މި ދައުރަކީ ތާރީޚުގައި ވެސް އެއްފަހަރާ އެންމެ ގިނަ މަސައްކަތް ކުރެވުނު ފަސް އަހަރުކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެެވެ.
ރ. ފައިނަށް ވަޑައިގެން މި ރަށުގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެހައި ގިނަ މަޝްރޫއު ހިންގުނު ނަމަވެސް ފަސް އަހަރު އެންމެ ފުރިހަމައަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
"ފަސް އަހަރު މުޅިން އެކީ ލިބުނެކޭ ދެންނެވޭކަށް ނެތް. ކޮވިޑުގެ އާލަމީީ ބޮޑު ވަބާއާއެކީގައި އަޅުގަނޑުމެންގެ އެންމެންގެ ވިސްނުން އެއިރު އަމާޒުކުރަން ޖެހުނީ ރައްޔިތުންގެ ސިއްހީ ހާލަތާ ދޭތެރޭގައި. ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެހެންވެ ބައެއް މަޝްރޫތައް މަޑުޖައްސައިލަން ޖެހުނު ކަމަށާއި އެއީ އުންމީދުކުރި ސްޕީޑުގައި މަޝްރޫތަކުގެ މަސައްކަތް ނުހިނގި ސަބަބު ކަމަށެވެ.
އެހެންނަމަވެސް އަމާޒަކީ މި ދައުރުގެ ބާކީ ދުވަސްތަކުގައި އެ މަސައްކަތްތައް ނިންމުން ކަމަށް ރައީސް ވިދާޅުވިއެެވެ.
އެ މަނިކުފާނު ވިދާޅުވީ މިހާ ގިނަ މަސައްކަތްތައް ކުރެވުނީ ޚިޔާލު ތަފާތުވުންތަކުން އެއްކިބާވެ، ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުވަނުމުން ކަމަށެވެ.
އެ ހަލަބޮލިކަމުގެ ތެރެއަށް ވަތްނަމަ މަޝްރޫތަކާމެދު ވިސްނާނެ ވަގުތު ނުވީސްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަމާޒަކީ ބެރިޔަންފަރުގައި އަޅައި އެއާޕޯޓާއެކު މި އަތޮޅުގެ ދެކުނުގައި ހުރި ރަށްތަކަށް ދަތުރުފަތުރުގައި ބޮޑު ލުޔެއް ހޯދައި ދިނުން ކަމަށެވެ.
"އަޅުގަނޑުމެން ބެރިޔަންފަރު ނިންމީ ވަރަށް ގިނަ މަޝްވަރާތަކަކަށްފަހު،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ފައިނުގައި ކުރިން އެއާޕޯޓު އަޅަން ނިންމި ނަމަވެސް މަޝްވަރާތަކުން ދެނެގަނެވުނީ، އެންމެ ގިނަ ރައްޔިތުންތަކަކަށް ފައިދާވާނީ ބެރިޔަންފަރުގައި އެއާޕޯޓު އަޅައިގެން ކަމަށެވެ.
"ތިމާވެއްޓާ ބެހޭ ބޭފުޅުން މީގައި ކޮންމެ ވެސް ވަރެއްގެ ހިތްބަރު ކަމެއް އޮވެދާނެ،" މަޝްރޫއު ހިންގާނީ ވެއްޓަށް ލިބޭ ގެއްލުން ކުޑަވާނެހެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމަކީ އޭގެން ލިބެންހުރި ވަސީލަތްތައް ރަނގަޅު ގޮތުގައި އެންމެ ފައިދާވާނެހެން ބޭނުން ކުރުން ކަމަށެވެ.
ދެވަނަ ދައުރުގައި ފައިނުގައި ހިންގާނެ މަޝްރޫތައް:
- ރިންގްރޯޑެއް ތަރައްގީކުރުން
- ބަނދަރު އެކްސްޓެންޝަނާއެކު ދޯނި އެހެލާނެ ތަނެއް ގާއިމްކުރުން
- ޓެނިސް ކޯޓެއް ތަރައްގީކުރުން
- ފުޓުބޯޅަ ދަނޑެއް ތަރައްގީކުރުން
- މޫދަށް އެރޭ ޓްރެކެއް ހެދުން
- ކަރަންޓް ޚިދުމަތް އަޕްގްރޭޑްކޮށް ރިނިއުބަލް އެނާޖީ ބޭނުންކުރުން