މެންޗެސްޓާ ޔުނައިޓެޑުން ފެނަބާޗޭގެ ތުރުކީ ގޯލްކީޕަރު އަލްޓާއީ ބަޔުންޑުރް ހޯދުމަށް ބިޑެއް ހުށަހަޅައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފެނަބާޗޭގެ އެއް ނަމްބަރު ގޯލްކީޕަރު ބަޔުންޑުރް ހޯދުމަށް ޔުނައިޓެޑުން ވަނީ ހަ މިލިއަން ޕައުންޑްގެ ބިޑެއް ހުށަހަޅައިފައެވެ. ބަޔުންޑުރް އެހެން ކްލަބަކާ ގުޅުމަށް މަޝްވަރާތައް ކުރުމުގެ ހުއްދަ ފެނަބާޗޭ އިން އޭނާއަށް ދީފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ބަޔުންޑުރް އަކީ 2019 ވަނަ އަހަރުން ފެށިގެން ފެނަބާޗޭގެ އެއް ނަމްބަރު ގޯލްކީޕަރެވެ. މިހާތަނަށް އޭނާ ވަނީ ފެނަބާޗޭއަށް 100 އަށްވުރެ ގިނަ މެޗު ކުޅެ، އެ ކްލަބާއެކު މިދިޔަ ސީޒަނުގެ ތުރުކީ ކަޕް ކާމިޔާބުކޮށްފައެވެ. ބަޔުންޑުރް ވަނީ ތުރުކީ ގައުމީ ޓީމަށް ވެސް 12 މެޗެއް ކުޅެފައެވެ.
މިސީޒަނުގައި ޔުނައިޓެޑުގެ ގޯލަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ގިނަ އަހަރުތަކެއް ވަންދެން ޔުނައިޓެޑުގެ ގޯލު ބަލަހައްޓަމުންދިޔަ ސްޕެއިން ކީޕަރު ޑޭވިޑް ޑެހެއާގެ ކޮންޓްރެކްޓް އާކުރުމުގެ ބަދަލުގައި އެ ކްލަބުން ވަނީ 47 މިލިއަން ޕައުންޑް (61 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުން އިންޓަ މިލާނަށް ކުޅެމުންދިޔަ އަންދްރޭ އޮނާނާ ގެނެސްފައެވެ.
އޭގެ އިތުރުން ޔުނައިޓެޑުން ލޯނުގެ ދަށުން ކީޕަރު ނޭތަން ބިޝޮޕް ސަންޑަލޭންޑަށް ދޫކޮށްލި އިރު، ކީޕަރު ޑީން ހެންޑަސަން ވެސް ދަނީ ކްރިސްޓަލް ޕެލަސްއާ ގުޅުމަށް މަސައްކަތްކުރަމުންނެވެ. އެހެންކަމުން ޔުނައިޓެޑަށް ވަނީ އިތުރު ކީޕަރުން ހޯދުމަށް މަސައްކަތްކުރަން މަޖުބޫރުވެފައެވެ.
ޔުނައިޓެޑާ ބަޔުންޑުރް ގުޅިއްޖެ ނަމަ، ފެނަބާޗޭ އިން ހޯދާނީ ކްރޮއޭޝިއާ ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރު ޑޮމިނިކް ލިވާކޮވިޗް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި ލިވާކޮވިޗް މިހާރު ކުޅެމުންދަނީ ޑައިނަމޯ ޒަގްރެބްއަށެވެ.