މިސީޒަނުގައި ރެއާލް މެޑްރިޑާ ގުޅުނު އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމްއަކީ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށްބުނެ، އޭނާއަށް އެ ކްލަބުގެ ތަޖުރިބާކާރު ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ތައުރީފުކޮށްފިއެވެ.
އުމުރުން 20 އަހަރުގެ ބެލިންހަމް، ސްޕެނިޝް ލަލީގާގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ރެއާލްގެ ސަޕޯޓަރުން ލޯބި ވަނީ ހޯދައިފައެވެ. ބޮރޫޝިއާ ޑޯޓްމަންޑުން 103 މިލިއަން ޔޫރޯ (110 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުން ރެއާލާ ގުޅުނު ބެލިންހަމް ވަނީ ދެ މެޗުން ދެ ގޯލު ކާމިޔާބުކޮށްފައެވެ.
މިދިޔަ ސީޒަނަށްފަހު ރެއާލުން ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ދިއުމާއެކު، އެޓީމުގެ އެޓޭކް ދަށްވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، ބެލިންހަމްއާއެކު އެޓޭކް ފެންނަނީ ވަރުގަދަކޮށެވެ. މިޑްފީލްޑްގައި ހަރަކާތްތެރިވަމުން ބެލިންހަމް ދަނީ ވަރަށް ބޮޑަށް އެޓޭކުގައި ވެސް ބައިވެރިވަމުންނެވެ.
"ބެލިންހަމްއަކީ ރެއާލްގެ މުހިންމު އެސެޓެއް. ކުރު މުއްދަތެއްގެ ތެރޭގައި އޭނާ ވަނީ ޓީމަށް ހޭނިފައި. ތަމްރީނުތަކުގައި ވެސް ބެލިންހަމްގެ ކުޅުން ފާހަގަކޮށްލެވޭ. އޭނާގެ އުމުރާ ބަލާފައި، އެދަނީ ފުރިހަމަ ފުޓުބޯޅައެއް ކުޅެމުން. ބެލިންހަމް އެދަނީ އޭނާގެ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް ގަދައަޅައި މަސައްކަތްކުރަން،" ކްރޫސް ބުންޏެވެ.
ކްރޫސް ބުނީ ޒުވާން އުމުރުގައި ޓެކްޓިކަލް އަދި ޓެކްނިކަލް ގޯސްތަކެއް އާންމުކޮށް ފެނުނު ނަމަވެސް، ބެލިންހަމްގެ ފަރާތުން އެ ގޯސްތައް ނުފެންނަ ކަމަށާއި އެއީ ޓީމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.