މި ސަރުކާރަށް ޖެހުނީ ކުރީ ސަރުކާރުން ޕްލޭނެއް ނެތި ކުރި ކަންކަމުގެ ބުރަ އުފުލަން: ރައީސް

ރައީސް ރ. އިންނަމާދޫގައި ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް ޖެހުނީ ޕްލޭނެއް ނެތި ކުރީ ސަރުކާރުން ކުރި ކަންކަމުގެ ބުރަ އުފުލަން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރ. އިންނަމާދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރީ ސަރުކާރުގެ ބައެއް މަޝްރޫތައް ވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ނުނިމި ހުރިކަމަށެވެ.

އެއީ އެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ހުރި ދޯދިޔާ ކަންތައްތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބައެއް ރަށްރަށުގެ ނަރުދަމާއާއި މަގުތަކާއި އެ ނޫން ކަންކަން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

އަސާސީ ޚިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން މިއަދު މި ސަރުކާރުގެ 90 ޕަސެންޓް މަޝްރޫއު ނިމި، ބާކީ މަސައްކަތް ހިނގަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހެން ގޮސް ތިން ހަތަރު ރަށެއް މިހެން ހުއްޓިފައި އޮތް. އަޅުގަނޑުމެންނަށް ޖެހުނީ އެތައް ބުރަ މަސައްކަތެއްކުރަން. ޕްލޭނެއް ނެތި ރޭވުމެއް ނެތި ފަށައިފައިި އޮތުމުން ދިމާވި ކިތަންމެ ދައްޗެއް ދިމާވި،" ރައީސް ވިދާޅުވިއެވެ.

އިންނަމާދޫގެ ނަރުދަމާގެ މަސައްކަތް ވެސް އޮތީ އެފަދައިން ކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ކަން ހައްލުކޮށް މަސައްކަތް ނިންމީ މި ސަރުކާރުން ކަމަށް ވިދާޅުވެފައެވެ.

މިއީ ވަޑިން ގިނަ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ރަށުގައިި ވަޑިންނަށް ވެސް ދަތި އުނދަގޫތައް އެބަހުރި ކަމަށެވެ.

އެގޮތުން އިންވެސްޓަމަންޓެއް ކުރުމަށް ޓަަކައި ހުރި ދަތިތަކަށް އެ ފަދަ މަސައްކަތްތެރިންނަށް ފަސޭހައިން ލޯނު ލިބޭނެ ނިޒާމެއް ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި ސަރުކާރުގެ އެކިއެކި ސްކީމްތަކުގެ ތެރޭގައި ތިޔަބޭފުޅުންނަށް ބައިވެެރިވެވަޑައިގެން އޭގެ ތެރެއިން ފަސޭހައިން ފައިނޭންޝިއަލް މާލީ އެހީތެރިކަން ލިބޭނެ ގޮތަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ބައްޓަންކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ތަނުގައި ވަޑިންނާއި ފައިބަރު މަސައްކަތްކުރާ ފަރާތްތަކުގެ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދެވަނަ ދައުރެއްގައި އިންނަމާދޫއަށް ކޮށްދެއްވާނެ ކަންކަން:

  • ސްކޫލު އިމާރާތާއެކު އިތުރު ވަސީީލަތް ގާއިމްކުރުން
  • ކުޅިވަރު ވަސީލަތް ގާއިމްކުރުން
  • ސިއްހީ މަރުކަޒުގެ ޚިދުމަަތް 24ގަޑިއިރަށް ހެދުން
  • ބޯހިޔާވަހިކަމުގެ ރޯހައުސް ނުވަތަ ފްލެޓު އެޅުން
comment ކޮމެންޓް