ރައީސް ވިދާޅުވެދެއްވީ ހެޔޮ ވެރިކަމެއްގައި ހުންނަންވީ މުހިންމު ސިފަތައް!

ރައީސް ބ. ދަރަވަންދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ފާއިތުވެދިޔަ ސަރުކާރުތަކުގެ ތެރެއިން ހެޔޮވެރިކަމެއްގައި ހުންނަންވީ ސިފަތައް ހުރި ސަރުކާރެއްގެ ގޮތުގައި ރައްޔިތުންނަށް ފެންނަން އޮތީ މި ސަރުކާރުކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިރޭ ބ. ދަރަވަންދޫގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހެޔޮ ވެރިކަމަކީ ރައްޔިތުންނަށް ކޮށްދޭ ވެރިކަމެއް ކަމަށެވެ.

"[އެއީ]ރައްޔިތުން ބުނާ ގޮތަށް، ރައްޔިތުން އެދޭ ގޮތަށް ކުރާ ވެރިކަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ހެޔޮވެރިކަމެއް ކުރެވޭނީ އިންތިޚާބުކުރާ ވެރިއެއްގެ ކިބައިގައި ހުންނަ ސިފަތަކުގެ ތެރެއިން ކަމަށެވެ.

އެގޮތުން އައު ގާނޫނު އަސާސީގެ ދަށުން 2008 އިން ފެށިގެން އިންތިޚާބުކުރި ވެރިންގެ ތެރެއިން 2018 އާ ހަމައަށް ވެސް ހެޔޮވެރިކަމެއް ކުރި ވެރިއަކު ރައްޔިތުން ނުދެކޭކަމަށް ރައީސް ވިދާޅުވިއެވެ. އެ ކަން ހާމަވަނީ އަބަދުވެސް އިންތިޚާބާ ދިމާކޮށް ސަރުކާރު ބަދަލުކުރަން ނިކުންނާތީކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް މިފަހަރުގެ އިންތިޚާބުގައި އެ ރޫހެއް ނެތްކަމަށާއި މިހާތަނަށް ވަޑައިގެންނެވުނު ހުރިހާ ރަށަކުން ވެސް ފެނުނީ މި ސަރުކާރާއެކު ކުރިއަށްދާން ރައްޔިތުން ތިބި މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ ތިމަންނަމެން ކުރިއަށްދާނީ މިހާރު އޮތް ވެރިކަމާއެކުގައޭ. އެއީއޭ ތިމަންނަމެން ބޭނުންވާ ހެޔޮވެރިކަމަކީ،" ރައީސް ވިދާޅުވިއެވެ.

އެއާއެކު ރައީސް ހިއްސާކުރެއްވީ ބ. ހިތާދޫއިން ކުޑަކުއްޖަކު އެ މަނިކުފާނާ ހިއްސާކުރި ވާހަކައެެކެވެ.

"ކުޑަކުއްޖަކު އަޅުގަނޑާ ސަލާންކޮށްލައިފައި ބުނި ވާހަކައެއް. ތިމަންނަ ބޭނުމޭ ރާއްޖޭގެ ވެރިކަމަށް އަރަން. ހިންޓެއް ދީބަލާށޭ ތިމަންނައަށް. އަޅުގަނޑު ބުނިން ނަމާދުކުރަންހޭ. ބޯ ޖަހައިލީ. ދެން އަޅުގަނޑު ބުނިން މީހުން ދެކެ ރުޅި ނާންނައްޗޭ. މީހުޖް ދައްކާ ވާހަކަ އަޑުއަހަންވާނޭ. މަޝްވަރާކުރަަންވާނޭ. ބުނީމާ ބުނީ، ވަރަށް ރަނގަޅޭ އެނގިއްޖެޔޭ. އަޅުގަނޑު ބުނިން އަދި އަންނަންވާނޭ ބައްދަލުކުރަން، ވާހަކަދައްކައިލަން. ބުނީ، މިހާރު ތިމަންނައަށް އެނގިއްޖޭ، ހެޔޮވެރިކަމެއް، ވެރިކަން ކުރަންވީ ގޮތް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ހެޔޮވެރިކަމެއް ކުރެވޭނީ އަވަހަށް ރުޅި އިސްނުކޮށް، މަޝްވަރާއާއެކު މީހުން ދައްކާ ވަހަކަ އަޑުއަހައިގެން ކަމަށެވެ. ރައްޔިތުން އިންތިޚާބުކުރާ ވެރިއަކު ވެރިކަންކުރަންވާނީ އެ ސިފަތަކުގެ މަތީގައިކަމަށް ރައީސް ވިދާޅުވިއެވެ.

ދެން ވެސް ވެރިއަކު އިންތިޚާބުކުރާއިރު އެ ކަންކަމާމެދު ރައްޔިތުން ވިސްނުމަށް ރައީސް އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވީ ހެޔޮވެރިކަމެއް ކުރުމަށް ވިސްނަންވީ މައިގަނޑު ކަންކަމަކީ ސަރުކާރު ޖަވާބުދާރީވުމާއެކު ކަންކަން ހާމަކުރުން ކަމަށެވެ. އެގޮތުން މި ފަސް އަހަރަކީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ހަޔާތުގައި ވެސް އެންމެ ގިނައިން ވަޒީރުން މަޖިލީހަށް ޖަވާބު ދިން ދައުރުކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ތެރެއިން 10،000އަށްވުރެ ގިނަ ފޯމަށް ޖަވާބުދީ މައުލޫމާތު ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންސާފު ގާއިމްވުން ވެސް މުހިންމުކަމަށެވެ. އެގޮތުން މިއަދު އިންސާފު ގާއިމްވެފައިވާއިރު ދެން ޖެހެނީ ވަސީލަތްތައް އިތުރުކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ މަސައްކަތް ހުންނަންވާނީ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ކަމަށެވެ. އެ ގޮތުން ރައްޔިތަކު ޚިދުމަަތަށް އެދުމުން ނުވާނޭ ނުބުނެ، އެ ކަމެއް ކޮށްދޭން މަސައްކަތް

"ގާނޫނުގެ ދެ ފޮޅުވަތް ދޭތެރެއިން ނަމަވެސް އެ ގޮތް ހޯދައިގއެން ރައްޔިތުން އެ ބޭނުންވާ ކަމެއް ފޯރުކޮށްދިނުމަކީ ސަރުކާރު މުވައްޒަފުންގެ ވަޒީފާގައި ތިއްބެވި ބޭފުޅުންގެ ކަމަކަށް ހައްދަވަން ޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މުސާރަތައް ބޮޑުކުރައްވަނީ އެ ބޭނުމުގައި ކަމަށާއި އެ ކަމުގެ ނަތީޖާ ފެންނަންވާނެ ކަމަށެވެ.

comment ކޮމެންޓް