(ށ. މިލަންދުއިން، ޢާލިމް އަބްދުއްލަތީފް)
ށ. މިލަންދޫގައި އެއާޕޯޓެއް އެޅުމަކީ މުހިންމުކަމެއް ކަމަށާއި އެ ކަން ކޮށްދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި މިލަންދުއަށް ވަޑައިގެން މިއަދު މުއިއްޒު ވިދާޅުވީ، މި ރަށުގެ ތަރައްގީއަށް ގިނަ މަޝްރޫތަކެއް ބޭނުންވާ ކަމަށެވެެ.
އޭނާގެ ތަރައްގީގެ ފިކުރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެސް ތަރައްގީގެ ފިކުރުކަމަށް މުއިއްޒު ވިދާޅުވިއެވެ.
އުމްރާނީ ތަރައްގީގެ ވިސްނުމުގައި ކޮންމެ 30 މިނެޓުން ދެވޭ ވަރަށް އެއާޕޯޓު އެޅުމަކީ ރައީސް ޔާމީންގެ ސިޔާސަތެއްކަމް ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.
މި ރަށުގެ ކައިރީގައި ފުނަދޫގައި އެއާޕޯޓެއް އޮތް ނަމަވެސް، މި ދާއިރާގެ ނަރުދޫއާއި ފީވަކުން 30 މިނެޓަށްވުރެ ގިނައިރު ނަގާނެކަމަށް ވެސް ވިދާޅުވިއެވެ.
މި އަތޮޅަކީ ޖޯގްރަފިކަލީ ދަތުރުފަތުރުކުރަން ވަރަށް ގިނަ ތަކުލީފު އުފުލަން ޖެހޭ އަތޮޅެއް ކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ކޮންމެހެން ވެސް މިލަންދޫގައި އެއާޕޯޓެއް އަޅަން ޖެހޭ ކަމަށެވެ.
"އެ ކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ކޮށްދޭނަން. އެހެން ނަމަވެސް އަޅުގަނޑަކަށް ނުފެނޭ ރިސޯޓް ހަދާނެ ރަށެއް މި ރަށް ކައިރިންނެއް،" މުއިއްޒު ވިދާޅުވިއެވެ.
އެހެން ނަމަވެސް، މި އަތޮޅަށް އިތުރު ރިސޯޓުތަކާއި އެއާޕޯޓުތައް ވެސް ގެނެސްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެ ހުރިހާ އެއާޕޯޓެއް ވެސް ފީސިބަލް ވާނީ އެކަށީގެންވާ ވަރަށް ޓޫރިޒަމް ކުރިއަރައި އެނދުތައް ގިނަވަގެން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ، މި އަތޮޅު ޓޫރިޒަމް ދާއިރާއިން ކުރިއެރުވުމަކީ އިގްތިސޯދީ ޕްލޭންގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ރަށުގެ މަގުތައް ހަދައިދިނުމަށާއި އިސްލާމީ މަރުކަޒެއްް ބިނާކޮށްދިނުމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ. އަދި ރަނގަޅު ފެންވަރެއްގެ ޒުވާނުންގެ މަރުކަޒެއް އަޅުއްވައިދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.
މިއަދު ށ. ކޮމަންޑޫއަށް ވަޑައިގެން އެ ރަށް ކައިރީ ގުޅިފައި އޮންނަ ތިން ރަށް ކަމަށްވާ ށ. މެދުރަށް، ށ. މައިރަށް އަދި ށ. ދިގުރަށް (ދިގުވެލިދޫ)ގައި އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެެވެ.