި ނުވި ނަމަވެސް ގޯތި ލިބޭނެ. ދެން ވަރަށް ގިނަ ފަހަރު ޝަރުތެއްގެ ގޮތުގައި އެބަ ހަދާ މީހަކާ އިނދެގެން އުޅުން. އެކަމު އަޅުގަނޑުމެން ނިންމާފައި މިވަނީ 18 އަހަރު ވެއްޖެ ނަމަ މީހަކާ ނީނދެ ހުރި ނަމަވެސް ޝަރުތު ހަމަވާ ކަމަށް." ފައިސަލް ވިދާޅުވިއެވެ.
ބިމުގެ ދަތިކަން ނެތް ނަމަވެސް، ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްފަދައިން އަނގޮޅިތީމުގައި ވެސް ބޯހިޔާވަހިކަން ބޭނުންވާ ގިނަ ރައްޔިތުންތަކެއް ތިބިކަން ފައިސަލް ފާހަގަ ކުރެއްވިއެވެ.
ކައުންސިލުން ދޫކުރަން ހަމަޖެހިފައިވާ 32 ގޯތީގެތެރެއިން 30 ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ރަށުގެ އިރު ދެކުނުންނެވެ. އަދި، ބާކީ ދެ ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ރަށުގެ ހުޅަނގު ދެކުނުންނެވެ.
ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްސަ ކޮށްފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ވަނީ ހުޅުވާލާފައެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އަނގޮޅިތީމުގެ އާބާދީއަކީ 349 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 167 ފިރިހެނުންނާއި 182 އަންހެނުންނެވެ.