ދެވަނަ ބުރަކަށް ރިޔާސީ އިންތިޚާބު ގެންދަން މަސައްކަތްކުރުމުގެ ބޭނުމެއް ނެތްކަމަށާއި އަދި ވެސް އެކުގައި މަސައްކަތްކުރުމަށް ވަގުތު އެބައޮތްކަމަށް ވިދާޅުވެ، އެ މަނިކުފާނާއެކު އިންތިޚާބުގެ މަސައްކަތާއިގެން ކުރިއަށް ދިއުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ގޮވައިލައްވައިފިއެވެ.
މީގެ ކުރިން ބ. ގޮއިދޫގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވެސް އެ މަނިކުފާނުވަނީ ކުދި ޕާޓީތަކުގެ ސީދާ ބޭނުމަކީ ރިޔާސީ އިންތިޚާބުގެ ވޯޓު ބައިކޮށް ދެވަނަ ބުރަކަށް ގެންދިއުންކަމަށް ވިދާޅުވެފައެވެ.
އަދި އެ ކަމުގެ ބޭނުމަކީ ދެވަނަ ބުރެއްގައި ކޯލިޝަނެއް ހަދައި މަގާމުތަކެއް ދެން އަންނަ ސަރުކާރަކުން ހޯދުންކަމަށް ރައީސް ވިދާޅުވިއެވެ.
މިފަދައިން މީގެ ކުރިން ރަައީސް ވިދާޅުވެފައިވާއިރު މިއަދު އަނެއްކާވެސް ބ. ކެންދޫގައި ވާހަކަފުޅުދައްކަވަމުން ރައީސްވަނީ ކޯލިޝަންގެ ދައުވަތު ގަބޫލުނުކޮށް ވަކިން މަސައްކަތް ކުރަމުން އަންނަ ޖުމްހޫރީ ޕާޓީއަށާއި އެމްއާރްއެމްގެ މެމްބަރުންނަށް، އެމްޑީޕީއާ އެކުގައި މަސައްކަތްކުރުމަށް ދައުވަތު ދެއްވާފަދަ މޭރުމަކުން ވާހަކަފުޅުދައްކަވައިފައެެވެ.
އެގޮތުން ރައީސް ވިދާޅުވީ ސީރިއަސް ކަމާއެކު އިންތިޚާބަށް މަސައްކަތްކުރަނީ މަދު ކެންޑިޑޭޓުންތަކެއްކަމަށެވެ. ދެން ތިބި ކެންޑިޑޭޓުން މަސައްކަތްކުރަނީީ ދެވަނަ ބުރަކުން، ކޯލިޝަން ހަދައި ލިބޭނެ ވަޒީފާއަކީ ކޮބައިތޯ، ނުވަތަ ކެބިނެޓުގެ ކިތައް މަގާމުތޯ ނުވަތަ ކުންފުނިތަކުގެ ކިތައް މަގާމުތޯ ބެލުމަށްކަމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ކަމުގައި އެ ބޭފުޅުން އެ މަސައްކަތްކުރައްވަނީ. ބައެއް ބޭފުޅުން ވަރަށް ކޯފާ އިސްވެވަޑައިގެން. މަންޒަރުތައް ފެންނަން ފެށީމާ ވާނީ އެހެންނޫންތޯ. އަޅުގަނޑު ދަންނަވާނީ އެ ހުރިހާ ބޭފުޅުންނަށް ވެސް ވިސްނައިވަޑައިގަންނަވާށޭ. ޖަންގަލީގައި ހުންނާނީ މަގުތައް އެކި ގޮތަށް އެކި ގޮތަށް. އަންތަރީހަށް ނުމެ އަރާ ވިސްނުން އަބަދުވެސް އިސްކުރަން ޖެހޭނީ،" ރައީސް ވިދާޅުވިއެވެ.
އެއަށްފަހު ރައީސް ވިދާޅުވީ މިދިޔަ އިންތިޚާބުގައި ވެސް އެ މަނިކުފާނު ތަކުރާރުކުރެއްވިކަމަށް ވިދާޅުވި ޅެން ބައިތެކެވެ.
"އަޅުގަނޑު މިދިޔަ އިންތިޚާބުގައި ވެސް ބުނި ވާހަކައެއް އެއީ. ޖަންގަލީގައި ވޭ މަގުތައް އެކި ގޮތަށް އެކި ގޮތްގޮތަށް. އަންތަރީހަށް ނުމެއަރައި ވިސްނުން އެހަށް އިސްކުރަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެއްބުރުން އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށެވެ.
އެގޮތުން ދެވަނަ ބުރެއްގައި ހަދާ ކޯލިޝަންތަކުގެ މާޒީ މީގެ ކުރިން ފެނިފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ މާ ގިނަ ދުވަހު އެ ކޯލިޝަންތައް ދެމިއޮވެފައި ނުވާކަމަށް ވިދާޅުވެފައެވެ.
"އެއަކު ޝައްކެތް ކުރާނެތަނެއް މިއަދަކު އަޅުގަނޑަކަށް ނުފެނޭ. ދެން ވެސް ކުރަންވީ ކަމަކީ ވިސްނުން އިސްކުރައްވައި އަޅުގަނޑުމެންނާ އެއްކޮޅަށް އެ ހުރިހާ ބޭފުޅުން އަރައިވަޑައިގަތުން. އެ ބޭފުޅުންނަށް ފައިދާ ހުރި ގޮތަކީ ވެސް އެއީ. އެ ޕާޓީތަކަށް ފައިދާ ހުރި ގޮތަކީ ވެސް އެއީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ ދެވަނަ ބުރަކަށް އިންތިޚާބު ގެންގޮސް 'އޭގެން ބައިނަގަން ނޫޅުމަށް' އިލްތިމާސްކުރައްވައިފައެވެ.
ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމް އަކީ އިންތިޚާބަށް ނުކުތުމުގެ ކުރިން ރައީސް ކޯލިޝަަންގެ ދައުވަތު ދެއްވުމުން އެކަން ގަބޫލުނުކޮށް ވަކިން މަސައްކަތް ފެށި ދެ ޕާޓީއެވެ.
ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހީމް ވާދަކުރައްވާއިރު އެމްއާރްއެމާ ވަކިން އަމިއްލަ ގޮތުން ވާދަކުރައްވަނީ އެމްއާރްއެމްގެ ރައީސްކަމުގައި ހުންނެވި ފާރިސް މައުމޫނެވެ.